ޚަބަރު

މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 500 ދުވަސް! މި ދަރަޖައަށް މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވި ރައީސެއް ދިވެހި ތާރީޚު ދެކެފައެއް ނުވޭ!

ދިޔަވަރު
މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 500 ދުވަސް! މި ދަރަޖައަށް މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވި ރައީސެއް ދިވެހި ތާރީޚު ދެކެފައެއް ނުވޭ!

ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅުއަހަރު ވެގެންދާއިރު, މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ 16 މަސްދުވަސް ފާއިތުވެގެން ހިގައްޖެއެވެ.

މިއީ ރާއްޖޭގެ ރައީސަކު މީޑިއާތަކާއި ބައްދަލުނުކޮށް, މައުލޫމާތު ހާމަނުކޮށް, މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާފައިވާ އެންމެ ދިގު މުއްދަތެވެ.

“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މީޑިއާތަކާއި ބައްދަލު ނުކުރައްވާ ސަބަބެއް އެނގިފައެއް ނުވެއެވެ. އަދި މީޑިއާތަކާއި ބައްދަލު ކުރެވުމަށް ވަކި ދުވަހެއް އަދި ހަމަޖައްސާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, ފާއިތުވި އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.

މުއިއްޒު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ.

ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވާއިރު, ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ހަގީގީ އަސްލަކީ މުއިއްޒެ ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށްފައިވާ ބޮޑެތި އިސްރާފްތަކެވެ.

އަދި މި ސަރުކަރުންވަނީ ސިޔާސީ މަގާމްތަކުގެ އަދަދު ސިއްރު ކޮށް, އެހެންނަމަވެސް އޭގެ ތެރެއިން 228 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށްވެސް ބުނެފައެވެ. އެހެން ހަމަ އެ މުވައްޒަފުންނަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ދިނުމަށް, ފާއިތުވިއަހަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ އެއަހަރު ނިމެމުން ދިޔައިރުވެސް 400 މިލިއަން ރުފިޔާ އެބަޖެޓުގައި ހިމަނާފައިވެއެވެ. އަދި އޭގެ ތެރެއިން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައި ނުވާކަންވެސް ފަހުން ވަނީ އެނގި ކަށަވަރު ވެފައެވެ.

މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކޮށް ފިއްލަވައިގެން އުޅުއްވާއިރު, ޚުދު މުއިއްޒުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައެވެ. އޭގެ ތެރޭގައި, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާއި ގުޅިގެން ހުޅުމާލޭގެ ގޯތި ވަގަށް ގާތް ފަރާޔްތަކަށް ދިނުމާއި, ދައުލަތުގެ އެސްއޯއީތަކުން އެމްޑީން މެދުވެރިކޮށް ކޮރަޕްޝަންގެ ފައިސާ ސީދާ މުއިއްޒު ނެންގެވުންވެސް ހިމެނެއެވެ. އަދި މުއިއްޒުވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ނުހައްގުން ވަޒީފާއިން ވަކިކޮށް, އެތައް ސަތޭކަ ބަޔަކަށް ކުރީ ސަރުކާރުން ދިން ފެލްޓްތައްވެސް ނުހައްގުން ނިގުޅައިގެންފައެވެ.

އޭގެ އިތުރުންވެސް, ރިޔާސީ އިންތިޚާބުގައި, ޝަރުއީ ދާއިރާއަށް އަތް ނުބާނުއްވާނެކަމަށް ވިދާޅުވި މުއިއްޒު މިހާރު ދަނީ ޖޭއެސްސީ މެދުވެރިކޮށް ސުޕްރިމްކޯޓުގެ ފަނޑިޔާރުން ނުހައްގުން ސަސްޕެންޑްކޮށް, މިއިން ޒަމާނަކު ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރާފައި ނުވާ މިންވަރަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރުވެސް ދައްކަމުންނެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.

މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.