ޚަބަރު

ރައީސް އޮފީހުގެ ވެބްސައިޓުން ޑރ.ގެ ލަގަބު އުނިކުރިއިރު, އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ ވެބްސައިޓުގަ އިރުތިޝާމްގެ ނަމުގެ ކުރިޔަށް އަދިވެސް އިނީ ސައްޙަ ނޫން ޑރ.ގެ ލަގަބު! ފޮރިން މިނިސްޓްރީ ހަނު!

ދިޔަވަރު
ރައީސް އޮފީހުގެ ވެބްސައިޓުން ޑރ.ގެ ލަގަބު އުނިކުރިއިރު, އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ ވެބްސައިޓުގަ އިރުތިޝާމްގެ ނަމުގެ ކުރިޔަށް އަދިވެސް އިނީ ސައްޙަ ނޫން ޑރ.ގެ ލަގަބު! ފޮރިން މިނިސްޓްރީ ހަނު!

ފާއިތުވި ހަފްތާގައި ރާއްޖޭގެ ސޯޝަލް މީޑިއާ ގުގުމާލީ, ދައުލަތުގެ އެންމެ އިސް މަގާމްތަކުގައި ތިބި ދެ ބޭފުޅަކު ފޭކު ޕީއެޗްޑީ ސެޓްފިކެޓް ގަނެގެން ނަމުގެ ކުރިޔަށް ޑރ. ޖައްސަވައިގެން އުޅުއްވާކަމުގެ ވާހަކަތަކެވެ. އެއީ މިސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ ކަމުގެ މަގާމްގައި ހުންނެވި އިހުސާން އަލީއައި މިސަރުކާރުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ އިރުތިޝާމް އާދަމްވެ ވާހަކައެވެ.

މި ދެބޭފުޅުންވެސް ފޭކް ޕީއެޗްޑީ ސެޓްފިކެޓެއް 10,0000 ޔޫރޯއަށް ބައްލަވައިގެން އުޅުއްވަނީ, ޔޫރަޕިއަން އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ނަމުގައި އިންޑިޔާ ބަޔަކު ހިންގަމުންދާ ތަނަކުންނެވެ. އެތަނުން ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކޭޓްގެ ނަމުގައި ދޫކުރާ ސެޓިފިކޭޓެއް އަގު ދީގެން ބައްލަވައިގެން, އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ އިރުތިޝާމް އާދަމް އަދިވެސް އުޅުއްވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްގައި ނަމުގެ ކުރިޔަށް ޑރ, ޖައްސަވައިގެންނެވެ. އެހެންނަމަވެސް އިރުތިޝާމް ބައްލަވައިގެންނެވީ ފޭކް ޕީއެޗްޑީއެއްކަން އާންމުވި ހިސާބުން ރައީސް އޮފީހުގެ ވެބްސައިޓުންވަނީ އިރުތިޝާމްގެ ނަމުގެ ކުރިޔަށް ލާފަ އިން ޑރ. ކަމުގެ ލަގަބު އުނިކޮށްފައެވެ.

އެހެންނަމަވެސް, ރާއްޖެއިން އިނގިރޭސިވިލާތަށް އައްޔަން ކޮށްފައިވާ އިރުތިޝާމް ވަޒީފާ އަދާކުރައްވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ ވެބްސައިޓުގައި އަދިވެސް އިރު ތިޝާމްގެ ނަމުގެ ކުރިޔަށް, ފޭކު ޑރ. ކަމުގެ ލަގަބު ޖަހާފައި އިންނަކަން ފާހަގަ ކޮށްލެވެއެވެ.

ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ ނުކުތާއަކީ, ދައުލަތުގެ މުވައްސަސާއެއްގެ ރަސްމީ ވެބްސައިޓުގައި, އެނގިހިރެ, ނަފްސު އޮޅުވާލައިގެން ސައްޙަ ނޫން މައުލޫމާތެއް އާންމު ކުރަމުން ދިއުމަކީ ހުއްދަ ކަމެއްތޯއެވެ. އަދި ފޮރިން މިނިސްޓްރީން މިފަދަ ބޮޑު އޮޅުވާލުމަކާއި ގުޅޭގޮތުން އިހުމާލުވެ, އަޅާ ނުލުން މިއީ ހަމަ ބަލައިގަންނަންވީ އުސޫލު ތޯއެވެ.

މި ފޭކް ސެޓިފިކެޓްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުވި ހިސާބުން, އިހުސާން ވަނީ ސޯޝަލް މީޑިއާ ޕްރޮފައިލްގައި އޭނާގެ ނަމުގެ ކުރިޔަށް ޖެހި ޑރ. ބޭނުން ކުރުން ހުއްޓާލާފައެވެ.

މިހާރު އެނގިފައިވާ ގޮތުގައި ޔޫރަޕިއަން އިންޓަރނޭޝަނަލް ޔުނިވަރސިޓީ-ޕެރިސްގެ ނަމުގައި އިންޑިޔާ ބަޔަކު ހިންގަމުންދާ މިތަނުން ވަނީ ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކޭޓްގެ ނަމުގައި ދޫކުރާ ސެޓިފިކޭޓެ ހާސިލްކުރުމުގެ ދައުވަތު ރާއްޖޭގެ ގިނަ ބަޔަކަށް އީމެއިލްގެ ޒަރީއާއިން ފޮނުވާފައެވެ. އެ އީމެއިލްގައި ވާގޮތުން މި ތަނުން މި ސެޓިފިކެޓް ދިނުމަށް ބާއްވާ ރަސްމިއްޔާތުތައް ބާއްވަމުންދަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މަޝްހޫރު ބްރޭންޑްތަކުގެ ހޮޓެލް ތަކުގައެވެ.

ބެލެވޭ ގޮތުގައި މި ތަންތަނުގައި މިފަދަ ބައެއް ރަސްމިއްޔާތު ބާއްވަނީ, މިއީ ސައްޙަ ޕީއެޗްޑީއެއްކަން ދައްކާ, ތަނަވަސް މީހުންގެ ޝައުގުވެރިކަން ދަމައިގަތުމުގެ ބޭނުމުގައެވެ. އިހުސާނަށް ފޭކު ޕީއެޗްޑީ ސެޓިފިކެޓް އެރުވުމުގެ ހަފްލާ ބައްވާފައިވަނީ ރާއްޖޭގެ ރިސޯޓެއްގެ ބީޗް ރެސްޓޯރަންޓެއްގައެވެ. މި ސެޓިފިކެޓް ފައިސާ ދީގެން ގަތުމަށްފަހު އިހުސާންވަނީ އޭނާގެ ނަމުގެ ކުރިޔަށް ޑރ. ލުމަކީ މިއީ އޭނާގެ މަންމަގެ އެންމެ ބޮޑު ހުވަފެންކަމުގައި ބުނެ, މި ސެޓިފިކެޓަކީ އޭނާގެ މަންމައަަށް ވެދުމަކަށް އަރުވާ ސެޓިފިކެޓެއްކަމަށްވެސް ވިދާޅުވެ އޭނާގެ ސޯޝަލް މީޑިއާއިން މިކަން އިސްތިހާރުވެސް ކޮށްފައެވެ. އަދި މި ސެޓިފިކެޓް ފޮޓޯ ފްރޭމްއަކަށް ލުމަށްފަހު އޭނާގެ އޮފީހަށް ޒިޔާރަތްކުރާ މީހުންނަށް ފެންނަ ގޮތަށްވެސް މި ފޮޓޯ ބަހައްޓާފައި ހުރެއެވެ.

އިރުތިޝާމްއަށް މި ސެޓިފިކެޓް އެރުވުނީ ކޮންތަނެއްގައި ކަމެއް އެގިފައެއް ނުވެއެވެ.

އެހެންނަމަވެސް, މި ދެބޭފުޅުން ފޭކު ޕީއެޗްޑީ ސެޓިފިކެޓެއް އަގުދީގެން ބައްލަވައިގަނެ, ޢިލްމުން ވައްކަން ކޮށްފައިވާކަން ޝައްކެއް ނެތްމިންވަރަށް އެގި ހާމަވުމުން, އޭގެއިން ހާމަވެގެން ދަނީ, ތިމާމެން ހާސިލްކުރާޖެހޭ އިލްމުން ވައްކަން ކުރި ބަޔަކު ދެން ކުރާކަށް އެއަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމެވެ. އަމިއްލަ އެދުން ހާސިލްކުރުމަށް އެފަދަ ބަޔަލު ނުކުރާނެ އެހެން ވައްކަމެއް އޮންނާނެކަމަށް ގަބޫލުކުރާކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ.

މިފަދަ ބަޔަކު އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކުރާން އޮންނާނީ ކޮން ޚިދުމަތެއް ބާވައެވެ. ނުކުރާނީ ދެން އެހެން ކޮން ވައްކަމެއް ބާވައެވެ. އަމިއްލަ ނަފްސަށް އިޚްލާސްތެރިކަމެއް ނެތް ބަޔަކު, ސަރުކާރުގެ އެންމެ އިސް މަގާމްތަކުގައި ތިބުމަކީ ގައުމީ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެކެވެ. އައްޔަކަސް އަނދިރިއަކަސް ވާނޭ އެއްވަރޭ ބުނެ, މިފަދަ ބަޔަކު މިފަދަ މަގާމްތަކުގައި ބޭއްތިއްބުމަކީ މުއިއްޒު ގައުމާއި ރައްޔިތުންނަށް ވާ ވަރަށް ބޮޑު އިހުމާލެކެވެ.

މި ދެބޭފުޅުންވެސް މިހާރުން މިހާރަށް މަގާމްތަކުން ދުރުކުރުމަށް މުއިއްޒުއަށް ގޮވާލަމެވެ.