އައްޑޫ ސިޓީގައި ކަރަންޓު ކެނޑެމުންދާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް, އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ޖެން ސެޓެއްކަމަށް ބުނެ ފެނަކައިން އެ ސިޓީއަށް ގެންދަނީ ނު އަގުގައި ގަނެފައިވާ ބާ ޖެން ސެޓެއްކަން ހާމަ ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށް ގެނެސްފައިވާ ޖަނަރޭޓަރަކީ އާ ޖަނަރޭޓަރެއް ނޫންކަމަށާއި، މިއީ ކުރިން އިންޑިޔާގައި 2 އަހަރު ދުވަހު ބޭނުންކޮށްފައިވާ އެއްޗެއްކަން މިހަރުވަނީ ހާމަވެގެން ގޮސްފައެވެ. ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި މި ޖަނަރޭޓަރު ރާއްޖެއަށް ގެނައުމަށްފަހު، އޭގެ ނަން ޕްލޭޓް ބަދަލުކޮށް، އުފެއްދި ތާރީޚު 10 ސެޕްޓެމްބަރ 2024 ކަމުގައި ދައްކުވައިދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެހެންނަމަވެސް، މި ޖަނަރޭޓަރަކީ 21 ސެޕްޓެމްބަރ 2023 ގައި ދިއްލީގެ އިންޑަސްޓްރިއަލް އޭރިއާގައި (ގްރައުންޑް ފްލޯ، 10/66-ޑީ، އިންޑަސްޓްރިއަލް އޭރިއާ، ދިއްލީ - 110015) ބެހެއްޓިފައިވާ ޖަނަރޭޓަރެކެވެ. އަދި ފެނަކައިން މި ޖަނަރޭޓަރަށް ފެކްޓަރީ ޓެސްޓެއްވެސް ހަދާފައިނުވާކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވެފައި ވެއެވެ.
މި ޖަނަރޭޓަރު ގަނެފައިވަނީ 7.8 މިލިއަން ރުފިޔާއަށް، އާ ޖަނަރޭޓަރެއްގެ އަގުގައި، އިންޑިއާގެ ވިނޯދު ގުޕްޓާ (ޖާމިނަލް ޓެކްނޮލޮޖީ) މެދުވެރިކޮށެވެ. މިއީ ކުރިން ވެސް ބޭނުންކޮށްފައިވާ އާލާތްތައް ނަން ޕްލޭޓް ބަދަލުކޮށްގެން އާ އެއްޗެއްގެ ގޮތުގައި ވިއްކުމުގެ ސަބަބުން ފެނަކައިން ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެކެވެ. ފެނަކައިން އައްޑުއަށް ގެނެސްފައިވާ ޒާތުގެ ބޭނުންކޮށްފައިވާ ޖަނަރޭޓަރުތައް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާއަށް ލިބެން ހުރެއެވެ.
އައްޑޫ ރައްޔިތުންނަށާއި އައްޑޫ ސިޓީ ކައުންސިލަށް މި ޖަނަރޭޓަރުގެ ޙާލަތު މިނިވަން ފަރާތެއް މެދުވެރިކޮށް ޓެސްޓުކޮށް ބެލުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ޓެކްނީޝަނުންނަށް ޖަނަރޭޓަރުގެ، ރަންޓައިމް ލޮގްތައް އަދި އުފެއްދުމުގެ ނިޝާންތައް ޗެކްކޮށްގެން މި ޖަނަރޭޓަރު ކުރިން ބޭނުންކޮށްފައިވާކަން ކަށަވަރުކުރެވިދާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ.
އައްޑޫއަށް ގެންގޮސްފައިވާ ޖަނަރޭޓަރުގެ ތަފްޞީލް:
- އިންޖީނު މޮޑެލް: KTA-50-G8/4
- ޕަވަރ އައުޓްޕުޓް: 1735 HP @ 1500 RPM
- ސްޓޭންޑަޑް: BS 5514
- އެޕްލިކޭޝަން: ޖެނެސެޓް
- ރޭޓެޑް ކެޕޭސިޓީ: 1500 kVA
- އައިޓަމް ނަންބަރު: S038328
- ސީރިއަލް ނަންބަރު: 25487037
- ޑިއުޓީ ސައިކަލް: ސްޓޭންޑްބައި
- އޯގަނައިޒޭޝަން: ކަމިންސް DBU
- ފުރަތަމަ އިންސްޓޮލޭޝަން: 21 ސެޕްޓެމްބަރ 2023
- ލޮކޭޝަން: ޓްރޭޑިންގ އެކައުންޓް އިންޖީނު ބިޒްނަސް، ދިއްލީ
ފެނަކަ ކޯޕަރޭޝަންއަކީ ރައީސް މުއިއްޒު ކޮރަޕްޝަންގެ ފައިސާ ހޯއްދެވުމަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ ދައުލަތުގެ ކުންފުންޏެވެ. އެނގިފައިވާ ގޮތުގައި މި ޖަނަރޭޓަރ ސެޓް އައްޑުއަށް ގެންދިއުމަށް ކުރެވުނު މުއާމަލާތުންވެސް މުއިއްޒުއަށް 4 މިލިއަން ރުފިޔާގެ ކޮމިޝަން ފެނަކަ އެމްޑީ ވަނީ ހަމަޖައްސަވާ ދެއްވާފައެވެ.
ފެނަކައަކީ މިހާރު ބަގުރޫޓު ވުމުގެ މަރުހަލާގައި އޮތް ކުންފުންޏެކެވެ.
ދައުލަތުގެ ހުރިހާ ކުންފުންޏެއްގެ އެމްޑީންވެސް ގެންދަނީ އެކުންފުނިތަކުގެ ވިޔަފާރިތަކުން ކޮރަޕްޝަންފައިސާ ނެރެ, މުއިއްޒުއާއި ހަވާލު ކުރަމުންނެވެ.