ޚަބަރު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން, ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވި މުއިއްޒު, މިރޭވެސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ދުނިޔޭގެ އެންމެ އަގުބޮޑު އެއަރލައިންގެ ފަސްޓު ކުލާހުގަ!

ދިޔަވަރު
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން, ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވި މުއިއްޒު, މިރޭވެސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ދުނިޔޭގެ އެންމެ އަގުބޮޑު އެއަރލައިންގެ ފަސްޓު ކުލާހުގަ!

އަމިއްލަފުޅާށާއި އަދި ނާއިބު ރައީސްވެސް, ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވި މުއިއްޒު, އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ފަސްޓު ކުލާހުގައިކަން ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ކުރެވިއްޖެއެވެ.

މުއިއްޒު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެކީއެވެ. އެ ވަފުދުގައި ފަސްޓު ކުލާހުގައި މުއިއްޒުގެ އަރިހުގައި ދަތުރުކުރައްވާ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންވެސް ހިމެނެއެވެ.

މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އެމިރޭޓްސް އެއާވޭސްގެ ފަރސްޓު ކުލާހުގައެވެ. އެމިރޭޓްސް އެއަރލައިންސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 18 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.

އެނގިފައިވާ ގޮތުގައި ޤަތަރު އެއަރވޭސްގަ މުއިއްޒުއާއެކީ ދަތުރު ކުރެއްވި ހުރިހާ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.

2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް ޤަތަރު އެއަރވޭސްގެ ފަސްޓު ކުލާހުގައެވެ.

ފަސްޓުކުލާހުގައި އެމަނިކުފާނާ ނައިބު ރައީސް ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް, ނާއިބު ރައީސްވެސް ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްވެސް ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.

މުއިއްޒު ހިމެނޭގޮތުން ސަރުކާރުގެ އިސްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ދަލަތުގެ މާލިއްޔަރުން ޚަރަދު ކޮށްގެން, އެއްވެސް ހިފެހެއްޓުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހެމުންދާއިރު, މުއިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަނުކޮށް, އާދައިގެ ސިޔާސީ ވަޒީފާތަކުގަ ތިބި މުވައްޒަފުންގެ މުސާރައް ކުޑަކޮށްފައެވެ. އަދި ސިޔާސީ ކަންކަމަށް މުއިއްޒުގެ ސަރުކާރުން ކުރާ އެހެން ޚަރަދުތައްވެސް ކުޑަ ކޮށްފައެއް ނުވެއެވެ.

ގިނަ ބަޔަކު މުއިއްޒު ސިފަ ކުރައްވަނީ ބަހާއި އަމަލާ ދިމާނުވާ ރައީސެއްގެ ގޮތުގައެވެ.