އިސްރާއީލުގެ ގާތިލުންގެ ޢައްޒާއަށް އަރާ ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޢައްޒާގެ ނިކަމެތި ރައްޔިތުން ތަހައްމަލް ކުރަމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުންގެ މަސްލަހަތާ ގުޅުން އޮތް ކަމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް (ޖަނގިޔާ ނާޒިމް) ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ, ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި, ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ އިސްރާއީލުގެ ގާތިލުންގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމަށް ނިންމައި ބޭރުކޮށްލައްވަމުން, މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން އިއްވެވި ސްޓޭޓްމަންޓުގައެވެ.
އެ ސްޓޭޓްމަންޓުގައި ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކުއްލި މައްސަލަ ހުށަހެޅޭނީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރު ކުރާނެ ކަމެއް ދިމާވެގެން ކަމަށާއި, އަދި އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ. އަދި އެކަމަކާ ގުޅޭގޮތުން ސަރުކާރުން އަޅާފައިވާ ނުވަތަ އަޅާފައި ނުވާ ފިޔަވަޅަކާއި ގުޅޭގޮތުން ކަމަށް ވެސް މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވިއެވެ.
އެހެންވެ ރިޔާސަތުން ނިންމެވީ މައުރޫފް ހުށަހެޅުއްވި މައްސަލަ, ކުއްލި މައްސަލައިގެ ޝަރުތު ހަމަ ނުވާ ކަމަށެވެ.
ކުއްލި މައްސަލައަކީ ރައްޔިތުން ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައި ނުވާ ފިޔަވަޅަކަށް ފާޑުކިއުމުގޮތުން ހުށެހެޅިފައިވާ މައްސަލައެއްކަމަށް ވާން ވާނެކަމަށް ބަޔާން ކޮށްފައި ވެއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުންގެ މަސްލަހަތާ ގުޅުން އޮތް ބޮޑު ކަމެއް ނޫންކަމަށް މޭރުން ކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމާ ގުޅޭ ބިލް މަޖިލީހުގައި އޮންނަތާ ނުވަ މަސް ވެގެން ގޮސްފައިވާއިރު އެ ބިލް ފާސްނުކޮށް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން އެހެން ބިލްތައް ފާސް ކުރަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ އިސްރާއީލުގެ މައްސަލައިގައި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން އެމްޑީޕީގެ މެންބަރުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ޕީއެންސީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި މެންބަރުން އެ ހުށަހެޅުންތައް ފާހެއް ނުކުރެއެވެ.
އިސްރާއީލު ޕާސްޕޯޓް މަނާކުރަން ކެބިނެޓުން ނިންމައި އިއުލާން ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސަމާލުކަން ވެސް އެކަމަށް ލިބުނެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ އެކަން ނުކުރާތީ ސަރުކާރަށާއި ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.