ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލެވޭ އުމުރަކީ 65 އަހަރުކަމަށް ގާނޫނަކުން ކަނޑައެޅުމަށް މުއިއްޒު ނިންމަވައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒުގެ އެންގުމަށް ބަންޑާރަ ނައިބު އުޝާމް މިހާރުވަނީ މި ބިލްގެ ޑްރާފްޓްވެސް ނިންމާފައެވެ. "ދިޔަވަރު އޮންލައިން"އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އަންނަ ދައުރު ފެށުމާއެކު މި ބިލް މަޖިލީހަށް ހުށަހަޅުއްވައިގެން, ގާނޫނަކަށް ހެދުމަށް މުއިއްޒު ވަނީ ނިންމަވާފައެވެ.
ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު ގާނޫނަކުން ކަނޑައެޅުމަށް މުއިއްޒު ނިންމަވާފައިވާއިރު, އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެޕާޓީގެ އިސް ބައެއް ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ އިތުރުން, އެޕާޓީގެ މިހާރުގެ ރައީސް އަބުދުالله ޝާހިދުއާއި, ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން މަޖިލިސް މެމްބަރު ޑރ. ޝަމްހީދުވެސް މިހާރުވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ބަދަލު ކޮށްފިނަމަ, ރައީސް ސާލިހުގެ އިތުރުން އަބުދުالله ޝާހިދުއަށް އަދި ކުރީގެ ރައީސް ޔާމިން އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށްވެސް ރާއްޖޭގެ ރައީސްކަމަށް ކުރިމަތި ލުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ. އަދި އޭގެ އިތުރުން އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށްވެސް 2028 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ. ސަބަބަކީ އެހާތަނާއި ހަމައަށް ދާއިރު ފައްޔާޒުގެ އުމުރުން 66 އަަހަރު ފުރޭނެއެވެ.
ބެލެވޭ ގޮތުގައި ދެވަނަ ދައުރެއް ހޯދުމަށް މުއިއްޒު ނިންމަވާފައިވަނީ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފާނެހެން ހީވާ ކޮންމެ މީހަކަށްވެސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ގާނޫނީ ގޮތުން ގެއްލުވާލައިގެންނެވެ.
މިއީ ދުނިޔޭގެ ޚުދުމުކްތާރު ގައުމުގައިވެސް ޚުދުމުޚްތާރު ވެރިން ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބުކޮށް, އުމުރަށް ވެރިކަމުގައި ތިބުމުގެ ފުރުސަތު ފަހިކޮށްފައިވާ ގޮތެވެ. ބޭނުމަކީ އެއްވެސް ވާދަވެރިޔަކު ނެތި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކާމިޔާބުކޮށް, ލެޖިޓިމަސީ ހޯދާ, ޚުދުމުޚްތާރު ވެރިކަމެއް ގާއިމް ކުރުމެވެ.
2028ގެ އިޔާސީ އިންތިޚާބާ ހަމަޔަށް ދާއިރު މުއިއްޒުގެ އުމުރުން ވާނީ 49 އަހަރެވެ.