އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވި މައްސަލާގައި ދައުވާ ނުކުރާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ މުއިއްޒު ބަޔާން ނެގުމަކާ ނުލާކަން އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "ދިޔަވަރި ނޫހަށް" ކަށަވަރުކޮށްދީފައިވާ ގޮތުގައި މި މައްސަލާގައި ކުރިއަށްދާނެ ގޮތެއް ނިންމުމަށް ފުލުހުން ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅިއިރު ތަހުގީގަށް މުއިއްޒުގެ ބަޔާން ނަގާފައެއް ނުވެ އެވެ.
މިހާތަނަށް މި ތަހުގީގަށް ނަގާފައިވަނީ ފިޔާޒުގެ ބަޔާން އެކަންޏެވެ. އަދި، އޭނާގެ އަތުން ރައީސް ގުޅުއްވިކަން ކަށަވަރުކުރުމަށް ހެކި ފުލުހުން ނަގާފައިވެ އެވެ.
އެ ކަންކަމަށް ބަލާ ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވާ އޭނާއަށާއި އަދަދުގެ ނޫސްވެރިން އަދި އަދަދު ނޫހާ ދެކޮޅަށް "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވިކަން ތަހުގީގަށް ކަށަވަރުވެފައިވާކަން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ވެސް ބުނެފައިވެ އެވެ.
ޖިނާއީ ތަހުގީގުތަކުގައި ގާނޫނީ ގޮތުން އޮންނަ އާންމު އުސޫލުގެ ދަށުން މައްސަލާގައި ހިމެނޭ ދެ ފަރާތުގެ ބަޔާން ފުލުހުން ނަގަ އެވެ. ނަމަވެސް މި މައްސަލާގައި އެކަން ނުކުރީ ކީއްވެކަން ފުލުހުން އަދި ޕީޖީންވެސް ބުނެފައެއް ނުވެ އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، ގެ އިރާކޮޅު 19:04 ގަ އެވެ. ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.
ފުލުހުންގެ އިތުރުން ފިޔާޒުއަށް ބިރުދެއްކި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހު ފިޔާޒު ވަނީ އެމްއެމްސީއަށް ހާޒިރު ވެސް ކޮށްފަ އެވެ. އެއަށްފަހު ރައީސް އޮފީހާ ބައްދަލު ކުރުމަށް އެމްއެމްސީން ވަނީ މިހާރު އެދިފަ އެވެ. އެހެންނަމަވެސް ރައީސް އޮފީހުން އަދިވެސް އެމްއެމްސީއާއި ބައްދަލު ކޮށްފައެއް ނުވެއެވެ.