ޚަބަރު

ތެލެސީމިއާ ސެންޓަރުގެ ހާލަތު އޮތީ ނޭނގި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބުހުތާނު ދޮގު, ތެލެސީމިއާ ޕޭޝަންޓުންވަނީ މުއިއްޒުގެ ފޯނަށް މެސެޖްކޮށް, ސިޓީވެސް ލިޔެ ހަދާފަ! މިޑިއާގައިވަނީ އެތައް ފަހަރަކު އެވާހަކަތައް ދެކެވިފަ!

ދިޔަވަރު
ތެލެސީމިއާ ސެންޓަރުގެ ހާލަތު އޮތީ ނޭނގި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބުހުތާނު ދޮގު, ތެލެސީމިއާ ޕޭޝަންޓުންވަނީ މުއިއްޒުގެ ފޯނަށް މެސެޖްކޮށް, ސިޓީވެސް ލިޔެ ހަދާފަ! މިޑިއާގައިވަނީ އެތައް ފަހަރަކު އެވާހަކަތައް ދެކެވިފަ!

ތެލެސީމިއާ ސެންޓަރުގެ ހާލަތު މީގެން އެނގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިއަދު ދޮގު ހައްދަވައިފިއެވެ.

ތެލަސީމިއާ ސެންޓަރުގެ ހާލަތު މިއަދާ ހަމައަށް އައިއިރު އެނގިނުލައްވާ ކަމަށާއި، ނަމަވެސް ދެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު މިއަދު ވިދާޅުވީ ތެލަސީމިއާ ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބެލެނެވެރިން ރޭކުރި މުޒާހިރާއަށްފަހު, ހާލުތުގެ އެޑްވާންޓޭޖް ނެގުމަށް މިއަދު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުމަށްފަހުއެވެ.

ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ ރޭ މުޒާހަރާ ކުރަން ފަށައިފައެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ މުޒާހަރާ ކޮށްފައިވަނިކޮށް މުއިއްޒު މިއަދު ވަނީ އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. އަދި ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރަމުންދާ އިމާރާތް، އޮރެންޖް ހިޔާއަށް ވެސް މުއިއްޒު ވަނީ ޒިޔާރާތްކުރައްވައިފައެވެ.

އެއަށްފަހު ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ކަމާ ގުޅޭ ފަރާތްތަކަށް ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ސެންޓަރުގެ ހާލަތު ކުރިން ނޭގޭކަމަށް މުއިއްޒު ދޮގު ހެއްދެވިކަން މިއަދު ހާމަވީ, އެ ސެންޓަރުގެ ހާލަތުގެ ވާހަކަތައް މުއިއްޒުގެ ފޯނަށްވެ ހިއްސާކޮށްފައިވާނޭކަމަށް ތެލަސީމިއާ ބައެއް ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބައެއް ބެލެނެވެރިން މިއަދު ހާމަކުރުމާއި ގުޅިގެންނެވެ. އަދި މުއިއްޒުއަށް އެޑްރެސްކޮށް ހާލަތު ބަޔާންކޮށް ސިޓީ ފޮނުވާފައިވާނެކަމަށްވެސް ތެލަސީމިއާ ބައެއް ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބައެއް ބެލެނެވެރިން ވިދާޅުވެފައި ވެއެވެ.

ހަމައެއާއެކު, ތަލަސީމިއާ ސެންޓަރުގެ ހާލަތު ދަށްވެ, އެވާހަކަތައް އެތައް ފަހަރަކު މީޑިއާތަކުގައިވެސް ދެކެވިފައިވެއެވެ. އެހެންނަމަވެސް މުއިއްޒު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުތެރޭވެސް އެސެންޓަރުގެ ހާލަތުގެ އެއްވެސް ވާހަކައެއް މިހާތަނަށް އަޑު އިވިފައި ނުވާކަމުގައެވެ.