ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ މެލޭޝިއާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި, އެގައުމުގެ އެންމެ ފަޚުރުވެރި އެއް ޔުނިވަރސިޓީ ކަމުގައިވާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފް އެރުވުމަށް ނިންމާފައިވަނީ, މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޔުނިވަރސިޓީއަށް ދޮގު މައުލޫމާތު ފޯރުކޮށްދީގެންކަން ހާމަވެއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މުއިއްޒުއަކީ އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފް ހާސިލްވާ ވަރަށް މުޖުތަމައަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތެއްކަން ހާމަކޮށް ޑރ. ޝަހީމް އައިއައިޔޫއެމްގެ އިސް ފަރާތްތަކާ މުއާމަލާތު ކޮށްފައެވެ. އެގޮތުން އެ ޔުނިވަރސިޓީއާއި ޑރ. ޝަހީމް ހިއްސާކުރި ދޮގު މައުލޫމާތުގެ ސައްޙަކަން އެޔުނިވަރސިޓީން އަދި މިހާތަނަަށް ކަށަވަރު ކޮށްފައިނުވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އެތައް ޚިދުމަތްތެރިންނެއް އުފައްދާދިން ޔުނިވަރސިޓީއެކެވެ. އެ ސުނިވަރސިޓީއަކީ މި ސަރަހައްދުގައިވެސް ގާނޫނީ ދާއިރާއިން އެންމެ އިތުބާރުކުރެވޭ ތައުލީމެއް ފޯރުކޮށްދޭ ޔުނިވަރސިޓީއަށްވާއިރު, އެ ޔުނިވަރސިޓީ މެދިވެރިކޮށް މިދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އެތައް ގާނޫނީ އަދި ދީނީ އިލްމުވެރިންނެއް މިވަގުތު ރާއްޖޭގައި އެބަ ތިއްބެވެ.
އެގޮތުން މި ޔުނިވަރސިޓީގައި ތައުލީމު ހާސިލްކޮށް, ހަމަ އެޔުނިވަރސިޓީން ދީނީ ރޮގުންނާއި އަދި ގާނޫނީ ރޮނގުންވެސް ޕީއެޗްޑީއާއި ހަމައަށް ތައުލީމު ހާސިލްކޮށްފައިވާ އެތައް ސްކޯލަރުން ރާއްޖެގައި ތިބިއިރު އެފަރާތްތަކުން މިހާރުވެސް ދަނީ ދައުލަތުގެ މުހިންމު މަގާމްތަކެއް އަދާކުރަމުންނެވެ. އޭގެ ތެރޭގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމާއި, ކެބިނެޓްގެ މަގާމްތަކާއި އަދި އެނޫންވެސް ދައުލަތުގެ މުހިންމު މުވައްސަސާތައް ހިމެނެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ޚާއްސަ ބައެއް ބޭބޭފުޅުންގެ ތެރޭގައި 2012 ވަނަ އަހަރު މަރާލެވިފައިވާ, ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީވެސް ހިމެނެއެވެ.
އޭގެވެސް އިތުރުން, މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި, މުއިއްޒުގެ ނުފޫޒުން ސުޕްރިމް ކޯޓުން އިސްތިއުފާ ދިނުމަށް މަޖުބޫރުކުރުވި ހުސްނުއްސުއޫދުއާއި, މުއިއްޒުގެ އެންގުމަށް, ޖޭއެސްސީން މައްސަލަ ބަލަމުންދާ ފަނޑިޔާރު މަހާޒުވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި, މާދަމާ މުއިއްޒު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ މައިގަޑު މަގުސަދަކީ, މެލޭޝިއާގެ އިންޓްރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އަރުވަން ނިންމާފައިވަ އޮނޮރަރީ ޑޮކްޓަރޭޓް އެވާޑަކާއި ހަވާލުވުމުވެ. މި އެވާރޑް މުއިއްޒުއަށް އެރުވުމަށް އެ ޔުނިވަރސިޓީގެ އިސް ފަރާތްތަކާ މުއާމަލާތުކޮށް, ދޮގު މައުލޫމާތު ދީގެން މުއިއްޒުއަށް މި އެވާރޑް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރަމުންދާ މިސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން އަދާކުރައްވަމުން ގެންދަވާ މުހައްމަދު ޝައީމު އަލީ ސައީދުއަކީވެސް އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމު ހާސިލް ކުރެއްވި ބޭފުޅެކެވެ.
އެހެންނަމަވެސް ސާފުވާން އޮތް އެއް ހަގީގަތަކީ, މުއިއްޒުއަކީ މިފަދަ ޝަރަފެއް ހައްގުވާފަދަ އެއްވެސް ޚިދުމަތެއް އޭނާގެ މުޅި އުމުރުގައިވެސް ގައުމަށް އަދި މުޖުތަމައަށް ކޮށްދެއްވާފައިވާ ފަރާތެއް ނޫންކަމެވެ. ޔުނިވަރސިޓީތަކުން މިފަދަ އެވާރޑްތައް އަރުވަނީ, އެޔުނިވަރސިޓީއެއް ޚާއްސަވާ ދާއިރާއަކުން, ގައުމަށާއި މުޖުތަމައަށް ކޮށްދެއްވާ ފަރާތްތަކަށް ކަމެވެ.
އޭގެ ބަދަލު މުއިއްޒުވަނީ, އޭނާގެ ވެރިކަމަށް ދޮޅު އަހަރު ނުވަނީސް, ޝަރުއީ ދާއިރައަށް އަތް ބާނުއްވާ, ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގެ އެއް ފަނޑިޔާރަކު މަގާމުން އިސްތިއުފާދިނުމަށް މަޖުބޫރު ކުރުވާ, އިތުރު ދެ ފަނޑިޔާރުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާ, އެ ފަނޑިޔާރުން ޖޭއެސްސީއަށް ”ދަމާ“ މި ބޭބޭފުޅުންނަށް އެތައް އަނިޔާއެއް ދޭން ފަށާފައެވެ. އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ, ކުރީގެ ރައީސް ޔާމިންގެ މައްސަލައަށްވެސް ސިޔާސީ ނުފޫޒު ފޯރުވަމުންދަނީވެސް ސީދާ މުއިއްޒު އަޑީގައި ހުންނަވައިގެންނެވެ. މިއަދު ސާފުވާން އޮތް އެއް ހަގީގަތަކީ, މިދަރަޖައަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި އެހެން ރައީސަކު ދިވެހި ތާރީޚު ދެކެފައި ނުވާކަމެކެވެ.
އެހެންކަމަށްވާއިރު, ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެންމެ ބޮޑު ޚިދުމަތެއް އެ ޔުނިވަރސިޓީއަކުން ކޮށްފައިވާ, މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އަރުވާ އޮނޮރަރީ ޑޮކްޓަރޭޓް އެވާޑެއްގެ ޝަރަފް މުއިއްޒުއަށް ހައްގުވާނީ ކޮން ގޮތަކުން ބާވައެވެ.
މިއީ މިސަރުކާރުގެ ވަޒީފާތަކުގައި ތިބި, އައިއައިޔޫއެމްއިން ތައުލީމު ހާސިލް ކޮށްފައިވާ ބަޔަކު އެ ފަރާތްތަކުގެ ވަޒީފާގެ ހިމާޔަތުގައި, ޔުނިވަރސިޓީއަށް ދޮގު މައުލޫމާތު ފޯރުކޮށްދީގެން މުއިއްޒިއަށް ހޯދާދޭ ނުހައްގު ޝަރަފެކެވެ. އަދި މިއީ އެ ޔުނިވަރސިޓީއަށްވެސް, ދިވެހިގައުމަށްވެސް އޮތް ބޮޑު ލަދެއްކަމުގައި މެނުވީ ވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.