މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަންގެ މޫތައް މުލުން ލުހެލާނެކަަމަށް ވައުދުވަމުންނެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ, ކޮރަޕްޝަންގެ ހުތުރު އަމަލުހިންގާ, ދައުލަތުގެ މުދަލުން ވައްކަންކުރާ އެއްވެސް މީހަކަށް ސިޔާސީ މަގާމެއްގައި ނުހުރެވޭކަމުގައެވެ.
އެހެންނަވަމެވެސް, މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރެމުންދާއިރު, މިއަދު ފެންނާން އޮތް އެންމެ ބޮޑު ހަގީގަތަކަށް ވެގެން ގޮސްފައިވަނީ, ކޮރަޕްޝަނާއި ފަސާދަ މި ދަރަޖައަށް އާންމުވި ވެރިކަމެއް ދިވެހި ތާރީޚު ދެކެފައި ނުވާކަމެވެ. އޭގެ އިތުރުން, ރާއްޖޭގެ ކުރީގެ ވެރީންގެ މައްޗަށްވެސް ކޮރަޕްޝަނާއި ފަސާދައިގެން ތުހުމަތުތައް ކުރެވިގެންދިޔަ ނަމަވެސް, ކުންފުނިތަކުން އެމްޑީން މެދުވެރިކޮށް, ސީދާ ވެރިމީހާ މުޠުލަގަށް ކޮރަޕްޝަންގެ ފައިސާ ޖީބަށް ލަމުންދިޔަ ކަން އެނގި ކަށަވަރު ވެފައެއް ނުވެއެވެ. އަދި އޭގެ އިތުރުން ކޮރަޕްޝަންގެ އަމަލު ހިންގި, ދައުލަތުގެ އިސް ވެރީން ހިފާ ހައްޔަރުކޮށް ޝަރީއަތްތައްވެސް ކުރީގެ ވެރީން ހިންގާފައި އެބަހުއްޓެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އަދީބު ހިފާ ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރިޔަށް ގެންދިޔަ ޝަރީއަތްތަތަކީ މީގެ ދިރިހުރި މިސާލުތަކެވެ.
އެހެންނަމަވެސް މިވެރިކަން ތަފާތެވެ. ވަރަށްވެސް ތަފާތެވެ. ކުންފުނިތަކުގެ އެމްޑީން މެދުވެރިކޮށް, ދައުލަތުގެ ފައިސާ ހަލާލު ނޫން ގޮތުގައި ނަގަމުންދަނީ ދެވަނަ ފަރާތެއް މެދުވެރިވުމެއް ނެތި, ސީދާ ވަލިއްޔުލްއަމުރެވެ. ސީދާ މުއިއްޒުއެވެ. އޭގެ ނަތީޖާވެސް ވަރަށްވެސް ހިއްޗެވެ. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ މައްޗަށް ތަހުގީގެއް ހިންގުމުގެ ޖާގައެއް މުއިއްޒުއަކަށް ނެތެވެ. އެޗްޑީސީގެ އެމްޑީކަމުން ފަޒުލް ވަކިކުރީ ހުޅުމާލޭގެ ގޯތިން މުތުލަގަށް ވައްކަން ކޮށްގެންނެވެ. އަމިއްލަ ބޭބެއަށް ވަގަށް ގޯތި ކަނޑާފަ ދިނީއެވެ. އެހެންނަމަވެސް އޭނާހުންނެވީ މުއިއްޒުގެ ހިމާޔަތާއި ރައްކާތެރިކަމުގައެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދިން, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުން، އެ ތަޙުޤީޤުގައި މުއިއްޒުގެ ނަން ފެންމަތިވެގެން އަންނާނެތީ, ފަޒުލްގެ ކޮރަޕްޝަންގެ ތަހުގީގު ޕޮލިހުންނާއި އޭސީސީން ވަނީ ޕާކުކޮށްފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން, ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ, އޭސީސީންނާއި އަދި ޕޮލިހުންގެވެސް, މުއިއްޒު ބޭޒާރު ވާނެތީ, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަ ކުރިޔަށް ނުގެން ގޮސް މިހާރު ޕާކްކޮށްފައި ވާކަމުގައެވެ.
އިބްރާހިމް ފަޒުލް ރަޝީދަކީ މިހާރުގެ ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތެކެވެ. ހުޅުމާލެއިން ގޯތިގެދޮރު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކާ ގުޅިގެން އޭނާ އިސްތިއުފާ ދީފައިވެއެވެ.
މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ފަރާތްތަ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންގއާ ގުޅޭ ދަޢުވާއެއް ކުރެވިދާނެ ފަރާތްތަކެކެވެ. މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަޙުޤީޤީ މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެއެވެ.
އަދި ޕީޖީ ޢައްބާސް ޝަރީފުވެސް މި މައްސަލަތައް ތަޙުޤީޤުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވައެވެ.
ފަޒުލްއަށް އެޗްޑިސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވީ, ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ކުރަމުން ގޮސް, މުއިއްޒުއާއި ފަޒުލް އަރިސް މީހުންނަށް ހުޅުމާލެއިން ވަގަށް ގޯތި ކަނޑާފަ ދޭ ހިސާބަށް ކަންތައް ދިޔަފަހު, ރައްޔިތުންގެ ފަރާތުން ކުރިމަތިވީ ޕްރެޝަރުގެ ސަބަބުންނެވެ.
އެޗްޑީސީގެ އެމްޑީކަމުގައި ހުރެ ފަޒުލް އޭނާގެ ބޭބެއަށް ވަގަށް ހުޅުމާލެއިން ގޯތި ދީ, އަދި މުއިއްޒުގެ އެންގުމަށް އެތައް ބަޔަކަށް ވަގަށް ހުޅުމާލެއިން ގޯތި ދޫކޮށްފައި ވެއެވެ. އަދި ނުއަގުގައި ގޯތި ވިއްކާ, އޭގެ އިތުރުން ވިނަރެސްއިން ފެލެޓްތައްވެސް, މުއިއްޒުގެ އަމުރަށް ފަޒުލް ވަނީ އެތައް ބަޔަކަށް ވަގަށް ދީފައެވެ.
މުއިއްޒު ދަނީ ކޮރަޕްޝަނާއި ފަސާދައިން ފަސްބައި ކިލަނބުވެފައިވާ މީހުން ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަންކޮށް, އަދި އެފަދަ ފަރާތްތަކަށް ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް ހިމާޔަތްވެސް ދެމުންނެވެ.
ދެން ފެންމަތިވެގެން އައީ, ގޭސް ކުންފުނީގެ އެމްޑީގެ މަގާމުގައި ހުރި ބޯފަން އަބުލޯ ގޭހުން ކުރި ވައްކަމުގެ މައްސަލައެވެ.
މޯލްޑިވްސްް ގޭސް ކުންނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެ, އޭސީސީން އެމައްސަލަ ބަލަމުންދާކަމަށް ބުނި ނަމަވެސް, އެމައްސަލައިގެން ތަހުގީގުގައި, ބޯފަން އަބުލޯގެ ދައުރެއް ނެތްކަމަށް ނިންމުމަށް މުއިއްޒު އޭސީސީއަށް އަންގާފައިވާކަން ”ދިޔަވަރު އޮންލައިން“ އަށް ކަށަވަރު ވެފައި ވެއެވެ.
މޯލްޑިވްސްް ގޭސް ކުންނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ އަނބުރާ ލިބިފައި ނުވާކަން އެނގިފައިވަނީ, އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އެކަން ހާމަ ކުރެއްވުމުން ނެވެ.
ނާޒިމް ވިދާޅުވީ ޝިޕްމަންޓަށް ދެއްކި ފައިސާ ހޯދަން ކުރި މަސައްކަތުން ވެސް އެއްވެސް ކާމިޔާބީއެއް ނުލިބުނު ކަމަށެވެ.
”ޕީސީބީން ޕްރޮކިއުމަންޓް ޕޮލިސީޢާ އެއްޗެހި ވަކި ގޮތަކަށް ހަމަޖައްސާފައި އޮއްވާ އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ލާރިދީ އެ ފައިސާ ގެއްލުނީމާ އެއީ ވަރަށް ބޮޑު މައްސަލައެއް.“ ނާޒިމް ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ގެންދަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވް ގޭސް ކުންނިން އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި އަދަދެއް ސާފެއް ނުވެއެވެ.
އެހެންނަމަވެސް, މިމައްސަލަ ބަލަމުންދާކަމަށް އޭސީސީން ބުނި ނަމަވެސް, ބޯފަން އަބުލޯއަކީ, އެސްއޯއީތަކުގެތެރެއިން މުއިއްޒުއާއި އެންމެ ގިނައިން ރިޝަވަތުގެ ފައިސާ ހަވާލުކުރަމުންދާ ފަރާތެވެ. މުއިއްޒު ގެންދަނީ, މަޖިލިސް މެމްބަރުނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން, އަމިއްލަ ޒާތީ ސިޔާސީ މަންފާއަށް, ކުންފުނިތަކުގެ އެމްޑީން މެދުވެރިކޮށް ކޮންމެ މަހަކުވެސް ރިޝްވަތުގެ ފައިސާ ނަގަމުންނެވެ.
އެހެންނަމަވެެސް ބޯފަން އަބުލޯއަކީ އެންމެ ގިނައިން މުއިއްޒުއަށް ރިޝްވަތުގެ ހަރާމް ފައިސާ ފޯރުކޮށްދެމުންދާ ފަރާތްކަމަށް ވުމާއެކު, އޭނާގެ މައްސަލަ ނުބެލުމަށް ނުވަތާ ގޭސް ކުންފުނީގެ ކޮރަޕްޝަންގައި ބޯފަން އަބުލޯގެ ކުށެއް ނެތްކަމަށް ނިންމުމަށް މުއިއްޒު ވަނީ އޭސީސީއަށް އަންގާ އަމުރު ކޮށްފައެވެ.