ޚަބަރު

ސްޓެލްކޯއިން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައާއި ވައްކަމަށް މުއިއްޒު ދެލޯ މަރާލައިގެން, ބީރު ކަންފަތެއް ދީގެން ހުންނަ ސަބަބު އިގޭތަ?

ދިޔަވަރު
ސްޓެލްކޯއިން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައާއި ވައްކަމަށް މުއިއްޒު ދެލޯ މަރާލައިގެން, ބީރު ކަންފަތެއް ދީގެން ހުންނަ ސަބަބު އިގޭތަ?

މީގެ ކުރީގައި ޤައުމުގެ ހަކަތައިގެ ދާއިރާގެ ބެކްބޯނުކަމުގައި ބެލެވުނު ސްޓެލްކޯ، މިއަދު ވެފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުން ދޫކޮށްލައި،ކޮރަޕްޝަނާއި މަކަރާއި ހީލަތް، އަދި ބާރުގެ ނަހަމަ ބޭނުންކުރުމާއި ބޭއިންސާފުން މުވައްޒަފުންނާއި މެދު އަމަލުކުރާ ދައުލަތުގެ ކުންފުންޏެއްގެ ގޮތުގައެވެ.

ހުރިހާ ވެރިކަމެއްގައިވެސް ދައުލަތުގެ އެކި ކުންފުނިތަކުގެ ބޭނުން އޭރަކު ހުންނަވާ ވެރިއަކު ސިޔާސީ ގޮތުން ގުރުބާން ކުރައްވަމުން ގެންދެވި ނަމަވެސް, ސްޓެލްކޯ ފާހަގަވެގެން ގޮސްފައިވަނީ މި ފަސާދަތާކާއި ކޮރަޕްޝަނުން އިސްތިސްނާ ވެ, ޕްރޮފެޝަނަލް ގޮތެއްގައި ހިނގަމުން އަންނަ ކުންފުންޏެއްގެ ގޮތުގައެވެ.

އެހެންނަމަވެސް އެއީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމާއި ހަމައަށެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު, ދައުލަތުގެ އިސްމަގާމްތަކަށް ލައްވާނީ ތިމަން މަނިކުފާނުގެ އަމިއްލަ ބާރު ހިނގާ މީހުންއެކަނިކަމަށްވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަތަކުގެ އަސްލު މަންޒަރު މިއަދު ގެންދަވަނީ ސާފުކޮށް ދެއްވަމުންނެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ އެންމެ އިސްމަގާމްތަކަށް, މުއިއްޒުގެ ކްލާސް މޭޓުން ހައުސް މޭޓުންނާއި ރޫމް މޭޓުން ލައްވައިގެން އެތަންތަކުން ކޮރަޕްޝަންގެ ފައިސާ ނަންގަވަމުން ގެންދަވަނީ ސީދާ މުއިއްޒުއެވެ.

މުއިއްޒު ހިންގަވަމުން ގެންދަވާ ކޮރަޕްޝަނާއި ފަސާދައިގެން މި ބޮޑު ނެޓްވާކުގެ އެންމެ މުހިންމު އެއް ބޮޅެއްގެ ގޮތުގައި މިއަދު ފެންނާން އޮތީ, މީގެ ކުރީން ޤައުމުގެ ހަކަތައިގެ ދާއިރާގެ ބެކްބޯންކަމުގައި ބެލެވުނު ސްޓެލްކޯއެވެ. މި ކުންފުންޏަަކީ މިއަދު ރިޝްވަތާއި، މަކަރާއި ހީލަތް، އަދި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ފުން ނެޓްވޯކެއެކެވެ.

އެގޮތުން ދާދިފަހުން ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެއެތެރޭގައި ހިނގަމުންދާ ކަންބޮޑުވާފަދަ ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ވިއުގައެއް ހާމަވެފައެވެ. މިނެޓްވޯކް އޮޕަރޭޓް ކުރަނީ ކުންފުނީގެ އިސް އެގްޒެކެޓިވުންނާއި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން އަދި ބައެއް ޑިޕާޓްމެންޓުގެ ހެޑުން ގުޅިގެންނެވެ.

ސޯޝަލް މިޑިއާގައި މިހާރު ލީކުވެފައިވާ އެތެރޭގެ ކުރެހުމަކުން ދައްކައިދެނީ ރިޝްވަތު، މަކަރާއި ހީލަތް، އަދި ނުފޫޒު ބޭނުންކޮށްގެން ޕްރޮކިއުމަންޓް ޕްރޮސެސްތަކާއި އިދާރާގެ މާލީ ސަލާމަތްތެރިކަން ގަވާއިދުން ފުނޑާލުމަށް ހިންގާފައިވާ ފަންނީ ރޭވުމެކެވެ. މި ސްކޭންޑަލްގެ މައި މުގުލުގައި ހުރީ ރައީސް މުޢިއްޒު ކަމަށް ފާހަގަކުރެވިފައިވެއެވެ. އެއީ މި އޮޕަރޭޝަންގެ މައިގަނޑު ރާވައައި ހިންގާ ފަރާތް ކަމަށް ބެލެވެއެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި މުޢިއްޒު ހުރިހާ ޕްރޮކިއުމަންޓް ޑީލްތަކަކުން 50% ކޮމިޝަން ލިބިގަނެއެވެ. އޭގެ ފަހުން މުއިއްޒު މި ފައިސާ ބަހަނީ އޭނާއަށް ވަފާތެރި އެމްޕީއިންގެ ބަޔަކަށެވެ. މިއީ ސިޔާސީ ބާރާއި ހިމާޔަތް ދެމެހެއްޓުމަށް ކުރާ ކަމެކެވެ. މި މަތީ ފަންތީގެ ބައިވެރިވުމުން ދައްކުވައިދެނީ ސްޓެލްކޯގެ ކޯޕަރޭޓް އޮނިގަނޑުން އެތެރެއަށް ވަދެފައިވާ އަދި ޤައުމުގެ ސިޔާސީ ވިއުގައަށް ފެތުރިފައިވާ ކަމަށް ބެލެވޭ ނިޒާމީގޮތުން ރޭވިގެންހިންގާ ކޮރަޕްޝަންގެ އައްޑައެކެވެ.

މުޢިއްޒުގެ މައިގަނޑު އެއްބާރުލުން ދޭ ފަރާތްތަކުގެ ތެރޭގައި ކެލާދާއިރާގެ އެމްޕީ ޝަރީފު ހިމެނެއެވެ. އޭނާއަކީ ފައިސާ އުފުލާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވެއެވެ. އޭނާ ކޮންމެ މުޢާމަލާތަކުން މުޢިއްޒުގެ ހިއްސާ އަތުން ގެންގޮސްދެއެވެ. މީގެ ބަދަލުގައި ޝަރީފަށް ލިބެނީ ޖަނަރޭޓަރާއި ޓްރާންސްފޯމަރުގެ އެކްސްކްލޫސިވް ކޮންޓްރެކްޓްތަކެވެ. މިއީ ސާފުކޮށް ދެފަރާތަށް ފައިދާވާގޮތަށް ކުރެވޭ އެއްބަސްވުމެއްކަން އެނގެއެވެ. މިކަމުގެ ސަބަބުން ހަމަހަމަ ވާދަވެރިކަމާއި ޢާންމު މަސްލަހަތު ގެއްލިގެންދެއެވެ. މެނޭޖިންގ ޑިރެކްޓަރ ފަހުމީ މި ޣައިރު ޤާނޫނީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޕްރޮކިއުމަންޓްގެ އިސްވެރިޔާ (އަޒްހަދު) އަދި ޗީފް ފައިނޭންޝަލް އޮފިސަރ (ލީނާ)ގެ މައްޗަށް ބާރު ފޯރުވައިގެން، ފަހުމީ ޔަޤީންކުރަނީ ގުޅުންހުރި ވިޔަފާރިވެރިންނަށް ކޮންޓްރެކްޓްތައް ދޫކުރެވޭކަމާއި އަދި އިސްކަންދޭ ސަޕްލަޔަރުންނަށް އަވަހަށް ފައިސާ ދެއްކޭކަމެވެ. މިފައިސާ ދޫކުރނީ އާއްމުރައްޔިތުންނާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާއާއި ތެލުގެ ޚަރަދުތަކުގެ ބިލްތައް ފަދަ މުހިންމު ބިލްތައް މަޑުޖައްސައިލައިގެންނެވެ. މި މަސައްކަތް ވިލަރެސްކުރުމުގައި އޭނާގެ ދައުރަށް ފަހުމީއަށް ބޮޑު ކޮމިޝަނެއް ލިބޭކަމަށް ރިޕޯޓުކުރެވެއެވެ.

އެމް.ޑީ ފަހުމީ ހުޅުމާލެއިން ދާދި ފަހުން ލަގްޒަރީ އެޕާޓްމެންޓެއް ބައްލަވައިގަތް ވާހަކަތައްވެސް ވަރަށް ފަހުން ސޯޝަލް މީދިޔާގައި ތިލަވިއެވެ. މި ކޮރަޕްޝަން ވަނީ ހުރިހާ ޑިޕާޓްމަންޓްތަކަކަށް ފުޅާވެފައެވެ. މެއިންޓެނަންސްގެ ޖެނެރަލް މެނޭޖަރ، ހުސެއިން ވަހީދު، ކޮމިޝަން ދޭ ވިޔަފާރިވެރިންގެ އަތުން ގަތުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖައްސައެވެ. މިގޮތުން ކުންފުންޏަށް ރާއްޖެއިން ބޭނުންވާތަކެތި ހޯދުމުގައި ބާޒާރުގެ އަގަށްވުރު ބޮޑުއަގުގައި ތަކެތިގަންނަކަމަށް ތުހުމަތު ކުރެވެއެވެ. މިކަން ކުރަނީ އާންމު ބީލަމުގެ މަރުހަލާ ބައިޕާސް ކޮށްފައެވެ. ހުސެއިން ވަހިދު އަކީ މާފަންނު ދެކުނުދާއިރާގެ މެމްބަރ ރިފާއު(ބޮޗޭ) ގެ ޅިޔަނު އެވެ. ހަމައެހެންމެ، ޖީއެމް ޔާސިރު، އެއީ އެމްޕީ ޝަރީފްގެ އަޚްވެސްމެއެވެ. އޭނާ ބޭނުންވާ ފަރާތްތަކަށް ޓެންޑަރު ކާމިޔާބުވާގޮތަށް މެނިޕިއުލޭޓްކުރެއެވެ.

މިއިން އިތުރަށް ދައްކުވައިދެނީ ގާތްތިމާގެ މީހުންނަށް (ނެޕޮޓިޒަމް) މަގުފަހިކުރުމާއި ޕްރޮކިއުމަންޓްގެ ނިޒާމު ސިސްޓަމެޓިކްކޮށް މެނިޕިއުލޭޓްކުރާކަމެވެ. މިހާރު ޔާސިރު ތައްޔާރުވަމުން ދަނީ މުޅިކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ ނަމުގައި ބޮޑު އޯޑަރެއް ކުރުމަށެވެ. އަދި މިއޯޑަރުން މިނެޓްވޯކަށް ލިބެންޖޭހެ ކޮމިޝަންގެ ތަފްސީލް ސަޕްލަޔަރުން ފޯރުކޮށްދީ މިމިހުން އައްބަސްވާ ކޮމިޝަންދޭން އެއްބަސްވާ ސަޕްލަޔަރެއް ހޯދަނީއެވެ.

ޕްރޮކިއުމަންޓްގެ ޖީއެމް އަޒްހަދު، ވާދަވެރިންގެ ބީލަމުގެ އަގުތައް އެތެރޭގެ މީހުންނަށް ހާމަކުރާކަމަށް ތުހުމަތުކުރެވެއެވެ. މިގޮތުން އިސްކަންދޭ ވިޔަފާރިވެރިންނަށް އަގު ދަށްކޮށް ޓެންޑަރު ކާމިޔާބުކުރެވެއެވެ. އަދި ސީއެފްއޯ ލީނާ، ފަހުމީ އަދި ޔާސިރުގެ ނުފޫޒުގެ ދަށުގައިވާކަމަށް ބުނެވެއެވެ. މިރޭވުމާ އެއްގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމަށް ލީނާ އިސްކަންދެއެވެ. އެއީ މުހިންމު މަސައްކަތްތަކަށް ފައިސާ ނުދެއްކުނު ކަމުގައިވިޔަސްމެއެވެ. ސީ.އެފް.ޢޯ ލީނާވަނީ މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ފައިނޭސް ޑިޕާޓްމަންޓަށް ބޮޑުބަދަލެއް ދާދިފަހުން ގެނެސްފައެވެ. އެނާބުނާހާ ގޮތަކަށް ކަންކުރާނެ މިހުންގެނެސް އެކަމާ ދެކޮޅުހަދާނެ ދުވަސްވީ މުވައްޒަފުން އެކި ޑިޕާޓްމެންޓްތަކަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ނަތީޖާއަކީ ސްޓެލްކޯގެ އިތުބާރު ރައްޔިތުންގެ މެދުގައި ބޮޑުތަނުން ގެއްލި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، އަދި ހިންގުމުގެ ދާއިރާއިން ހަމަޖެހުން ގެއްލިގެން ދިއުމެވެ.

ދައުލަތުގެ ފައިސާ ކޮރަޕްޝަނުގެ ކޮމިޝަންތަކަށް ބޭނުންކުރެވެމުންދާއިރު، މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެ، އަދި ޤައުމުގެ ކަރަންޓުގެ ވިއުގަ ނުރައްކަލުގެ ތެރެއަށް ވައްޓާލެވިފައިވަނީ މުހިންމު ވަސީލަތްތަކަށް ކުރަންޖެހޭ ޚަރަދުތައް އިހުމާލުކޮށްލައިގެނެވެ. އަދި ހަމަ މީގެ އިތުރުން ކަރަންޓު ބިލް އަދަޔާ ހިލާފަށް ބޮޑުވާ މައްސަލައަކީ ރައްޔިތުންގެ އަބަދުވެސް ޝަކުވާއެކެވެ.

މި ސްކޭންޑަލްއިން ހާމަވަނީ ސިޔާސީ ބާރާއި ކުންފުނި ކޮންޓްރޯލްކުރުމުގެ ނުރައްކާތެރި ރޭވުމެއް، ދައުލަތުގެ މުއައްސަސާތައް އަމިއްލަ ފައިދާއަށް ރައީސް މުއިއްޒު ބޭނުންކުރައްވާ ތަނެވެ. މި ކުރެހުމުން ދައްކުވައިދެނީ ހަމައެކަނި ވަކިވަކި ފަރުދުންގެ ނުބައި ޢަމަލުތަކެއް ނޫނެވެ. އެހެނެއްކަމަކު، މުއައްސަސާތަކުގެ ތެރެއަށް ވަރަށް ފުންކޮށް ވަދެފައިވާ ކޮރަޕްޝަންގެ ވިއުގައެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, މީގެ ކުރީގައި ޤައުމުގެ ހަކަތައިގެ ދާއިރާގެ ބެކްބޯނުކަމުގައި ބެލެވުނު ސްޓެލްކޯ، މިއަދު ވެފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުން ދޫކޮށްލައި،ކޮރަޕްޝަނާއި މަކަރާއި ހީލަތް، އަދި ބާރުގެ ނަހަމަ ބޭނުންކުރުމާއި ބޭއިންސާފުން މުވައްޒަފުންނާއި މެދު އަމަލުކުރާ ދައުލަތުގެ ކުންފުންޏެއްގެ ގޮތުގައެވެ. އަދި މުއިއްޒު ހުންނެވީ ސާފުކޮށް ފެންނާންހުރި މި ޚިޔާނާތްތަކަށް ދެލޯ މަރާލާ, ބީރުކަންފަތެއްދީ ވަރިހަމަ ކޮށްލައްވައިގެންނެވެ.

މިއީ ރައީސް މުއިއްޒު ނިވަލުގައި ހުންނަވައިގެން, ކޮރަޕްޝަންގެ ފައިސާ އަމިއްލަފުޅު ޖީބަށް ލެއްވުމަށް ހިންގަވަމުން ގެންދަވާ ޖަރީމާތަކުގެ އެއް ބޮޅެވެ. މުއިއްޒު ގައުމުގެ މާލިއްޔަތު ލޫޓުވާލާ, ރައްޔިތުންނަށް ވަމުންދާ ޚިޔާތުގެ ފުރިހަމަ ހެއްކެއްވެސް މެއެވެ.