ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އަބަދުވެސް ފަހުރުވެރި ކަމާއެކު ބުނަމުން އަންނަނީ ތިމަންނާ މިއީ ރާއްޖޭގެ ރައީސް އައްޔަން ކޮށްފައިވާ މީހެއް ކަމަށެވެ. އެހެން ކަމުނ ޖަވާބު ދާރީވާންވެސް ޖެހޭނީ ރައީސަށް އެކަނި ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންކަމަށެވެ. އެހެންކަމުން މިހާރު ފަހުމީ ކުރަމުން އަންނަ ވައްކަމާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމާއި ދެމުންދާ އަނިޔާ ސީދާ މުވައްޒަފުން ގުޅުވަނީ ރައީސް ޑރ. މުއިއްޒުއާއި އެވެ.
ޓީވީ އާއި މީޑިއާ އައުޓްލެޓްތަކަށް އަރާފަ ބުނަމުން ދިޔައީ ތަން ސިޔާސީ ކުރުން ހުއްޓުނީ ކަމަށެވެ. އެހެނަސް ކަންތައް ކުރީ އެއާ މުޅިން ހިލާފަށެވެ. ސްޓެލްކޯ ވެގެން ދިޔައީ ސިޔާސީ އައްޑާއަކަށެވެ. ސިޔާސީ ގޮތުން އެތައް ބޭކާރު މުވައްޒަފުންތަކެއް ބޮޑު މުސާރަ ދީފައި ވަޒީފާއަށް ވެއްދީއެވެ. ސިޔާސީގޮތުން އެތަށް ޕްރޮމޯޝަނެއް ދިނެވެ. އިދިކޮޅު ވިސްނުން ހުރި ފަރާތަކަށް ވިޔާ އަނިޔާ ދިނީއެވެ. ދުރު އިންޖީނުގެތަކަށް އަރުވާލައެވެ. ނުވަތަ ވަޒީފާއިން އެއްވެސް ސަބަބެއް ނެތި ކަނޑާލައެވެ. ސުވާލަކީ މިއި ހަމަ ސީދާ ޑރ. މުއިއްޒުގެ އެދުމުގެ މަތިން ކުރާ ކަން ކަން ބާވައެވެ؟
ފަހުމީ މަގާމު ދަމަހައްޓަމުންދަނީ ހަރުދަނާ އެއްވެސް މަސައްކަތެއް ކޮށްގެނެއް ނޫނެވެ. ކުންފުނި ހިންގަން ނޭގޭތީ މަގާމު ދަމަހައްޓަނީ 3 ޑީ.އެމް.ޑީ، ހާއްސަކޮށް މުޒުނާ ރުސްސައިގެންނާއި މަޖިލިސް މެމްބަރުން ރުއްސައިގެންނެވެ.
މުހިއްމު މަގާމްތަކަށް އައްޔަން ކުރި މީހުން, 3 ޑީ.އެމް.ޑީ ކުންފުންޏަށް އައްޔަން ކުރުން:
ސްޓެލްކޯ ފަދަ ކުންފުންޏަކަށް 3 ޑީ.އެމް.ޑީ އިން ބޭނުންވޭތޯއެވެ؟ ޒާމާނުންސުރެ ސްޓެލްކޯގައި ހުރީ 1 ޑީ.އެމް.ޑީ އެވެ. ކުންފުނި އައީ ހިނގަމުން ނެވެ. އެހެންނަމަވެސް އެމް.ޑީ.ޕީ ވެރިކަމުގައި 2 ޑީ.އެމް.ޑީ މަގާމް އިތުރުކޮށް މިހާރު އެވަނީ 3 ޑީ.އެމް.ޑީ އަށް އިތުރުކޮށްފައެވެ. 3 ޑީ.އެމް.ޑީ ގެ ވަކި ވަކި ޒިންމާތަކެއް ނޭގެއެވެ. ކުންފުނީގައި ޝާއިރު ކޮށްފައިވާ އޮނިގަނޑަކުވެސް 3 ޑީ.އެމް.ޑީ އެއް ނެތެވެ. ސިޔާސީ މަންފާތަކެއް ހޯދަން އަދި ސިޔާސީ ބާރުވެރި ބަޔަކަށް ކަމެއް ކޮށްދޭން މެނުވީ ކޮށްފައި އޮތްކަމެއް ނޫންކަން ޔަގީނެވެ.
އަޒުވަރު އަކީ ފަހުމީއާއި ތިމާގެ މީހެކެވެ. މުޒުނާއަކީ މަޖިލިސް މެމްބަރު ޝާހިދުގެ އަންހެނުންނެވެ. ނާޒިރަކީ ކުރީގެ ރައީސް އޮފީސް މިނިސްޓަރުގެ ބޭބެއެވެ. އަދި މަޖިލިސް ރައީސް އަބްދުރަޙީމްގެ ހާއްސަ މީހެކެވެ. ކުންފުނިން ކޮންމެ ޑީ.އެމް.ޑީ އަކަށް 80،000 ރުފިޔާއާއި ގާތަށް މުސާރާ ދޭއިރު މިއީ ކިހާ ބޮޑު ބޭކާރު ހަރަދެއްތޯއެވެ.
ޕްރޮކިޔަރމަންޓް ޖީ.އެމް:
ޕްރޮކިޔަރމަންޓް ޑިޕާޓްމަންޓްގެ ޖީ.އެމް އަކަށް މިހާރު ހަމަޖައްސާފައި ހުރީ އަޒުހަދެވެ. މީނާއަކީ މިދިޔަ އެމް.ޑީ.ޕީ ވެރިކަމުގައި ޝަރީފް ޕްރޮކިޔަރމެންޓް އޭރު އޯވަރސީ ކުރަމުން ދިޔަ ސީ.އެސް.އޯ ހަނީފް އަދި ޕްރޮކިޔަރމަންޓް ޖީ.އެމް އަސްފާގެ ދަށުން ކުންފުނީގެ ޕޮރޮކިޔަރމެންޓް ތެރެއިން އޭރު ހިންގި ހުރިހާ ވައްކަމެއް ފެސިލިޓޭޓް ކޮށްދިން ފަރާތެވެ. އަސްފާ މިހާރު ހުންނަނީ ޕްރޮމޯޝަނަކާއި އެކު ބިއުރޯގެ ޖީ.އެމް އަކަށެވެ. ފަހުމީ ހަވާލް ވުމަށް ފަހު އަޒުހަދަށްވެސް ބޮޑު ޕްރޮމޯޝަނެއް ދިނުމަށް ފަހު އޭނާ ޖީ.އެމް އަކަށް ހެދުމަށްފަހު އޭނާ ހުންނަނީ ފަހުމީ ބުނާގޮތަކަށް ޕްރޮކިޔަރމެންޓް ތެރެއިން ކަން ކަން ނިންމަ ދިނުމަށެވެ. 40،000 އާއި 50،000 ދެމެދުގެ މުސާރައެއް ލިބެއެވެ.
ސޭލްސް ސެންޓަރ ޖީ.އެމް: ސޭލްސް ސެންޓަރގެ ވަގުތީ ޖީ.އެމް. އަކަށް ވަނީ މީގެ ކުރީގައި ފެނަކައިގައި އުޅެ ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގް ކުރަމުން ދަނިކޮށް ވަޒީފާއިން ވަކިވި މައުރޫފެވެ. މީނާގެ އަސާސީ މުސާރައަކަށް މިހާރު ދެނީ 23،000 ރުފިޔާއެވެ. އަދި ގެއަށް ގެންދާ މުސާރަ 50،000 އާއި ގާތް ކުރެއެވެ. މީނާގެ ކަމަކީ ސޭލްސް ސެންޓަރު ނަމުގައި މުދާ ޖެހުމެވެ. އިންޖީނާއި ކޭބަލް ފަދަ ތަކެތި ވަނީ ޖަހާފައެވެ. މިގޮތަށް އޯޑަރ ޖެހުމުން ޕޮރޮކިޔަރމަންޓް ތެރެއިން އަޒުހަދު ފަހުމީ ބޭނުންވާ ފަރާތްތަކަށް މި މުދާ ގެންނަން އެވޯޑް ކުރެއެވެ. އޭނާއަށް 40،000 އާއި 50،000 ދޭތެރޭގެ މުސާރައެއް ލިބެއެވެ.
ސީ.އެފް.އޯ ލީނާ: ލީނާ އަކީ ޝަރީފްގެ އެމް.ޑީ ކަމުގައި ފައިނޭންސް ޑިޕާޓްމަންޓްގެ ޔުނިޓް ހެޑް މަގާމަށް ވެއްދި މީހެކެވެ. މީނާ ވަނީ ދާދި އަވަހަށް ކުންފުނީގެ ސީ.އެފް.އޯ މަގާމަށް ޕްރޮމޯޓް ކޮށްފައެވެ. މީނާ އޭރުވެސް ދިޔައީ ޝަރީފް ބޭނުންވާ ގޮތަކަށް ފައިނޭންސް އެޕްރޫވަލް ދެމުންނެވެ. އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކަމަށް ދެއްކުމަށް ކުންފުނީގެ މާލީ ބަޔާންތައް ބަދަލުކުރަމުން ނެވެ. ފަހުމީ ހަވާލު ވުމަށް ފަހުވެސް ފަހުމީ މީނާ ބޭނުން ކުރީ ވަޒީފާގެ ދަހި ދެއްކުމަށްފަހު ހަމަ މިގޮތަށެވެ. އަދި އެންމެ ފަހުން ފައިނޭސް ޑިޕާޓްމަންޓް ހިންގުން ހަވާލުކޮށްފައެވެ. އެފަހުން ފައިނޭންސްގައި އެތަކެއް ދުވަސްވެފައި ތިބި ކުންފުނީގެ ފައިނޭންސް ޕްރޮސެސް ދަންނަ އެންމެން ފައިނޭންސްއިން ބޭރު ކުރިއެވެ. އަދި ލީނާގެ ކޮންޓްރޯލް ދަށުގައިވާ ކުންފުންނަށް ޝަރީފް އިރުގައި ވެއްދި އަމީން މުޅި ފައިނޭންސް ވަނީ ހިސޯރުކޮށްފައެވެ. ލީނާގެ މުސާރަ އުޅެނީ 50،000 އިން މަތީގައެވެ. އަމީންގެ މުސާރަ 40،000އާއި ގާތްކުރެއެވެ.
ރީޖަނަލް ޑިޕާޓްމަންޓް ޖީ.އެމް ޔާސިރު: ޔާސިރުއަކީ މަޖިލިސްގެ ކެލާ ދާއިރާ މެމްބަރު ޝަރީފްއަށް ޅިޔަނު ކިޔާ މީހެކެވެ. މީގެ ކުރިން ކުންފުނީގެ ހިނގުމުގެ ދާއިރާގައި އެއްވެސް ވަރަކަށް ތަޖުރިބާ ހުރި މީހެއް ނޫނެވެ. ޖީ.އެމް މަގާމަށް ފަހުމީ މީނާ ލީ ސީދާ މެމްބަރ ޝަރީފްގެ އެންގުމަށެވެ. ބެނުމަކަށް ވަނީ ރީޖަނަލް އަށް ގެންނަ ހުރިހާ މުދާތަކެއް ޝަރީފްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ލިބޭނެގޮތް މަގު ފަހިކޮށް ދިނުމެވެ. މީނާއަށް 40،000 އާއި 50،000 ދެމެދުގެ މުސާރައެއް ލިބެއެވެ.
ޕްރޮޕަޓީ މެއިންޓަނަސްގެ ޖީ.އެމް ހުސެއިން: ހުސެއިން އަކީ ވެސް ކެލާ ދާއިރާ މެމްބަރު ޝަރީފްއާއި ގާތްގުޅުމެއް އޮންނަ މީހެކެވެ. ކުންފުނީގެ އެތެރޭގައި ކުރާ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތެއް ދަނީ މީނާގެ ބެލުމުގެ ދަށުން ކަމަށް ވީއިރު މީނާ މި މަގާމުގައި ބަހައްޓަނީ ޔާސިރު ވެސް މި މަގާމުގައި ބަހައްޓާ ބޭނުމަށެވެ. ގެންނަ ހުރިހާ މުދާތަކެއް ޝަރީފްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ލިބޭނެގޮތް މަގު ފަހިކޮށް ދިނުމެވެ. މީނާގެ މުސާރަވެސް އުޅެނީ 40،000 އާއި 50،000 ދެމެދުގައެވެ.
އެޗް.އާރް ޖީ.އެމް ފަރުހާދު: ފަރުހާދަކީ ފަހުމީ ބުނާހާގޮތަކަށް ބުނާހާ ބަޔަކަށް މަތިން އަންގައިގެންނޭ ކިޔާފައި ކުންފުނީގެ އުސޫލަކަށް ބެލުމެއްނެތި ވަޒީފާއާއި ޕްރޮމޯޝަން ދެމުން ދާ މީހެކެވެ. ހަމަ އެގޮތަށް ކުންފުނީގެ ގަވައިދާ ހިލާފަށް މުވައްޒަފުންނަށް އެކި އެކި ފިޔަވަޅު އެޅުމާއި ވަޒީފައިން ވަކި ކުރުންވެސް މިއީ މީނާ ކުރަމުން އަންނަ ކަމެކެވެ. އޭނާގެ މުސާރަ އުޅެނީ 50،000 އިން މަތީގައެވެ.
ބޯޑް ޗެއާމަން ލަތީފް: މީނާއަކީ ކުރީގެ ސްޓެލްކޯގެ ޑީ.އެމް.ޑީއެވެ. ޑީ.އެމް.ޑީ ކަމުން ރިޓަޔަރ ކުރުމަށްފަހު ސިޔާސީ ގޮތުން ބާރު ފޯރުވައިގެން އައީ ޗެއަރމަން ކަމަށެވެ. މީނާއަކީ ޑީ.އެމް.ޑީ ކަމުގައި ހުރި އިރުވެސް އެކި ސަޕްލަޔަރުންނާއި ސިޔާސީ މީހުން އަތުން މީނާއަށް ބައި އަޅާގޮތަށް ޑީލް ހެދި މީހެކެވެ. މިހާރު ބޯޑްގައި ހުރެގެން ކުރާކަމަކީ (މާކެޓް ރޭޓަށްވުރެ އެތައްތަނެއް) އަގު ބޮޑުކޮށް ގަންނަ މުދަލަށް ބޯޑު އެޕްރޫވަލް ހޯދައިދިމެވެ. އަދި ސޮއިކުރަން ދެކޮޅުހަދާ މެމްބަރުންނަށް އެކި ގޮތްގޮތަށް ވާހަކަ ދައްކައި "ކޮންވިންސް" ކޮށްދީގެން ފަހުމީ ބޭނުން ވާގޮތަށް ކަން ކަން ނިންމައި ދިނުމެވެ. މީނާ ކޮންޓްރޯލް ކުރަނީ ފަހުމީއެވެ.