އިންތިހާބީ ރައީސްގެ އެދިލެއްވުމާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މި ހަފުތާގެ ނިޔަލަށް އެނބުރި އައުމަށް ފޮރިން މިނިސްޓަރީން އަންގައިފި އެވެ.
އެ މިނިސްޓަރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން މިމަހުގެ 18 ގެ ކުރިން ރާއްޖެއަށް އަނބުރާ ގެނައުމަށް އިންތިހާބީ ރައީސް އެދިލައްވާފައިވާ ކަމަށެވެ.
މީގެ ކުރީގެ ހުރިހާ ސަރުކާރަކުން، ދައުރު ނިންމާފައި ދާ ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ ޑިޕްލޮމެޓުން ދިޔުމަށް އެއްމަސް ދުވަހުގެ މުހުލަތެއް ދެއްވިނަމަވެސް، މުއިއްޒުގެ ސަރުކާރުން ދެއްވީ އެންމެ ދުވަހެކެވެ. އަދި މިކަން އަންގާފައިވަނީ ހަފްތާއަކަށް ވެފައިވަނިކޮށް ކަމުން، ސްކޫލުން ކުދިން ވަކިކޮށް، ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ވިއްކައި، ޕެކްކޮށް މާލެ ފޮނުވަމަށް އެއީ އެކަށީގެން ވާ މުއްދަތެއް ނޫންކަމުން ގިނަބައެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އަންނަން އޮތް ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ ބޭރު ޤައުމެއްގައި ރާއްޖެ ތަމްސީލު ކުރަމުން ދާ ދިވެހިންތަކެއް، ކުއްލިއަކަށް ނިކަމެތި ކޮށްލައި ހާލުގައި ޖައްސާލުމަށް މުއިއްޒު ކުރައްވާ އަމަލެއްތޯ ބައެއް ޑިޕްލޮމެޓުން ވަނީ އައްސަވާފައެވެ.
ހަމަ ކަނޑައެޅިގެން މުއިއްޒަށް އެނގޭން 5 އަހަރު ތިބެފައި ހަފްތާއެއް ތެރޭ ޕެކް ކޮށްގެން ދާނެ ގޮތެއް ނޯންނާނެކަން! މިއީ އަނިޔާވެރިކަން ނޫން ކޮން ކަމެއްތޯ! އެކަށީގެންވާ ވަގުތު ކޮޅެއް ދެވޭނެ ނޫންތޯ؟ ކުރީގެ ހުރިހާ ސަރުކާރަކުން އެކަށީގެންވާ ވަގުތު އޮތީ ދީފައި! ހުރިހާ އެންމެންވެސް ވިސްނައިގެންތިބީ އެކަށީގެންވާ ވަގުތު ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް ދޭނެކަމަށް!
ދިޔަވަރު ނޫހުން ޓްވިޓަރއިން ޑީއެމް ކޮށް ކުރި ސުވާލަކާއި ގުޅިގެން މެލޭޝިއާގައި ހުންނަ ޑިޕްލޮމެޓެއް ކިޔައި ދެއްވިއެވެ.
އިތުރަށް އެ އެޑިޕްލޮމެޓް ހާމަކުރި ގޮތުގައި މިނިސްޓްރީގެ ގިނަ ދުވަސްވީ، ފޮރިންގ ސާރވިސް ސްޓާފުންވެސް ހިމެނޭހެން އެންމެންނަށްވެސް ތިބީ އިންތިހާބީ ރައީސް ޑިޕްލޮމެޓުންނާއި ދޭތެރޭ މިފަދައިން ކަންކުރުމުން، އެކަން ގަބޫލު ކުރަން ދަތިވެފައި ކަމަށެވެ. "އެމީހުންނަށްވެސް ވީ ސިހުމަކަށް" އޭނާގެ މެސެޖްގައި ލިޔެފައިވެއެވެ.
ޕީޕީއެމްގެ އެންމެ ފަހުން ނިމިދިޔަ ސަރުކާރަކީ، ނުހައްގުން މީހުންނަށް އަނިޔާވެރި ވުމާއި، ބަދަލު ހިފުމުގެ ރިކޯޑު އޮތް ސަރުކާރެކެވެ. އަދި އެ ސަރުކާރުގެ އެތައް ބަޔަކު މުއިއްޒުގެ ސަރުކާރުގެ އިސް މަޤާމުތަކަށް މިހާރުވަނީ އައްޔަން ކުރަން ނިންމާފައެވެ.