ޚަބަރު

އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތިފަ, އިގްތިސާދީ ދަތި ހާލަތުން އަރައި ނުގަނެވި ތިބެ, ގައުމު ދަރަނިވެފައި ވަނިކޮށް, 54 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އަސްކަރީ އުޅަނދުތަކެއް މި ގަތީ, ގައުމު ހަނގުރާމައިގެ ހާލަތުގައި އޮވެގެންތަ?

ދިޔަވަރު
އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތިފަ, އިގްތިސާދީ ދަތި ހާލަތުން އަރައި ނުގަނެވި ތިބެ, ގައުމު ދަރަނިވެފައި ވަނިކޮށް, 54 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އަސްކަރީ އުޅަނދުތަކެއް މި ގަތީ, ގައުމު ހަނގުރާމައިގެ ހާލަތުގައި އޮވެގެންތަ?

ރާއްޖޭގެ ދިފާއު ވަރުގަދަ ކުރުމުގެ ނަމުގައި އެމްއެންޑީއެފްއިން ފާއިތުވި ހަފްތާގައި ވަނީ, އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެއް ރާއްޖެ ގެނެސްފައެވެ.

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް "ޓޭންކަރުތަކެއް" މި މަހުގެ ކުރީކޮޅު ރާއްޖެ އެތެރެކުރިކަން މީގެކުރިންވެސް ވަނީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައެވެ. އެ އުޅަނދުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ހުޅުލެއަށް ބާލާ ވީޑިއޯއެއް އާންމުވެފައިވަނީ އެފްރިލްމަހުގެ 11 ވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި މި ވެހިކަލްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 9 ހިސާބުގަ އެވެ. އެ ތަކެތި ރާއްޖެ ގެނައީ އަވަށްޓެރި ސްރީލަންކާއަށް ގެންދިޔުމަށްފަހު، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ކަނޑު ބޯޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ދިވެހި އަސްކަރިއްޔާގެ ބޭނުންތަކަށް ރާއްޖެ އެތެރެކުރި އުޅަނދުތަކަށް ބަދަލުތަކެއް ނުވަތަ މޮޑިފިކޭޝަންތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ރިމޯޓު ވެޕަންސް ސްޓޭޝަނަކާއި އިތުރު އާމޯ ޕްލޭޓިންގެ އިތުރުން ރޫފް ހެޗަކާއި އިތުރު ހަތިޔާރު ސިސްޓަމްތައް ހަރުކޮށްފައި ހުރިތަން ފެނެ އެވެ.

މިއުޅަނދުތަކަށް ގެނެސްފައިވާ މޮޑިފިކޭޝަންސްތަކާއެކު ވެހިކަލެއްގެ އަގު 700،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

އަސްކަރިއްޔާގެ ބޭނުންތަކަށް ފަސް ވެހިކަލެއް ގެނެސްފައިވާއިރު، މި ތަކެއްޗަށް ހަރަދުކުރީ ކިހިނެއް ކަމެއް މި ސަރުކާރުން އަދި މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. މާކެޓު އަގުތަކުން ހިސާބުކުރާއިރު، މި ވެހިކަލްތައް ގަތުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ 54 މިލިއަން ރުފިޔާ އެވެ.

ނަމަވެސް، މި ސަރުކާރުން މިހާތަނަށް އަސްކަރީ ގޮތުން ކުރި އެންމެ ބޮޑު އިންވެސްޓުމަންޓު ކަަމަށްވާ ޑްރޯންތަކެއް ގަތުމަށް މާކެޓު ވެލިއުއަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރި އެވެ. ތުރުކީގެ ބައިކާރު ކުންފިން އުފައްދާ ބައިރަކްތާރު ޓީބީ2 ޑްރޯންތަކެއް ގަތުމަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު ނުވަތަ 570 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އާންމުކޮށް ލިބެންހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މަރުކާގެ ޑްރޯންތައް ވިއްކާ އެންމެ ބޮޑު އަގަކީވެސް ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.

އަގުބޮޑުކޮށް ޑްރޯންތައް ގަތުމަށްފަހު އެޑްރޯންތަކުން މާބޮޑު ބޭނުމެއް ކުރާތަނެއްވެސް ފެންނަމުންނެއް ނުދެއެވެ. އަދި ޑްރޯންތައް ގަނެފައިވަނީ އެދުވަސްވަރާ ދިމާކޮށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޚަރަދު ކުރާނެ ފައިސާ ހޯދުމަށް މުއިއްޒު ހިންގި ބޮޑު ކޮރަޕްޝަންގެ ޑީލެއްގެ ދަށުންނެވެ.

ގައުމުގެ އިގްތިސާދީ ހާލަތު އެހާމެ ގޯސްކޮށް އޮވެމެ, އަސްކަރިއްޔާއަށް ނުކަތާވަރުގެ ބޮޑެތި ހޭދަތައް މިސަރުކާރުން ކުރަމުންދާ ސަބަބު އަދިވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ. އާންމު ރައްޔިތުން ވަންނާނެ ބޯހިޔާވަހިކަމެއް ނެތ, ތަކެތީގެ އަގުތައް އުފުލި, ޑޮލަރު ލިބޭނެ މަގެއް ފަހުނުވެ, ބޭސްފަރުވާއަށް އޮތް ސަލާންޖެހުން އިންތިހާއަށް މަތިވެގެން ގޮސްފައިވަނިކޮށް, އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އަސްކަރިއްޔާއަށް އަސްކަރީ ސާމާނު ގަންނަމުންދާ ސަބަބެއްވެސް ސަރުކާރުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ސާފުވާން އޮތް އެއް ހަގީގަތަކީ, މިއީ ވިސްނުމެއް ފިކުރެއް ނެތް, އަދި އެއްވެސް އަމާޒެއް ނެތް ސިޔާސަތެއް ކަމެވެ. މިއީ ރައްޔިތުން ދަތި ހާލަތުގައި ތިއްބާ, ދެއްކުންތެރިކަމާއި, ކޮރަޕްޝަން ޑީލްތައް ކަޓު ކުރުމަށް ސީދާ މުއިއްޒު އަޑީގައި ހުންނަވައިގެން ތަންފީޒުކުރަމުންދާ ސިޔާސަތެއްކަންވެސް އެއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.