ތައިލެންޑްގެ ބެންކޮކްގައި އިމާރާތް ކުރަމުންދިޔަ 33 ބުރީގެ އިމާރާތެއް މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި ވެއްޓުނު މައްސަލަ ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަނުތިން ޗަންވިރަކުލް އަންގައިގެން ވަނީ ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ބެންކޮކްގެ އުސް އެތައް އިމާރާތެއް ހުރިނަމަވެސް، އެހެން އެއްވެސް ޕްރޮޖެކްޓަކަށް މިފަދަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފަންނީ މާހިރުންނާއި އޮފިޝަލުން މިހާރު ސުވާލު އުފައްދަނީ ވެއްޓުނު އިމާރާތުގެ ސްޓްރަކްޗަރަލް އިންޓެގްރިޓީއާ ބެހޭގޮތުންނެވެ. މި އިމާރާތް އެޅުމުގައި ޗައިނާގެ ކުންފުންޏެއް ބައިވެރިވިއެވެ.
ޗައިނާ ރެއިލްވޭ ނަންބަރު 10 (ތައިލެންޑް) ލިމިޓެޑް އަކީ ޗައިނާ ރެއިލްވޭ ނަންބަރު 10 އިންޖިނިއަރިންގ ގްރޫޕް ކޮމްޕެނީގެ ސަބްސިޑިއަރީއެކެވެ. މި ކުންފުނިން 49 އިންސައްތަ ހިއްސާ ތައިލެންޑު ކުންފުނީގައި ވާއިރު - މިއީ ތައި ޤާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ހިއްސާ ހުއްދަކުރާ އެންމެ މަތީ މިންވަރެވެ.
2023 ވަނަ އަހަރު، ކުންފުންޏަށް 199.66 މިލިއަން ބާތް ސާފު ގެއްލުން ވެފައިވާކަމަށް ރިޕޯޓް ކުރެވުނެވެ. މި އަހަރު 206.25 މިލިއަން ބާތް އާމްދަނީ ލިބުނު އިރު 354.95 މިލިއަން ބާތް ޚަރަދު ކުރެވުނެވެ.
މި އިމާރާތް އިސްތިހާރު ކުރުމަށް އެކުންފުނިން ސޯޝަލް މީޑިޔާގައި ތަފާތު ގިނަ ފޮޓޯ އާއި، މައުލޫމާތު ޝާއިޢު ކޮށްފައި ވާއިރު، މިއީ އެކުންފުނިން ޗައިނާއިން ބޭރުގައި އަޅާ އެންމެ ބޮޑު އިމާރާތްކަމަށް އެފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މި އިމާރާތުގެ ފެންވަރު ދަށްކަމުން ވެއްޓުނު އިރު އެވަގުތު 100 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދިޔަކަމަށް ލަފާކުރެވެއެވެ.
މި އިމާރާތް ސަމާލުކަން ހޯދާފައިވަނީ އެއީ މެޓްރޯޕޮލިސްގައި އެއްކޮށް ވެއްޓުނު ހަމައެކަނި އިމާރާތް ކަމަށްވާތީއެވެ.
މި ބިންހެލުމުގައި ދިމާވި ހާދިސާތަކުން ތައިލެންޑްގައި ޖުމްލަ 19 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 12 މީހުން މަރުވީ ޗައިނާގެ މި އިމާރާތު ދަށުވެގެންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި އެހީވާ ފަރާތްތަކުން މި ސަރަޙައްދުގައި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ. 75 މީހުން އަދިވެސް ނުފެނެއެވެ.
އިމާރާތް ވެއްޓުނު ހާދިސާއާއި ގުޅިގެން ތައިލެންޑުގެ ޢާންމުންގެ ރުޅިވެރިކަން ބޮޑަށް އަމާޒުވެފައިވަނީ ޗައިނާ ރެއިލްވޭ ނަންބަރު 10 އަށެވެ. މި ކުންފުނީގެ ތައި ސަބްސިޑިއަރީން އައިޓީޑީ-ސީއާރްއީސީ (ޗައިނާ ރެއިލްވޭ އިންޖިނިއަރިންގ ކޯޕަރޭޝަން) ޖޮއިންޓް ވެންޗަރުގައި 49 އިންސައްތަ ހިއްސާ ވެއެވެ.
ތައިލެންޑްގައި ބޭރު ޤައުމުގެ ސީދާ އިންވެސްޓްމަންޓްގެ އެންމެ ބޮޑު މަސްދަރަކީ ޗައިނާއެވެ. ތައި ބޯޑް އޮފް އިންވެސްޓްމަންޓްގެ ގޮތުން 2023 ވަނަ އަހަރު މުޅި އިންވެސްޓްމަންޓްގެ 25 އިންސައްތަ ހިއްސާކުރަނީ ޗައިނާއިންނެވެ. މީގެ ތެރޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިމެނޭ ގޮތުން ތައި-ޗައިނީސް ރަޔޯންގް އިންޑަސްޓްރިއަލް ކްލަސްޓަރ އަދި ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގެ ބައެއްގެ ގޮތުގައި ހަދަމުންދާ ހައި-ސްޕީޑް ރޭލް ހިމެނެއެވެ.
ބިންހެލުން އައީ ޗައިނާގެ އެދުމަށް ބެންކޮކް ގައި ޗައިނާއިން ފިލައިގެން ދިރިއުޅެމުންދިޔަ 40 އުއިޣުރު އަވަށަށް ނިސްބަތްވާ މުސްލިމުން އެ ޤައުމުން ޑިޕޯޓްކުރިތާ މަހެއް ފަހުންނެވެ. މިކަމާއި ގުޅިގެން އިންސާނީ ޙައްޤުތަކާއި ގުޅޭ ޖަމާޢަތްތަކުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. ބެލެވޭ ގޮތުގައި އެ 40 މުސްލިމުން ދާނީ ސީދާ ޗައިނާގެ ޖަލުތަކަށެވެ. އެއްވެސް ކޯޓު މަރުހަލާއެއްނެތިއެވެ.
ތައިލެންޑުގެ ސަލާމަތީ މަސައްކަތް ބަލަހައްޓާ ޑެޕިއުޓީ ބޮޑުވަޒީރު އަނުތިން ޗަންވިރަކުލް ބުނިގޮތުގައި ތައި އަދި ޗައިނާގެ ކުންފުނިތައް ތަޙުޤީޤުކޮށް ޖަވާބުދާރީ ކުރެވޭނެއެވެ.
މިކަމާއި ގުޅިގެން ޗައިނާގެ 4 ރައްޔިތަކު ހިފަހައްޓާފައިވެއެވެ. މިއީ ހުއްދައަކާ ނުލައި ވެއްޓިފައިވާ އިމާރާތުގެ ދަށުން 32 ފައިލް ޑޮކިއުމަންޓް ވަގަށް ނަގައިގެން ފިލުމަށް މަސައްކަތްކުރި ބަޔެކެވެ. އެމީހުން މި ލިޔެކިޔުންތައް ވަގަށް ނަގާފައިވަނީ، ކާރިސާ ދިމާވެފައިވާ ސަރަޙައްދަށް ވަނުން މަނާކޮށްފައި ވަނިކޮށެވެ.
މުއިއްޒުގެ ސަރުކާރުންވެސް ވަނީ ޗައިނާ ރެއިލްވޭ އިންޖިނިއަރިންގ އަށް ގިނައަދަދެއްގެ މަސައްކަތް ހަވާލު ކޮށްފައެވެ. ނަމަވެސް މީގެ ގިނަ ޕްރޮޖެކްޓްތަކެއް އަދިވެސް ނުފެށެއެވެ. ޗައިނާ ރެއިލްވޭ އިންޖިނިއަރިން އަށް ޕްރޮޖެކްޓްތައް މުއިއްޒު ހަވާލު ކޮށްފައިވަނީ ބޮޑު އަދަދުން ފައިސާ ނަގައިގެން ރިޝްވަތުގެ ތެރެއިންނެވެ.