ޚަބަރު

އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮވެއްޖެނަމަ, އިޒްރޭލު ކޮންމެ ގާތިލަކަށްވެސް ރާއްޖޭގެ ދޮންވެލި ތުނޑިތަކުގައި ޗުއްޓީ ހޭދަކޮށްލާ, ރާއްޖޭގެ މޫދާ ވިލުގެ ޗާލޫކަމުން އުފާ ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ނެތް!

ދިޔަވަރު
އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮވެއްޖެނަމަ, އިޒްރޭލު ކޮންމެ ގާތިލަކަށްވެސް ރާއްޖޭގެ ދޮންވެލި ތުނޑިތަކުގައި ޗުއްޓީ ހޭދަކޮށްލާ, ރާއްޖޭގެ މޫދާ ވިލުގެ ޗާލޫކަމުން އުފާ ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ނެތް!

ފަލަސްތީނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ސަރުކާރުން ވަނީ މިހާރު ގެޒެޓުކޮށްފަ އެވެ. މިއާއެކީ މިއަދުން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުން މަނާވެގެން ދިޔައީ އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ނަމަވެސް އެ ބިލު މިއަދު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.

އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ.

މީގެ 77 އަހަރު ކުރިން އިޒްރޭލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ގައުމެއް އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. މިއަދު ފާސް ކުރި ބިލުގެ ބޭނުމަށް، އެ ހަމަލާތައް ހުއްޓާލި ކަމަށް ކަނޑައަޅާނެ ބަޔަކު ބިލުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ. ބިލު ފާސްކޮށް ގާނޫނު ބަދަލުކުރީވެސް އެގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށް, މުއިއްޒު މި ބިލް ތަސްދީގު ކުރުމާއެކު, ގިނަ ބަޔަކު ދަނީ, މިއީ މަކަރުވެރި ރޭވުމެއްގައި, ހުޅަނގު ގައުމުތަކުން ރުހޭގޮތަށް ފަރުމާކޮށްފައި އޮތް ބިލެއްކަމުގައި ބުނެ ނުރުހުން ފާޅު ކުރަމުންނެވެ. އެއީ އިޒްރޭލުގެ ކޮންމެ ރައްޔިތަކީވެސް ދުނިޔޭގެ ކޮންމެވެސް އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ ބަޔަކަށް ވާތީއެވެ. އަދި އަމުދުން އިޒްރޭލުގެ ވަރަށް ގިނަ ރައްޔިތުންނަކީ އެމެރިކާގެ ރައްޔިތުންކަން އޮންނަ ރައްޔިތުންނެވެ.