ސްޓެލްކޯގެ މިހާރުގެ އެމް.ޑީ ހުސެއިން ފަހުމީ އަކީ ކޮރަޕްޓް މީހެއްކަން އޭނާ ދަންނަ އަދި އެއްކޮށް މަސައްކަތް ކޮށްފައިވާ ކޮންމެ މިހެއް ދަންނާނެއެވެ.
އަދި އޭނާއަކީ ހަވާލްވި އެއްވެސް ޑިޕާޓްމަންޓެއް ރަނގަޅުގޮތުގައި ހިންގަން ނޭގި ފެއިލްވެފައި ހުރި މީހެކެވެ. އެކި އެކި މައްސަލަތަކާއި ހެދި މަސައްކަތުން ދެތިން ފަހަރަށް ދުރުވެސް ކުރެވިފައި ހުރި މީހެކެވެ. މިފަދަ މީހަކާއި ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގެ ޒިންމާ ހަވާލްކުރުމުން ތަނުގައި ދުވަސްވީ މުވައްޒަފުންނަށް ލިބިގެންދިޔައީ ޝޮކެކެވެ. ފަހުމީގެ ކިބައިގައި ކުންފުނި ހިންގުމުގެ ގާބިލްކަން ނެތްކަން އެގޭތީއެވެ. ކުންފުނި އަޑިއަޅައިގެން ދާނެކަން އެނގޭތީއެވެ.
މިއަދު ފެންނަމުން މިދަނީ ފަހުމީއާއި ކުންފުނި ހަވާލް ކުރުމުގެ ހިތި ނަތީޖާއެވެ. މީގެ ބައެއް ކަންކަން ތިރީގައި ފާހަނގަ ކުރަމެވެ. އަދި މިކަންކަމަކީ އިތުރަށް ތަހުގިގުކޮށް ބަލަންޖެހޭ ކަންކަން ކަމުގައިވެސް ދެކެމެވެ.
ފަހުމީ އަކީ އަސްލު ކާކު؟
ފަހުމީ އަކީ ކުންފުނީގައި އެތައް ދުވަހަކު އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކޮތްފައި ހުރި މީހެކެވެ. އެންމެ މަތި ސަނަދަކަށް އޮންނަނީ މާސްޓާސް ޑިގްރީއެވެ. ގްރެޖުއޭޓް ވީ އެންމެ ދަށު ދަރަޖައިންނެވެ. ތަރޑް ކްލާސް އެވެ. ކިރިޔަ ކިރިޔާ ފާސްވީއެވެ. ފަހުމީ ގިނަ މީހުންނަށް އެނގޭނީ ޕްރޮކިޔަމެންޓް ޖީ.އެމް އަކަށް އޭނާ ހުރި ދުވަސްވަރުންނެވެ. އޭރު ކުރި ވައްކަން ތަކުންނެވެ.
ފަހުމީ ސްޓެލްކޯގައި ކޮށްފައި ހުރި ބައެއް ކަން ކަން ފާހަގަ ކޮށްލަމެވެ. ފަހުމީ އިސްވެ ހުރެ ސްޓެލްކޯއަށް ކޮޅުވެއްޓިއެއް ގަންނަން ބަޔަކާއި ހަވާލުކުރިއެވެ. ފުލް ޕޭމަންޓް އެޑްވާންސްކޮށް ދިނެވެ. އެކަމަކު އެ ކޮޅުވެއްޓި ސްޓެލްކޯއަކަށް ނުލިބެއެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏަށް ވީނުވީ އެއްވެސް ނޭގުނެވެ. ފައިސާވެސް އަނބުރާ ނުލިބުނެވެ.
ފަހުމީ އިސްވެ ހުރެ ސްޓެލްކޯއަށް ޔުނިވާސަލް ބްރޭންޑްގެ ކޭބަލް ގެނައެވެ. ގެނައީ މޯހަން މުތާ ކުންފުންޏާއި ހަވާލްކޮށްގެންނެވެ. މޯހަން މުތާއަކީ ފަހުމީއާއި ވަރަށް ގާތް ފަހުމީއަށް ކޮމިޝަންދޭކަމަށް އެއްބަސްވާ ކުންފުންޏެކެވެ. މޯހަން މުތާއާއި ކޭބަލް ގެންނަން ހަވާލު ކުރީ ޔުނިވަރސަލް ކުންފުނިން އެ ކޭބަލް އޭގެ %50 އަގުގައި ގެންނަން ބިޑްކޮށްފައި އޮތްވައެވެ. މިކަންކުރީ ޕްރޮކިޔަމަންޓް ޕޮލިސީއަށް އެންމެ ފަހު ވަގުތު ގެނައި ބަދަލެއްގެ ދަށުންނެވެ.
އެމް.ޑީ އަކަށް ވީފަހުން މޯހަންމުތާ އާއި ހަވާލްކޮށްގެން ބޮޑު އަގުގައި ޖަނަރޭޓަރ ތަކެއްގެންނަން އުޅުންކަން ސޯޝަލް މީޑިއާގައި ފަޅާއެރިއެވެ. ފަހުމީ އިސްވެ ހުރެ 2018 ވަނަ އަހަރު ސްޓެލްކޯއަށް ލެޑްފަތި ތަކެއް އޯޑަރ ކުރިއެވެ. ފުލް ޕޭމަންޓް ދެއްކިއެވެ. އެކަމަކު ލިބުނީ 4 ކޮންޓެއިނަރ އިން 2 ކޮންޓެއިނަރ އެވެ. ބާކީ 2 ކޮންޓެއިނަރ އަށް ވީގޮތެއް ނޭގުނެވެ.
ފަހުމީ އިސްވެ ހުރެ ސްޓެލްކޯގައި ފެން ބަންދުކުރާ ޕްލާންޓެއް ހެދިއެވެ. މަސައްކަތް ހަވާލްކުރީ ސީދާ ފަހުމީ ބޭނުންވި ޗައިނާ ބަޔަކާއެވެ. މިލިއަނުން ހަރަދު ކުރިއެވެ. އެހެނަސް އޭގެ މާ ބޮޑު ބޭނުމެއް ނުހިފި ހުރެފައި އެ ޕްލާންޓް ވަނީ ފަހުމީ އެމް.ޑީ އަކަށް އައިފަހުން ބާ ދަނގަޑަށް ކިރާފައެވެ. އެއްލާލި އިރު އިންވެސްޓްމަންޓް ވެސް ކަވަރ ނުވެއެވެ.
ފަހުމީގެ ވިލަރެސްވެރިކަމުގެ ދަށުން ސްޓެލްކޯ ހިޔާ އަޅަން ފެށިއެވެ. ރޯޓައިމް އިންޖިނިއަރިންގެ ކޯޓޭޝަންގައި ސްކުރޫ ޕައިލް ކުރަން 10 މިލިއަން ޑޮލަރު ޖަހާފައި އިނެވެ. އެކަމަކު ޕްރޮޕޯސް ކުރި ގޮތަށް ސްކުރޫ ޕައިލް ނުކުރެއެވެ. އެކަމަކު ރޯޓައިމް އިން މަސައްކަތް ނިމުނު ކަމަށް ބުނެ 10 މިލިއަން ޑޮލަރު ދައްކަން އިންވޮއިސް ކުރިއެވެ. މިކަމަށް އޭރު ހުރި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި ވިލަރެސް ކޮމެޓީ މެމްބަރުން އެއްބަސް ނުވުމުން ކޮމެޓީއާއި ކޮންސަލްޓަންޓް ފަހުމީގެ އެދުމަށް އޭރުގެ ސީ.އީ.އޯ ޒުހޫރު ބަދަލް ކުރިއެވެ. އަދި އާ ކޮންސަލްޓަންޓާއި ކޮމިޓީއިން ފަހުމީ އެދުނު ގޮތަށް ނުކުރާ މަސައްކަތަކަށް ފައިސާ ދޫކުރިއެވެ. މީގެއިން ފަހުމީއަށް ކޮމިޝަން ލިބުނެވެ.
ފަހުމީގެ މިފަދަ އަމަލުތައް ގިނަ ކަމުން ކުރީގެ ސްޓެލްކޯ އެމް.ޑީ ޝަކޫރު ފަހުމީ ޕްރޮކިޔަމަންޓް ޑިޕާޓްމަންޓުންވެސް ބޭރުކޮށްފައި ވެއެވެ. އެވެސް ހުކުރުދުވަހެއްގެ މެންދުރެވެ. އެހާވެސް އުނދަގޫ ބޮޑުވީއެވެ.
އަދި ފަހުމީގެ މިފަދަ އަމަލްތައް ގިނަވެ މަޝްހޫރުކަމުން މިދިޔަ އަހަރުތަކުގައި މުޣުނީ އާއި ޝަރީފް ދައުރުގައި އޭނާ ހުރީ އެކަހެރި ކޮށްފައެވެ. ކަނޑާނުލެވި ހުރީ އޭރުގެ ބޯޑު ޗެއަރމަން ޑީޑީ އަދި ބޯޑް މެމްބަރު އަޒްވަރު ދެކޮޅު ހެދުމުންނެވެ. ދެމީހުންނަކީވެސް ފަހުމީއާއި ތިމާގެ ދެ މީހުންނެވެ.
އަދި ފާހަގަކޮށްލަމެވެ. ފަހުމީ އަކީ "ސާޗް އެން ސެލެކްޝަން ޕވޓ ލޓޑ" ނަމަކަށް ކިޔާ ކުންފުންޏެއްގެ ވެސް މެނޭޖިންގ ޑިރެކްޓަރެވެ. އެ ކުންފުނި ދަށުން ހިންގި އެއްވެސް ވިޔަފާރިއެއް ކުރިއަކަށް ނުކެނޑިއެވެ. ޕިއްޒާ ރެސްޓޯރަންޓްވެސް ވީ ބެންކްރަޕްޓެވެ. ހަބަރު ލިބޭގޮތުން ފަހުމީ މި ކުންފުނި މިހާރު ބޭނުންކުރަނީ ކޮރަޕްޝަންގެ ފައިސާ ނެގުމަށާއި އެ ފައިސާ ލޯންޑަރ ކުރަންށެވެ.
ފަހުމީ ބުނާގޮތުން ފަހުމީ އަކީ މެދު ފަންތީގެ ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ކުރިން ދެންނެވިހެން ވިޔަފާރި ފައިދާއެއްވާ މީހެއްވެސް ނޫނެވެ. އެހެނަސް ކުއްލިއަކަށް ރެއިންކްރެސްޓްއިން 8 މިލިއަން ރުފިޔާގެ އެޕާޓްމަންޓްއެއް ގަތް ގޮތަކާއި މެދު އެތަށް ޝައްކުތަކެއް އުފެދެއެވެ. ހަމަގައިމުވެސް މިވީހާތަނަށް އުޅެފައި ހުރި ވަޒީފާއަކުން ލިބުނު މުސާރައަކުން އެކަން ކުރެވޭނެ ފެންވަރެއް ނެތެވެ. ސުވާލަކީ ޔާމީންގެ ވެރި ކަމުން ސުރެން އެ އެޕާޓްމަންޓަށް ފައިސާ ދައްކަން ފައިސާ ހޯދީ ކިހިނަކުންތޯއެވެ؟
މިއެޕާޓްމަންޓްގެ އިތުރުން ފަހުމީވަނީ ސްޓެލްކޯ ހިޔާއިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓެއް ގަނެފައެވެ. ފައިސާ ދައްކަމުންއަންނަނީ ނުވަތަ ދެއްކީ ޔާމީން ވެރިކަމުން ފަށައިގެންނެވެ. ސުވާލަކީ އެއްދުވަސްވަރެއްގައި 2 އެޕާޓްމަންޓް ގަތުމުގެ މާލީ ތަނަވަސްކަން ފަހުމީއަށް ލިބުނީ ކިހިނަކުންތޯއެވެ. އެފައިސާ ހޯދީ ކޮންތަނަކުންތޯއެވެ؟
ސްޓެލްކޯގެ އިތުރުން ފަހުމީ ވަނީ އައި.ޖީ.އެމް ހޮސްޕިޓަލް އަދި ވޯކްސް ކޯޕަރޭޝަން ގައި ވެސް މަސައްކަތްކޮށްފައެވެ. އެއީ ޖެހުނު މައްސަލައެއްގައި އެހެން ރަށެއްގެ އިންޖިން ގެއަށް އަރުވާލުމުން ވަޒީފާއަށް ނުނިކުންނަން ކެނޑިގެން ގޮހެވެ. އެހެންނަމަވެސް މި 2 ކުންފުނީގައިވެސް މާބޮޑެ މަސައްކަތެއް ނުކޮށް ސިޔާސީ ގޮތުން ބާރު ހިންގައިގެން ކުރީގެ އެމް.ޑީ ޝަކޫރުގެ ދައުރުގައި ވަނީ ސްޓެލްކޯއަށް އައިސްފައެވެ.
މިފަދަ މީހަކަށް އެމް.ޑީ ކަން ހަވާލް ކުރުމުން ތަނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އާދައިގެ ޑިޕާޓްމަންޓެއް ރަންގަޅަށް ނުހިންގުނު މީހަކަށް ބޮޑު ކުންފުންޏެއް ނުހިންގޭނެ ކަމުގެ ސާފު ހެކި މިހާރު މިދަނީ ފެންނަމުންނެވެ.