ޚަބަރު

ތުރުކީއިން ރާއްޖެއަށް "ހިލޭ" ހަދިޔާ ކުރަނީ 44 އަހަރުވެފަ އޮތް, ޒަމާނަށް ނުފެތޭ, މެއިންޓެނެންސް ޚަރަދު ބޮޑު, ބާ އުޅަނދެއް, އަސްލު ޑީލްއަކީ އުޅަނދުގައި ބޭނުން ކުރާ މިސައިލް ގަތުމުގެ ނަމުގަ މުއިއްޒު މަނީ ލޯންޑަރ ކުރުން!

ދިޔަވަރު
ތުރުކީއިން ރާއްޖެއަށް "ހިލޭ" ހަދިޔާ ކުރަނީ 44 އަހަރުވެފަ އޮތް, ޒަމާނަށް ނުފެތޭ, މެއިންޓެނެންސް ޚަރަދު ބޮޑު, ބާ އުޅަނދެއް, އަސްލު ޑީލްއަކީ އުޅަނދުގައި ބޭނުން ކުރާ މިސައިލް  ގަތުމުގެ ނަމުގަ މުއިއްޒު މަނީ ލޯންޑަރ ކުރުން!

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމުގައި ވާގިވެރިވެދިނުމުގެ ގޮތުންކަމަށް ބުނެ, ތުރުކީން ރާއްޖެއަށް މިސައިލް ފޮނުވާ މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިހާތަނަށް ސިއްރު ކޮށްފައި އޮތް މިކަން, ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ ތުރުކީގެ ނޫސްތަކުން އެމަައުލޫމާތު އާންމު ކުރި ހިސާބުންނެވެ.

ތުރުކީގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ހަދިޔާކުރާ އުޅަނދެކެވެ.

ތުރުކީން ހަދިޔާކުރަނީ މަނަވަރަކީ އެ ގައުމުގައި އުފައްދާފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއްކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. އެގޮތުން ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ މި އުޅަނދަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެއްކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެެވެ.

އެނގިފައިވާ ގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި މި މަނަވަރު ރާއްޖެ އަންނާނެ ކަމަށް ތުރުކީން ބުނެފައިވާއިރު، މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ދަނީ މިހާރު ވެސް ތުރުކީގައި ތަމްރީނުތައް ހޯދަމުންނެވެ. މިދިޔަ ހަފުތާގައި ސިފައިން ފެށި މި ތަމްރީނުތައް ހަދަމުން ދަނީ ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުންނެވެ. އަދި އަންނަ މަހުގެ 9 ގައި ތަމްރީނުތައް އެއްކޮށް ނިންމާލާނެ އެވެ.

މި މަނަވަރު ރާއްޖެ ފޮނުވުމުގެ ކުރިން އިސްތަންބޫލުގެ ނޭވަލް ޝިޕްޔާޑުގެ ކޮމާންޑުގައި މަރާމާތުކޮށްފައިވާ ކަމަށް ވެސް ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. މަނަވަރު ރާއްޖެ އައުމަށް ފަހު، މިސައިލް ބޯޓު މަސައްކަތްތައް ފުރިހަމަކޮށް، އެކްޓިވޭޓު ކުރަނީ ތުރުކީ ނޭވީގެ ޓީމަކުންނެވެ.

މަނަވަރީ 44 އަހަރުވީ ބާ މަނަވަރެއް!

ތުރުކީގެ މި އުޅަނދުތައް ބަނދެފައިވަނީ 1970 ގެ ފަހު އަހަރުތަކާއި 1980 ގެ ކުރީ އަހަރުތަކުގައެވެ. އެހެންކަމުން މި ޑިޒައިންގެ އުމުރަކީ ގާތްގަނޑަކަށް 40-45 އަހަރެވެ. އެނގިފައިވާ ގޮތުގައި ތުރުކީން ރާއްޖެއަށް ދޭ މި މަނަވަރަކީ އުމުރުން 44 އަހަރުވީ މަނަވަރެކެވެ. މި އުޅަނދުތައް ތުރުކީގައި ބިނާކުރެވިފައިވަނީ ޖަރުމަނުގެ ލޯސެން (Lürssen) ކަނޑުބޯޓު ބިނާކުރާ ތަނުގެ ހުއްދައިގެ ދަށުން، އެ ތަނުގެ ޓީއެންސީ-45 (TNC-45) ޑިޒައިން އަށް ބިނާކޮށެވެ. އުމުރުން ގިނަ ދުވަސްވެ, މި އުޅަނދަކީ ތުރުކީގެ ނޭވަލް އޮޕަރޭޝަންތަކުގައި ބޭނުން ނުކުރާތާ (ޑީކޮމިޝަން ކޮށްފައިވާތާ) އެތައް އަހަރެއް ވެފައިވާ އުޅަނދެކެވެ. އަދި ދުނިޔެއަށް އައިސްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު, މިސައިލް ހަރުކޮށްފައި ހުރި ނަމަވެސް, މި އުޅަނދުތަކަކީ ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި, އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފޭ ވަރަށްވުރެ އުމުރުން ދުވަސް, ޒަމާނާ ނުގުޅޭ އުޅަނދެކެވެ.

މެއިންޓެނެންސް ޚަރަދު ވަރަށް ބޮޑު އުޅަނދެއް!

ތުރުކީން ރާއްޖެއަށް ހަދިޔާކުރާ ޓީސީޖީ ވޮލްކަން (ޕީ-343) މަރުކާގެ މިސައިލް ހަރުކުރެވޭ މިއުޅަނދަކީ އުމުރުން 44 ވެފައިވާ އުޅަނދަކަށް ވާއިރު, ތުރުކީގެ ނޭވަލް އޮޕަރޭޝަންތަކުން މި އުޅަނދު ޑީކޮމިޝަން ކޮށްފައިވާތާ (އަސްކަރީ ކަންކަމުގައި އަމަލީގޮތުން ބޭނުންކުރުން ހުއްޓާލާފައިވާތާ)ވެސް އެތައް އަހަރެއް ވެފައިވާ އުޅަނދެކެވެ.

އެގޮތުން, މި އުމުރުގެ އަދި މި ގިންތީގެ ކަނޑުގެ އުޅަނދަކަށް، އަހަރެއްގެ މައްޗަށް ބެލެހެއްޓުމުގެ ޚަރަދު އެއްލައްކަ ޑޮލަރުން ފެށިގެން އެއް މިލިޔަން ޑޮލަރާއި ހަމައަށް ޚަރަދު ހިނގާނެއެވެ. މިޚަރަދަކީ އާންމު ބެލެހެއްޓުން ނުވަތަ ބޮޑެތި މަރާމާތުތަކަށް ބިނާކޮށް ތަފާތުވެދާނެ ޚަރަދަކަށްވާއިރު, މިއުޅަނދު ގެންނަނީ އިސްތަންބޫލުގެ ނޭވަލް ޝިޕްޔާޑުގެ ކޮމާންޑުގައި މަރާމާތު ކުރުމަށްފަހު ކަމުން, މިއުޅަނދު ބޭނުންކުރަންފަށާއިރު މެއިންޓެންސް ޚަރަދު އެކަށީގެންވާ ވަރަކަށް ކުޑަ ކުރެވޭނެއެވެ. އެހެންނަމަވެސް, ރާއްޖޭގެ ކަނޑުތަކަކީ އާދަޔާ ޚިލާފަށް ލޮނުގެ އަސަރުގަދަ ކަނޑުތަކަށް ވުމާއެކު, އަވަސް މުސްތަގުބަލެއްގައި މިއުޅަނދުގެ މަރާމާތުގެ ޚަރަދުތައް ބޮޑުތަނުން މަތިވެގެންދާނެއެވެ. އެގޮތުން މިއުޅަނދުގެ މެއިންޓެނެންސް ޚަރަދަށް އަހަރަކަށް 800,000 އެމެރިކާ ޑޮލަރު (12.3 މިލިއަން ދިވެހި ރުފިޔާ) މަދުވެގެންވެސް ޚަރަދުކުރާން ޖެހޭނެކަމަށް މިހާރުވެސް އަންދާޒާ ކުރެވެއެވެ.

މުއިއްޒުގެ އަސްލު ޑީލް!

ތުރުކީން މި މަނަވަރު ހަދިޔާކުރަން ނިންމާފައި މިވަނީ މިސައިލްތަކެއްގެ ބަދަލުގައި ތުރުކީގެ އިންވެސްޓަރަކަށް ޓޫރިޒަމްގެ ބޭނުންތަކަށް ފަޅުތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުއަރާފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ނުބުނާއިރު، މިކަން ދޮގެއް ނުކުރެ އެވެ. 

މިސައިލްތައް ގަންނަ ކަމުގެ އަޑުތައް އަރާފައި ވަނިކޮށް، ސަރުކާރުން ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއަކަށް އިންވެސްޓުކުރާ ގޮތަށް ކްރޮސް ސަބްސިޑީގެ ދަށުން ރަށްތަކާއި ފަޅުތައް ދޭން އިއުލާންކޮށްފަ އެވެ. 

އެގޮތުން މުއިއްޒު ނެރުއްވި ފުރަތަމަ ގަރާރުގައި އޮތީ 15 މިލިއަން ޑޮލަރު އިންވެސްޓުކުރާ ގޮތަށެވެ. ފަހުން އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ.

ހަމައެއާއެކު މި މަނަވަރަކީ ތުރުކީ ސަރުކާރުން "ހިލޭ" ދޭ މަނަވަރަކަށްވި ނަމަވެސް, އުމުރުން ދުވަސްވީ, މިޒަމާނުގެ އަސްކަރީ އޮޕަރޭޝަންތަކަށް އެކަށީގެންނުވާ މި މަނަވަރުގެ ހަގީގީ ބޭނުންމަކީ "މަނީ ލޯންޑަރ" ކުރުމަށް މުއިއްޒު ހިންގަވާ ބޮޑު ޖަރީމާއެއްގެ ނިވާފަތް ގަނޑަކަށް މި މަނަވަރު ހެދުމެވެ.

އެގޮތުން މަނީ ލޯންޑަރކޮށް, ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ރިޝްވަތުގެ ފައިސާގެ ގޮތުގައި އަމިއްލަފުޅު ޖީބަށް ލެއްވުމަށް މުއިއްޒު ހިންގަވާ މުއާމަލާތަކީ މި އުޅަނދުގައި ބޭނުންކުރުމަށް ގަންނާންޖެހޭ މިސައިލްތައް ގަތުމަށް ކުރާންޖެހޭ މުއާމަލާތެވެ.

މިއުޅަދަކީ މިސައިލްތައް ހަރުކުރެވޭ އުޅަނދަކަށްވާއިރު, މި އުޅަނދުގައި ބޭނުންކުރާ މިސައިލްތަކުގެ އަގުތައް އުޅެނީ 30 މިލިއަން ރުފިޔާއާއި 45 މިލިއަން ރުފިޔާއާއި ދެމެދުގައެވެ. މިއުޅަނދުގައި ބޭނުންކުރާ އެންމެ ބޭސިކް މިސައިލްއެއްގެ އަގު އުޅެނީ 1.5 މިލިއަން ޑޮލަރާއި 2 މިލިއަން ޑޮލަރާއި ދެމެދުގައެވެ. އެޑްވާންސް މިސައިލްއެއްގެ އަގު އުޅެނީ 3 މިލިއަން ޑޮލަރުގައެވެ. އެއީ ދިވެހި ރުފިޔާއިން ކަމަށް ވާނަމަ 45 މިލިއަންއެވެ.

އެހެންކަމުން, ތުރުކީ ސަރުކާރުން ހިލޭ ދިންކަމަށްބުނެ, ރާއްޖެ މިގެންނަ އަސްކަރީ މަނަވަރުތަކުގެ އަސްލު ޑީލް ގުޅިފައިވަނީ މިއުޅަނދުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރުން ގަންނާންޖެހޭ މިސައިލްތަކާއެވެ. މިއީ މަނީ ލޯންޑަރކޮށް, މި މުއާމަލާތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ރިޝްވަތުގެ ފައިސާ އަމިއްލަފުޅު ޖީބަށް ލެއްވުމަށް މުއިއްޒު ހިންގަވާ ބޮޑު ޖަރީމާއެކެވެ.

މިސައިލްގެ މުއާމަލާތު ކުރުމަށް ހަދަމުންދާ ޑީލް

މި ސައިލް ޑިފެންސް ސިސްޓަމް ގަތުމުގެ ޑީލް މުއިއްޒުއާއެކީ ހަދާ, ނިންމަޖެހޭ ކަންކަން ނިންމުމަށްޓަކާ, ތުރުކީ ރައީސް އެރްދޮގާންގެ ދަރިފުޅު ބިލާލް އެރްދޮގާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިސްމާޢީލް ކަރާއޮސްމާނޮގްލޫ 12 ފެބްރުއަރީ 2025 ގައި އަމިއްލަ ޖެޓެއްގައި ރާއްޖެ އައިސް މިސައިލް ޑީލްއަކާ ބެހޭގޮތުން އާރަށުގައިވަނީ މުއިއްޒުއާއި މަޝްވަރާ ކޮށްފައެވެ.

އިސްމާޢީލް ކަރާއޮސްމާނޮގްލޫއަކީ 2017 ގައި ތުރުކީގައި ޤާއިމުކުރެވުނު އެމްޑީއެސް މޮޑަން ޑިފެންސް ސޮލިއުޝަންސް ހިންގާ ފަރާތެވެ. މިއީ ޑިފެންސް ކުންފުންޏެއް ނަމަވެސް، އެމީހުންނަކީ މިސައިލް އުފައްދާ ތަނެއް ނޫނެވެ. އެމްޑީއެސްއިން މަސައްކަތްކުރަނީ ރާއްޖޭގެ ސަރުކާރާއި މިސައިލް އުފައްދާ ކުންފުނީގެ ދެމެދު މެދުވެރިއެއްގެ ގޮތުގައެވެ. މުޢިއްޒުގެ ޤަޞްދަކީ މިއަހަރުގެ ބަޖެޓުން މިސައިލްތައް ގަތުމުގެ ނަމުގައި 500 މިލިއަން ރުފިޔާ މިކަމަށް ހޭދަކުރުމެވެ.

އެގޮތުން މުއިއްޒު ދުބާއީއަށް ކުރި ދަތުރުތަކުގެ ތެރެއިން އެއް ދަތުރުގައި، ބޭންކު އެކައުންޓެއް ހުޅުވުމަށް ޔޫއޭއީގައި ބޭންކިންގ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ. މިކަން މައުލޫމާތު އެނގިހުރި ފަތާތްކަށް ޔަޤީންކޮށްދީފައިވަނީ މުޢިއްޒާ ގާތް ފަރާތްތަކުންނެވެ.

މުޢިއްޒާއި އިސްމާޢީލް ފުރަތަމަ ބައްދަލުވެފައިވަނީ މުޢިއްޒު އަދާލަތު ޕާޓީގައި ހުރިއިރު އެވެ. އޭރުގެ މުއާމަލާތްތަކުގެ ޚަބަރުތައް އަދާލަތު ޕާޓީގެ ރައީސް ޝޭޅް އިމްރާންއައި އެޕާޓީގެ އޭރުގެ އިސް ފަރާތެއް ކަމަށްވާ އަލީ ޒާހިުމެންދަ ފަރާތްތަކަށް އެނގޭ ކަމަށް ވެއެވެ. އަދާލަތު ޕާޓީން ފުރަތަމަ މަސައްކަތްކުރީ އިޚްވާނުލް މުސްލިމީންގެ ވިސްނުމާ އެއްގޮތްވާ ބައިނަލްއަޤުވާމީ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށެވެ. އޭރު އެޕާޓީން އިސްމާޢީލްއާ ބައްދަލުކުރީ އެ ބޭނުމުގައެވެ.

އިސްމާޢީލް ގުޅިފައިވަނީ ތުރުކީގެ އޭކޭ ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ) އާއެވެ. އޭނާ އަދާކޮށްފައިވަނީ އޭކޭ ޕާޓީގެ ޔޫތު ބްރާންޗް (ގެންޗްލިކް ކޮލްލަރީ) ގެ ރައީސްކަމެވެ.

އިސްމާޢީލް ކަރާއޮސްމާނޮގްލޫ ހިންގާ މި އެމްޑީއެސް ކުންފުނި ހިންގަނީ ޑިފެންސް ދާއިރާގައި، މިލިޓަރީ ތަމްރީނު، ހަތިޔާރާއި ވަޒަން ގުދަންތައް ބިނާކުރުމާއި މެނޭޖްކުރުމާއި އަދި އަސްކަރިއްޔާ، އެއަރ އަދި ނޭވަލް ބޭސްތަކާއެކު ކޮންޓްރެކްޓްތައް ބެލެހެއްޓުމުގައި ޚާއްޞަވެގެންނެވެ. އެމީހުން ޤަޠަރުގެ އާމްޑް ފޯސަސްއާއެކުވެސް ބޮޑު ކޮންޓްރެކްޓެއް ހޯދައިގެން ބުރޯޤް ސްޕެޝަލް މެރިން އޮޕަރޭޝަންސް ތަމްރީނު މަރުކަޒު ޤާއިމުކޮށްފައި ވެއެވެ. މި ކޮންޓްރެކްޓް އެމީހުންނަށް ދިން އިރު އެފަރާތުގެ އިންވެސްމަންޓުގައި ހުރީ އެންމެ 28،000 އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް, މި ޑީލްއާ ގުޅިގެން ފަސާދައިގެ ރިޕޯޓުތައް ގިނައެވެ، އެއީ ތުރުކީ ރައީސް ރެސެޕް ޠައްޔިބް އެރްދޮގާން, މިލިޓަރީ އަދި ޑިފެންސް ޑީލްގެ ނަމުގައި އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ޖީބަށް ލެއްވުމަށް ހިންގި ޑީލްއެއްކަން ފަހުން ޔަގީންކުރެވި, އެމައުލޫމާތުތައް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ތުރުކީ ރައީސް އެރްދޮގާންގެ ދަރިފުޅު ބިލާލް އެރްދޮގާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިސްމާޢީލްއަކީ އުރުދުގާންއާއި އޭނާގެ ދަރިފުޅުގެ ކޮރަޕްޝަންގެ ހުރިހާ މުއާމަލާތެއްގެވެސް މޫނުމައްޗެވެ. އެމުއާމަލާތްތަކުގެ އެންމެ އިސް ފަރާތެވެ.

އެގޮތުން އިސްމާއިލް މެދުވެރި, މުއިއްޒު މިހާރު ހިނމްގަވަން ފަށާފައިވަނީ ކޮރަޕްޝަންގެ ބޮޑު މުއާމަލާތެކެވެ. އަދި މިއީ ރާއްޖެއަށް ވަރަށް ނުރައްކާތެރި މުއާމަލާތަކަށްވާއިރު, މިކަހަލަ ކޮންމެ ޑީލްއެއްވެސް ދެން އަންނަ ސަރުކާރުގައި ތަޙުޤީޤުކުރެވޭނެކަން މިފަރާތްތަކުން ގަބޫލުރާން ޖެހޭނެއެވެ. އަދި ޖަވާބު ދާރީ ކުރެވޭނެވެސްމެއެވެ. އަދި މިމުއާމަލާތްތަކުން ދައުލަތަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ގެއްލި, މުއިއްޒުގެ ޖީބަށް ރިޝްވަތުގެ ފައިސާގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ވަތް ނަމަވެސް, ބޭނުންވެއްޖެނަމަ ތަޙުޤީޤުތައް ފަސޭހަކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސް ކޮށްގެން ނަމަވެސް, މިފަދަ ބޮޑެތި ޖަރީމާތައް ބެލޭނެ ގޮތްތައް ފަހު ކުރެވޭނެކަން މިއީ, މި ބޮޑު ޖަރީމާގެ ފަހަތުގައި ތިބި ފަރާތްތަކުން ގަބޫލުކުރާންޖެހޭނެ ހަގީގަތެކެވެ.