ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތައް ގޯސްވެ, އެތަނުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާ, ތެލަސީމިއާ ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބެލެނެވެރިން ރޭކުރި މުޒާހިރާއަށްފަހު, ހާލުތުގެ އެޑްވާންޓޭޖްނަގާ, ތެލަސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ ހާލަތުގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް މިއަދު މުއިއްޒު އެ ސެންޓަރަށް ވަޑައިގެން އެ ސެންޓަރުގައި އެޑްމިޓް ކޮށްފައި ތިބި ތެލަސީމިއާ ބަލިކުދިންގެ މޫނު ފެންނާނެހެން އަދި އެކުދިންގެ އައިޑެންޓީޓީ އާންމުންނަށް އެގޭނެހެން ރައީސް އޮފީހުގެ ވެބްސްއިޓް މެދުވެރިކޮށް އެފޮޓޯތައް އާންމުކޮށްފިއެވެ.
އެހެންނަމަވެސް މުޖުތަމައުގައި ދިރިއުޅެމުންދާ, ޙާއްސަ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މިފަދަ ކުދިންގެ ފޮޓޯ މިބީދައިން ސިޔާސީ މަގުސަދު ހާސިލް ކުރުމަށް އާންމު ކުރުމަކީ ގާނޫނީ ގޮތުންވެސް މަނާ ކޮށްފައިވާ ކަމެކެވެ.
އަދި އެއީ އެފަދަ ކުދިންގެ ހައްގުތަކަށް އަރައިގަތުންކަމަށް ބަލާ, ހިއުމަން ރައިޓްސް ކޮމިޝަންފަދަ މުވައްސަސާތަކުންވެސް, އެފަދަ ޟައީފް ކުދިންގެ ފޮޓޯ ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނުނެގުމަށް އިލްތިމާސް ކޮށްފައި ވެއެވެ,
އެހެންމަވެސް ތެލަސީމިއާ ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބެލެނެވެރިން ރޭކުރި މުޒާހިރާއަށްފަހު, ތެލަސީމިއާ ސެންޓަރުގެ ހާލަތު ބަލާލުމަށް ކަމަށް ވިދާޅުވެ މިއަދު މުއިއްޒު އެ ސެންޓަރަށް ޒިޔާރަތް ކުރެއްވީ ޕީއެސްއެމް މީޑިއާ ކުރޫއާއި އަދި ފޮޓޯ ގްރާފަރުންނާވެސް އެކުއެވެ. އަދި މުއިއްޒު އެކުދިންގެ ދަތްދޮޅި ދަށުގައި ފިރުމަމުން ދަނިކޮށް ފޮޓޯ ނެގުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުގައިވަނީ އެކުދިންގެ ފޮޓޯ އާންމުކޮށްފައެވެ.
މިފަދަ ބަލިކުދިންތަކެއްގެ ފޮޓޯ އާންމުކޮށް, އެއީ ބޮޑު އިވެންޓެއްގެ ގޮތުގައި ދައްކާ, މުއިއްޒުގެ ވަފާތެރިކަމާއި އިހުސާންތެރިކަން ތަމްސީލުކޮށްދިނުމަށް އެ ފޮޓޯތަކުގެ ބޭނުން ކުރުމަކީ, އެކުދިންގެ ހާލަތުގެ މަންފާ ނަގާ, ސިޔާސީ މަންފާ ހާސިލްކުރުމަށް މުއިއްޒު ޖެއްސެވި ބޮޑު ސިޔާސީ ސްޓަންޓެކެވެ.
އަދި މުއިއްޒުއަކީ, މިފަދަ ކޮންމެ ހާލަތެއްގައިވެސް މި ބީދައިމން ސިޔާސީ ސްޓަންޓް ޖައްސަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅު, މާލެއަށް ބޯކޮށް ވާރޭވެހޭ ކޮންމެ ދުވަހަކުވެސް, ގަންބޫޓުގައި ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް މުއިއްޒުވަނީ މަގުތައްމައްޗަށް ނިކުންނަވާފައެވެ. އެހެންނަމަވެސް ފަހުން އާންމުންގެ ފާޑުކިއުން އަމާޒުވާން ފެށުމުން އެ ސްޓަންޓްތައް ޖެއްސެވުން މުއިއްޒުވަނީ ހުއްޓަވާލައްވާފައެވެ.
އެހެންނަމަވެސް އެންމެފަހުން މުއިއްޒު ސިޔާސީ ސްޓަންޓް ޖެއްސެވުމަށް މިބޭނުން ކުރެއްވީ ތެލަސީމިއާކުދިންގެ ޟައީފްކަމެވެ. ސިޔާސީ މަގްސަދު ހާސިލްކުރުމަށް މުއިއްޒު މުޖުތަމައުގައި ތިބި އެންމެ ޟައީފް ބަލިކުދިންގެ ފޮޓޯ ބޭނުން ކުރުމަކީ އެކުދިންގެ ހައްގުތަކަށް އަރައިގަތުމެވެ. މުއިއްޒުގެ މި ރަހުމް ކުޑަ, އަދި ގޮތެއް ނެތް އަމަލު ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކުން ކުއްވެރިކޮށް ފިޔަވަޅުވެސް އަޅާން ޖެހެއެވެ.