ފާއިތުވި ހަފްތާގައި ރާއްޖޭގެ ސޯޝަލް މީޑިއާ ގުގުމާލީ, ދައުލަތުގެ އެންމެ އިސް މަގާމްތަކުގައި ތިބި ދެ ބޭފުޅަކު ފޭކު ޕީއެޗްޑީ ސެޓްފިކެޓް ގަނެގެން ނަމުގެ ކުރިޔަށް ޑރ. ޖައްސަވައިގެން އުޅުއްވާކަމުގެ ވާހަކަތަކެވެ. އެއީ މިސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ ކަމުގެ މަގާމްގައި ހުންނެވި އިހުސާން އަލީއައި މިސަރުކާރުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ އިރުތިޝާމް އާދަމްވެ ވާހަކައެވެ.
މި ދެބޭފުޅުންވެސް ފޭކް ޕީއެޗްޑީ ސެޓްފިކެޓެއް 10,0000 ޔޫރޯއަށް ބައްލަވައިގެން އުޅުއްވަނީ, ޔޫރަޕިއަން އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ނަމުގައި އިންޑިޔާ ބަޔަކު ހިންގަމުންދާ ތަނަކުންނެވެ. އެތަނުން ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކޭޓްގެ ނަމުގައި ދޫކުރާ ސެޓިފިކޭޓެއް އަގު ދީގެން ބައްލަވައިގެން, އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ އިރުތިޝާމް އާދަމް އަދިވެސް އުޅުއްވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްގައި ނަމުގެ ކުރިޔަށް ޑރ, ޖައްސަވައިގެންނެވެ. އެހެންނަމަވެސް, މި ފޭކް ސެޓިފިކެޓްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުވި ހިސާބުން, އިހުސާން ވަނީ ސޯޝަލް މީޑިއާ ޕްރޮފައިލްގައި އޭނާގެ ނަމުގެ ކުރިޔަށް ޖެހި ޑރ. ބޭނުން ކުރުން ހުއްޓާލާފައެވެ.
މިހާރު އެނގިފައިވާ ގޮތުގައި ޔޫރަޕިއަން އިންޓަރނޭޝަނަލް ޔުނިވަރސިޓީ-ޕެރިސްގެ ނަމުގައި އިންޑިޔާ ބަޔަކު ހިންގަމުންދާ މިތަނުން ވަނީ ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކޭޓްގެ ނަމުގައި ދޫކުރާ ސެޓިފިކޭޓެ ހާސިލްކުރުމުގެ ދައުވަތު ރާއްޖޭގެ ގިނަ ބަޔަކަށް އީމެއިލްގެ ޒަރީއާއިން ފޮނުވާފައެވެ. އެ އީމެއިލްގައި ވާގޮތުން މި ތަނުން މި ސެޓިފިކެޓް ދިނުމަށް ބާއްވާ ރަސްމިއްޔާތުތައް ބާއްވަމުންދަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މަޝްހޫރު ބްރޭންޑްތަކުގެ ހޮޓެލް ތަކުގައެވެ.
ބެލެވޭ ގޮތުގައި މި ތަންތަނުގައި މިފަދަ ބައެއް ރަސްމިއްޔާތު ބާއްވަނީ, މިއީ ސައްޙަ ޕީއެޗްޑީއެއްކަން ދައްކާ, ތަނަވަސް މީހުންގެ ޝައުގުވެރިކަން ދަމައިގަތުމުގެ ބޭނުމުގައެވެ. އިހުސާނަށް ފޭކު ޕީއެޗްޑީ ސެޓިފިކެޓް އެރުވުމުގެ ހަފްލާ ބައްވާފައިވަނީ ރާއްޖޭގެ ރިސޯޓެއްގެ ބީޗް ރެސްޓޯރަންޓެއްގައެވެ. މި ސެޓިފިކެޓް ފައިސާ ދީގެން ގަތުމަށްފަހު އިހުސާންވަނީ އޭނާގެ ނަމުގެ ކުރިޔަށް ޑރ. ލުމަކީ މިއީ އޭނާގެ މަންމަގެ އެންމެ ބޮޑު ހުވަފެންކަމުގައި ބުނެ, މި ސެޓިފިކެޓަކީ އޭނާގެ މަންމައަަށް ވެދުމަކަށް އަރުވާ ސެޓިފިކެޓެއްކަމަށްވެސް ވިދާޅުވެ އޭނާގެ ސޯޝަލް މީޑިއާއިން މިކަން އިސްތިހާރުވެސް ކޮށްފައެވެ. އަދި މި ސެޓިފިކެޓް ފޮޓޯ ފްރޭމްއަކަށް ލުމަށްފަހު އޭނާގެ އޮފީހަށް ޒިޔާރަތްކުރާ މީހުންނަށް ފެންނަ ގޮތަށްވެސް މި ފޮޓޯ ބަހައްޓާފައި ހުރެއެވެ.
އިރުތިޝާމްއަށް މި ސެޓިފިކެޓް އެރުވުނީ ކޮންތަނެއްގައި ކަމެއް އެގިފައެއް ނުވެއެވެ.
އެހެންނަމަވެސް, މި ދެބޭފުޅުން ފޭކު ޕީއެޗްޑީ ސެޓިފިކެޓެއް އަގުދީގެން ބައްލަވައިގަނެ, ޢިލްމުން ވައްކަން ކޮށްފައިވާކަން ޝައްކެއް ނެތްމިންވަރަށް އެގި ހާމަވުމުން, އޭގެއިން ހާމަވެގެން ދަނީ, ތިމާމެން ހާސިލްކުރާޖެހޭ އިލްމުން ވައްކަން ކުރި ބަޔަކު ދެން ކުރާކަށް އެއަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމެވެ. އަމިއްލަ އެދުން ހާސިލްކުރުމަށް އެފަދަ ބަޔަލު ނުކުރާނެ އެހެން ވައްކަމެއް އޮންނާނެކަމަށް ގަބޫލުކުރާކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ.
މިފަދަ ބަޔަކު އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކުރާން އޮންނާނީ ކޮން ޚިދުމަތެއް ބާވައެވެ. ނުކުރާނީ ދެން އެހެން ކޮން ވައްކަމެއް ބާވައެވެ. އަމިއްލަ ނަފްސަށް އިޚްލާސްތެރިކަމެއް ނެތް ބަޔަކު, ސަރުކާރުގެ އެންމެ އިސް މަގާމްތަކުގައި ތިބުމަކީ ގައުމީ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެކެވެ. އައްޔަކަސް އަނދިރިއަކަސް ވާނޭ އެއްވަރޭ ބުނެ, މިފަދަ ބަޔަކު މިފަދަ މަގާމްތަކުގައި ބޭއްތިއްބުމަކީ މުއިއްޒު ގައުމާއި ރައްޔިތުންނަށް ވާ ވަރަށް ބޮޑު އިހުމާލެކެވެ.
މި ދެބޭފުޅުންވެސް މިހާރުން މިހާރަށް މަގާމްތަކުން ދުރުކުރުމަށް މުއިއްޒުއަށް ގޮވާލަމެވެ.