މުޖުތަމަޢުގެ އިޙްތިރާމު ހޯދުމާއި މަޤާމުގެ މަތީ ފަންތިއަށް އަރައިގަތުމަށްޓަކައި ބައެއް މީހުން އެކި ކަހަލަ ހީލަތްތެރި ގޮތްތައް ބޭނުންކުރުމަކީ އާންމު ކަމެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގައި ފާހަގަކުރެވޭ އެއް ކަމަކީ ނަކަލީ ނުވަތަ ފޭކު ތަޢުލީމީ ސަނަދުތައް ހޯދުމުގެ މައްސަލައެވެ. މިއީ ދޭތެރެ ދޭތެރެއިން އާންމުންގެ ސަމާލުކަމަށް އަންނަ, ބޮޑު ގައުމީ މައްސަލައެކެވެ. އަނެއްކާވެސް މިވަނީ އެފަދަ, އަދި އާންމުންގެ ސަމާލުކަން މާބޮޑަށް ލިބިގެން ގޮސްފައިވާ މައްސަލައެއް ފެންމަތިވެގެން ގޮސްފައެވެ.
ރާއްޖޭގެ ވަޒީރެއްގެ މަޤާމުގައި ހުންނެވި އިހުސާން ވަނީ، އެއްވެސް އިލްމީ ހައިސިއްޔަތެއް ނެތް ތަނެއްކަމަށް ބެލެވޭ "ޔޫރަޕިއަން އިންޓަރނޭޝަނަލް ޔުނިވަރސިޓީ" އަށް 10,000 ޔޫރޯ ދައްކައިގެން ނަކަލީ ޕީއެޗްޑީއެއް ހޯދާފައެވެ. އޭނާއަކީ ޕީއެޗްޑީއަކަށް ބޭނުންވާ ރަސްމީ ތަޢުލީމެއް ދުވަހަކުވެސް ޙާޞިލުކޮށްފައިވާ މީހެއްނޫނެވެ. މިއީ ދަންނަ މޮޅު ބޭފުޅުން ގިނަ އަހަރުތަކެއް ހޭދަކޮށްގެން ޙާޞިލުކުރާ ފެންވަރުގެ ސަނަދެކެވެ. އެހެނަސް އެ މަސައްކަތްތައް ނުކޮށް ފައިސާއިން ސަނަދު ގަތުމަކީ އިޙްތިރާމާއި ޤަދަރު ލިބެންޖެހޭ ޙަޤީޤީ ތަޢުލީމީ ފަންނުވެރިންނަށް ކުރެވޭ މަލާމާތެކެވެ.
އަޖައިބުވާ އަނެއް ކަމަކީ އިހުސާން ފައިސާއިން ސަނަދު ހޯދުމަށްފަހު، އެކަން ފާހަގަކުރުމަށް އަލިމަތާ ރިސޯޓުގައި ޚާއްޞަ ހަފްލާއެއް ބާއްވާފައިވުމެވެ. އެ ހަފުލާގައި އޭނާއަށް ފޭކު ޕީއެޗްޑީ ސެޓުފިކެޓެއް ހަވާލުކުރެވުނެވެ. އަދި މިއީ ލިބުނު ބޮޑު ފަޚުރެއްކަމުގައި ދެކި, އެއްއިރަކު އިހުސާން ވަނީ މިހަފްލާގެ ފޮޓޯތައް އާންމުކޮށް. ޑރ. ނަމުގެ ކުރިޔަށް ޖަހައިގެން އޭނާގެ ޕްރޮފައިލްވެސް އަޕްޑޭޓްކޮށް ހަދާފައެވެ. އެހެންނަމަވެސް, އައިރު ގާނޫނީ ގޮތުން އިލްމީ ސެޓްފިކެޓެއް ހޯދުމަށް އިހުސާން ބޭއްވި މި ހަރަކާތްތައް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކުރިޔަށް ދިޔައިރުވެސް އެއްވެސް ފަރާތަކުން މިކަން ހުއްޓުވުމަށް ވިސްނާފައިނުވާކަމީ ވިސްނާލަންޖެހޭ ކަމެއްކަމުގައި އިލްމީ ގިނަބަޔަލު ދަނީ ބުނަމުންނެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން, އިހުސާން ވަނީ އޭނާގެ ނަމުގެ ކުރިއަށް "ޑރ." ޖަހައިގެން ސޯޝަލް މީޑިއާގައި އަމިއްލަ ޕްރޮފައިލްތައް އަޕްޑޭޓްކޮށްފައެވެ. މިއީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ފަތުރައި، ރައްޔިތުންނަށް އޮޅުވާލުމެވެ. އަދި އޭނާގެ އީގޯ (ތިމާގެ ބޮޑާކަން) އާއި އިޚްލާޞްތެރިކަން ކުޑަކަން ދައްކުވައިދޭ ކަމެކެވެ.
ރާއްޖޭގެ ވަޒީރެއްގެ ފަދަ އިސް މަޤާމެއްގައި ހުންނަ މީހަކު މިފަދަ ޢަމަލެއް ހިންގުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ، ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ ފަރާތަކުން މިފަދަ ދޮގުތަކެއް ހެދުމުން، މުޅި ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެންދާނެތީއެވެ. މީގެއިތުރުން، އޭނާއަކީ ނަކަލީ ސަނަދެއް (ފޭކު ސަނަދެއް) ބޭނުންކޮށްގެން މަޤާމު ހޯދާފައިވާ މީހަކަށްވާތީ، ދައުލަތުގެ ސިއްރު މަޢުލޫމާތުތަކަށް ވަދެވޭ މަޤާމެއްގައި ހުރެފައި އެކަން ފާޅުވިޔަ ނުދިނުމަށް އެކި ފަރާތްތަކުގެ ނުފޫޒަށް ލެބެން މަޖުބޫރުވެދާނެތީވެސް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ޤައުމީ ސަލާމަތަށް ސީދާ ގޮތެއްގައި ކުރިމަތިވާ ބޮޑު ނުރައްކަލެކެވެ.
ދައުލަތުގެ މަޤާމުތަކުގައި ތިބެންޖެހޭނީ ތެދުވެރި، ޤާބިލު އަދި އިޚްލާޞްތެރި ބޭފުޅުންނެވެ. ފޭކު ސަނަދުތަކަށް ބަރޯސާވެގެން މަޤާމުތައް ހޯދާ ފަރާތްތަކަކީ ނިންމާ ނިންމުންތަކުގައި އެ ދާއިރާއާ ގުޅޭގޮތުން ބޭނުންވާ ޢިލްމީ ފުންމިން ނެތް ބައެކެވެ. މިފަދަ މަޤާމުތަކަށް ފައިސާގެ ބާރު ބޭނުންކޮށްގެން އަރައިގަތުމަކީ ޤައުމުގެ މުސްތަޤުބަލު ދަށަށް ދިއުމަށް މަގުފަހިކުރުވާ ކަމެކެވެ.
ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެ ޤައުމެއްގެ އިންސާނީ ވަސީލަތްތަކުގެ ފެންވަރާއި، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް ޤައުމުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބޭފުޅުންނެވެ. މިއަދުގެ ޖީލުތަކުން ދެކެން ބޭނުންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަމޫނާއެވެ. އެހެނަސް، ގަނޑުވަރުގެ ތެރެއިން ފެންނަ މި މަންޒަރުތަކުން ދަސްވަނީ ކޮން އަގެއްތޯއެވެ؟
ޤައުމީ ތަރައްޤީއަށާއި ޤައުމަށް ޓަކައި ދިވެހި ކޮންމެ ރައްޔިތަކުވެސް ދެކެން ބޭނުންވާނީ ތެދުވެރި، ޤާބިލު އަދި އިޚްލާޞްތެރި ވެރިންނެވެ. ދިވެހިރާއްޖެ ބައްޓަންކުރުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ޤައުމީ މަޞްލަޙަތު އިސްކުރެވޭނަމަ، މިފަދަ ފޭކު ސަނަދުތަކުން ބިނާވެފައިވާ މަކަރުވެރި މަޤާމުތަކެއް ނުހުންނާނެއެވެ. އެހެންކަމުން، ވަގުތު އޮއްވާ މިކަންކަން އިޞްލާޙުކޮށް، ޤައުމުގެ ވައްޓަފާޅިއާއި ބުރުސޫރައް ރިވެތިކޮށް, އިޚްލާސްތެރިކަން ނެތް ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.