ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ފެށީ އެއީ ދައުލަތަށް ޑޮލަރު ވައްދާދޭނެ ވަސީލަތެއްކަމަށް ބުނެއެވެ. އަދި އަހަރަކު ދައުލަތަށް 400 މިލިއަން ޑޮލަރު ވައްދާދޭނެކަމަށް ބުނެ މިސަރުކާރުގެ އިސްވެރިން ވަނީ ސަޅިބާސާ ކަނޑާ, ރައްޔިތުންނަށް ހުވަފެން ދައްކާފައެވެ. ޚިދުމަތް ފަށާފައިވަނީ, އެ ރަސްމިއްޔާތަށް މުއިއްޒު ވަޑައިނުގެންނެވިއެއްކަމަކު, ކުލަގަދަ ބޮޑު ރަސްމިއްޔާތަކާއެކުއެވެ.
އެހެންނަމަވެސް ބަންކަރިންގ ޚިދުމަތަށް 6 މަސް ފުރެމުންދާއިރު, މިއަދުގެ ހާލަތަކީ, އެއީ އެންމެ ކުޑަމިނުން ޚިދުމަތެއްގެ ގޮތުގައިވެސް އެޚިދުމަތް ފާހަގަވާން ނެތުމެވެ. ކުރި ޚަރަދުގެ ބައިކުޅަބައިވެސް މިއަދާއި ހަމައަށް ރިކަވަރ ވެފައެއް ނުވެއެވެ.
މިއީ މުއިއްޒު ރައްޔިތުންނަށް ދައްކާފައިވާ ބޮޑު ދަޅައެކެވެ. ނަނާ ހުވަފެނެކެވެ.
ދެން ފެށީ ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތެވެ. މިއަދާއި ހަމައަށް އައިއިރު އެ ޚިދުމަތް ފޯރުކޮށްދޭނެ އޮފީހެއް ހުޅުވާފައި ނުހުންނަ ތާނގައި, އަދިވެސް ސަރުކާރުން ކިޔަމުންދަނީ ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތް ދިނުމަށް ސަރުކާރު އަދިވެސް ތައްޔާރުވަމުންދާ ކަމުގައެވެ.
އެހެންނަމަވެސް މަހަކަށް 250,000 އެމެރިކާ ޑޮލަރުގެ ބޮޑު މުސާރައަކަށް އެބޭންކަށް ގެނައި ސީއީއޯވެސް އެންމެ ފަހުން, މުސާރަކޮޅު ކެއުމަށްފަހު ވަޒީފާއިން އިސްތިއުފާ ދީފަ ފިލީއެވެ. މިއީ މޮޅުތި ވާހަކަތައް ދައްކާ, މުއިއްޒު ރައްޔިތުންނަށް ދައްކަމުންދާ ހުވަފެންތަކުގެ ކުޑަ މިންވަރެކެވެ. ދޮގާއި މަރާއި ހީލަތްތެރިކަމުން ވެރިކަކޮށް, މުއިއްޒުއަށް ހީފުޅު ވަމުންދަނީ ތާއަބަދަށް ދިވެހި ރައްޔިތުން ގުބޯ ހެއްދިދާނެކަމަށެވެ.
އެހެންނަކުން ނޫނެވެ. މުއިއްޒުގެ ކެހިވެރިކަމާއި, މަކަރު ހެދުމާއި އޮޅުވާލުން ހުރީ މުޅީން އެހެން ގިންތިއެއްގައިކަން މިއަދު ދިވެހި ރައްޔިތުން ދަނެއެވެ. ރޯދަ މަސް ނިމުމާއެކު, މުއިއްޒު ރައްޔިތުންނަށް ހަދަމުންދާހާ ދޮގާއި މަކަރު ހަޖަމް ނުކޮށް, މި ސަރުކާރު ބަދަލު ކުރުމަށް ރައްޔިތުން މަގުތައްމައްޗަށް ނިކުމެ ބޮޑު އިހުތިޖާޖެއް ފަށާނެއެވެ. މުއިއްޒު ޒިންމާދާރު ކުރުވާނެއެވެ.