ޒުވާން އަންހެން ކުއްޖަކު އުސް އިމާރާތަކުން ވެއްޓުނު ހާދިސާވެގެންދިޔައީ މިސަރުކާރުގެ އަސްލު ހަގީގަތް ހާމަވެ ބޮޑުތަނުން ފަަޟީހަތްވެގެންދިޔަ ހާދިސާއެއް ކަމުގައެވެ. ފުލުހުންގެ މުވައްސަސާ މަސައްކަތްކުރަމުންދާ ގޮތާއި, އެ މުވައްސަސާއަކީ ގައުމުގެ ވަލިއްޔުލްއަމުރުގެ ގޮނޑިކޮއްކޮ މުވައްސަސާއަކަށްވެގެން ގޮސްފައިވާ މިންވަރުވެސް މިހާދިސާއިން ވަނީ ވަރަށްވެސް ބޮޑަށް ހާމަވެގެން ގޮސްފައެވެ. ހަމަ އެއާއެކު ޔުމްނު އުސް އިމާރާތުން ވައްޓާލި ހާދިސާގެ އަސްލު ސަސްޕެކްޓުންނަކީ ކޮބައިތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ. އަދި އެއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިހާދިސާގެ އެންބޮޑު ސަސްޕެކްޓަކީ ކޮބައިތޯ އެވެ. މުޅި ހާދިސާގެ ހަގީގަތް އޮޅުވާލުމަށް ފުލުހުން މަސައްކަތްކުރި ހަގީގީ ސަބަބަކީ ކޮބައިތޯއެވެ.
ޒުވާން އަންހެން ކުއްޖެއްކަމަށްވާ ހައްވާ ޔުމްނު ރަޝީދު އިމާރާތުން ވެއްޓި މިހާރުވެސް އޮތީ އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ. އަދި އޭނާ ފުރާނައާއި ހަނގުރާމަ ކުރަމުންދާއިރު, އޭނާއަށް އިންސާފު ހޯދާ ދިނުމަށް ޒުވާނުންދަނީ މަގުމަތީގައި މުޒާހިރާވެސް ކުރަމުންނެވެ.
އެހެންނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް, މުއިއްޒުގެ އެންގުމަށް ފުލުހުންގެ މުވައްސަސާއިން ވަނީ މިހާދިސާއާއި ގުޅޭ މައުލޫމާތު ސިއްރުކޮށް, ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. ޔުމްނު އިމާރާތުން ވެއްޓުމަށްފަހު ހަފްތާއެއްވަންދެން މިހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިހާދިސާގައި ހިމެނޭ އެހެން ބައެއް މީހުންނަކީ ރައީސް އޮފީހުގައި ސިޔާސީ ވަޒީފާގައި އުޅޭ މީހުންކަމަށް އާންމުވެގެންދިޔަ ހިސާބުން ކުރިމަތިވި ޕްރެޝަރަށް ފުލުހުން އެންމެ ފުރަތަަމަ މީޑިއާތަކާއި މައުލޫމާތު ހިއްސާކުރި ނަމަވެސް, އޭރުވެސް ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ހާދިސާގައި އަނިޔާވި ޔުމްނުގެ ވަނަވަރު ހާމަކުރިއިރުވެސް, މިހާދިސާގައި ކުށްވެރިވާ މީހުންގެ ވަނަވަރު ސިއްރު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ޒުވާނުން މަގުމަތީގައި މުޒާހިރާ ކުރާން ފެށުމުން ފުލުހުންނަށް ވަނީ ހާދިސާގައި ޝާމިލްވާ އެހެން މީހުންގެ މައުލޫމާތުވެސް އާންމުކުރާން މަޖުބޫރު ވެފައެވެ.
އެއަށްފަހުވެސް ފުލުހުންދަނީ ވީވަރަކުން މިހާދިސާގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. ހާދިސާގައި ހިމެނޭ އެހެންމީހުން ހައްޔަރު ނުކުރީ, 30 ދުވަހުގެ ތެރޭގައި ތަހުގީގު ނުނިމިދާނެކަމަށް ބުނެ ފުލުހުން ބުނި ބުނަމަކީ "ގަރުނުގެ ބޮޑު ޖޯކެވެ". ދައްކާނެ ހުއްޖަތެއް ނެތިގެން ފުލުހުންވަނީ މީޑިއާގެ ކުރިމަތީ މުތުލަގަށް ބޮޑެތި ދޮގުވެސް ހަދާފައެވެ.
އެއަށްފަހު އިއްޔެ ފުލުހުން ދެއްކި ވީޑިޔޯތަކުން ޓެރަހަށް އެ އަންހެން ކުއްޖާ އެރިކަމެއް ނުވަތަ ނާރާ ކަމެއް ސާފް ނުވިނަމަވެސް އަދި ތަހުގީގަށް ވެސް އެކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނެ, ފުލުހުން ބުނަމުން ދަނީ ޓެރަސް ތަޅުލާފައި ވާކަމަށް އެގޭ ވެރިފަރާތުން ބުނާ ކަމަށެވެ. އެހެންނަމަވެސް ސާފުވާން އޮތް އެއް ހަގީގަތަކީ އެގޭ ވެރި ފަރާތާއި އެގޭ ދިރިއުޅޭ ހުރިހާ ފަރާތްތަކަކީ މައްސަލާގެ ސަސްޕެކްޓްސްއަށް ވާން ޖެހޭ ބައެއްކަމެވެ. ނަމަވެސް ފުލުހުން އެކަން އެގޮތަށް ނުކުރަނީ އެއީ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އާއި އަމީންގެ އާއިލާގެ މީހުންގެ ތަނަކަށް ވާތީއެވެ. އެވަގުތު ޓްރާންސްޕޯޓު އަމީން ގޭގައި އުޅުއްވިކަންވެސް ވަރަށްވެސް ބޮޑަށް ހާމަވާން ހުއްޓެވެ. އޭނާ ލައިގެން އުޅުއްވާ ބޫޓު އޭނާ އުޅުއްވާ އެޕާޓްމަންޓް ކައިރީގައި ހުރިކަން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ސާފުވާން އެބަހުއްޓެވެ.
މިމައްސަލާގައި ކަންކަން ސިއްރު ކުރުމަށް ފުލުހުން މަސައްކަތްކުރާ މިންވަރަށް ބަލާއިރު, ފުލުހުން ނުކުރާ މުހިންމު ސުވާލުތަކަކީ އެ ތަޅުލާފައިވާ ޓެރަސް އަށް އެކްސަސް އޮންނަނީ ކޮން ބަޔަކަށް ތޯއެވެ. ސާފުވާން އޮތް ހަގީގަތަކީ ވެއްޓިފައިވާ ފަރާތް ވެއްޓި ޖެހިފަ އޮތް ތަނާއި، ވެއްޓުނު ކަމަށް ފުލުހުން ބުނާ ފެންލައިޓާއި، ފިސިކްސް ހަމަތަކާއި ދިމާވާ އެއްގޮތެއްވެސް ނެތްކަމެވެ. ވައްޓާފައިވާ ކުއްޖާ ވައްޓާލާފައި ވަނީ ޓެރަހުން ކަމަށް، ގަބޫލު ކުރާންޖެހެނީ އެހެންވެއެެވެ. ނަމަވެސް ޓެރަސް ތަޅުލާފައި ކަމަށް ބުނެ “މި ކްރައިމް ހިނގި ކަމަށް އެންމެ ގާތް ކުރާ ތަން” ބަލާލަންވެސް ފުލުހުން ބޭނުމެއް ނޫނެވެ. މިކަން ކުރަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އާއި އޭނާގެ އާއިލާގެ ހިމާޔަތް ކުރުމަށް މި ސަރުކާރުން ބޭނުންވާތީއެވެ. ނަމަވެސް މައްސަލަ އަކީ ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ ގެއަށް ވާތީ އެގެ ބަލާ ފާސް ނުކުރަން ވެގެން އަދި އެކަމުގައި އަމީނުގެ އާއިލާގެ ބައިވެރިވުން އުޅޭތީ ފުލުހުން ގަސްތުގައި ކުރާ ވަންހަނާއެކެވެ. ތަހުގީގަށް ފުލުހުން އަޅާ ހުރަހެކެވެ.
ހަމަ އެއާއެކު, އެންމެ މަތީ ފްލޯގައި ކެމެރާ ނެތް ކަމަށް ބުނާއިރު، އެންމެ މަތީ ތިން ފްލޯގައި ދިރިއުޅޭ އެއްވެސް ފަރާތަކާއި ފުލުހުން ސުވާލު ކޮށްފައި ނުވަނީވެސް މައްސަލަ ދެފުށް ފެންނަ ގޮތަށް ބެލުމަށް ފުލުހުން ބޭނުން ނުވާތީއެވެ. ހަގީގަތަކީ އެ އެންމެންނަކީވެސް ސަސްޕެކްޓުންނެވެ. އެންމެ މަތީ ފްލޯގައި ދިރިއުޅެނީ އަމީންގެ އާއިލާތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ކަންކަން ފުލުހުން ސިއްރު ކުރަމުން ދަނީ މައްސަލައިގެ ހަގީގަތަށް ވާސިލް ވާން ފުލުހުން ބޭނުން ނުވާތީ ގަސްތުގައެވެ. މައްސަލައިގައި ހިމެނޭ ކުށްވެރިން ހިމާޔަތް ކުރުމަށް މުއިއްޒުގެ ސަރުކާރުން ތެޅިފޮޅެމުން ދާތީއެވެ.
ސީން ރީ ކޮންސްޓްރެކްޓް ކުރަމުންދަނީ ކަން ހިނގި ކަމަށް ޤަބޫލު ނުކުރެވޭ ތަނެއްގައެވެ. ފިޒިކްސް އިން އެއީ ހިނގާފާނެ ކަމަށް ބެލެވޭ ތަނެއްގައެއް ނޫނެވެ. މިއީ ކޮންކަހަލަ ތަހުގީގެއްތޯއެވެ؟
މިއީ ރައްޔިތުންގެ ފުރާނައަށް އެއްވެސް ރަހުމެއް ނެތް ސަރުކާރެކެވެ. ނެޕޯބޭބީސްގެ ސަރުކާރެކެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ސަރުކާރެކެވެ. ކޮރަޕްޓުވެ ފައިސާއަށް ވިކި ހުސްވެފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ރައްޔިތުން ބުނަމުން މިދަނީ އެހެންވެއެވެ.
މިއީ, މުއިއްޒުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ މަސްލަހަތު ހިމާޔަތް ކުރަން ޚުދު މުއިއްޒު ހިންގަމުންދާ ބޮޑު ޖަރީމާއެކެވެ. ދިވެހި އަންހެންކުއްޖަކު އިމާރާތަކުން ވައްޓާލާ, ލިބުނު އަނިޔާތަކުގައި ފުރާނައާއި ހަނގުރާމަކުރަމުންދާއިރު, ދިވެހި ނިކަމެތި ރައްޔިތެއްގެ ހައްގުތަކަށްވުރެ, މުއިއްޒުއަށް ބޮޑީ ކެބިނެޓް ވަޒީރެއްގެ މަސްލަހަތެވެ. އެގެން އޮތް އެންމެ ބޮޑު ހަގީގަތަކީ, މުޅި މައްސަލަ އޮޅުވާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވަނީ މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. އޭނާއާއި އޭނާގެ އާއިލާއާއި މިމައްސަލައާއި ގުޅުމެއް ނެތްކަމަށް ސާބިތުކޮށްދޭށެވެ.
އެހެންނަމަވެސް ޓްރާންސްޕޯޓު އަމީންއާއި ސުވާލުނުކޮށް މިމައްސަލާގެ ފުނަށް ފުލުހުންނަށް ދަތުރު ނުކުރެވޭނެކަން މިއީ ސާފުވާން އޮތް ހަގީގަތެކެވެ. އޭނާގެ އާއިލާގެ މެމްބަރުންނާއި މި ހާދިސާއާއިތް ގުޅުން ފުލުހުން ހޯދާންޖެހެއެވެ. ތަހުގީގު ކުރާންޖެހެއެވެ. ހަގީގަތުގައިވެސް, މުޅި މައްސަލާގެ އެންމެ ބޮޑު ސަސްޕެކްޓަކީ މުއިއްޒުގެ ކެބިނެޓް ވަޒީރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރ އަމީންއެވެ.