"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރޭ އުފައްދަވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ, މި ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:
1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
3. ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ
އެހެންނަނަމަވެސް މުއިއްޒު އުފެއްދެވި މި ކޮމިޝަންއިން މިނިވަން އިންސާފްވެރި ތަހުގީގެއް ކުރާނެކަމަށް ވިދާޅުވާއިރު, ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ސިޔާސީ މީހަކު މި ކޮމިޝަންގައި ހިމެނުއްވުމުން މުއިއްޒު އުފެއްދި މި ކޮމިޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އަދި ގިނަ ބަޔަކު ގަބޫލުކުރަމުންދަނީ, ސިޕީ ޝުޖާއި މަގާމުން އިސްތިއުފާ ދީ, އެއަށްފަހު މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވުމުން, މިއީ ކަމުގެ އަސްލު އޮޅުވާލުމަށް މުއިއްޒު ގެންގުޅުއްވާ މަކަރުވެރި ސިޔާސަތެއް ކަމުގައެވެ.
އެހެންނަމަވެސް މައްސަލާގެ ހަގީގަތަކީ, ޒުވާނުން ޑިމާންޑް ކުރަމުންދަނީ, މިމައްސަލައަށް ނުފޫޒު ފޯރުވި, މުއިއްޒުގެ ދެ ވަޒީރުންކަމަށްވާ ޓްރާންސްޕޯޓު މިނިސްޓަރ އަމީންއާއި ހޯމް މިނިސްޓަރ އަލީ އިހުސާން އިސްތިއުފާ ދިނުމަށްކަމެވެ. އެހެންނަމަވެސް މި ދެވަޒީރުން އިސްތިއުފާ ދިނުމުގެ ބަދަލުގައި މުއިއްޒު ވަނީ ސީޕީ ޝުޖާއު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވާފައެވެ. އޭގެ ބަދަލުގައި, ހަގީގީ ސަސްޕެކްޓުންނަށް މުއިއްޒު ގެންދަވަނީ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ.
ހަމަ އެއާއެކު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ސިޔާސީ މީހުން ހިމެނުމުންވެސް މުއިއްޒުގެ އަސްލު މަގްސަދާމެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ދައުރުގައި, ރާއްޖޭގެ ކަނޑު ވިއްކާލިކަމަށް ބުނެ, ރައްޔިތުންގެ ކުރިމަތީގައި މުތުލަގަށް ދޮގުހަދާ އޮޅުވާލާފައިފާ, އަދި ކަންނެތްކަމާއި ރުންކުރުމަކަށް މަޝްހޫރު ސިޔާސީ މީހަކު މި ކޮމިޝަންގައި ހިމެނުއްވީ މިކޮމިޝަންގެ މަސައްކަތްތަކުގެ ނަތީޖާ މުއިއްޒު ބޭނުންވާ ގޮތަކަށް އަނބުރާލާ އޮޅުވާލުމުގެ މަގުސަދުގައިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ޑރ. މުނައްވަރުވަނީ ރައީސް ސާލިހުގެ ވެރިކަމުގައި, ރާއްޖޭގެ ކަނޑު ވިއްކާލިކަމަށް ބުނެ, އަދި ވެރިކަން ބަދަލު ކުރެވިއްޖަނަމަ ވިއްކާލި ކަނޑު އަބުރާ ހޯދޭނެކަމަށް ބުނެ, ރައްޔިތުންގެ ކުރިމަތީގައި މުތުލަގަށް ދޮގު ހަދާފައެވެ. މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު, ގެއްލުނު ކަނޑު ހޯދުނުކަމެއްވެސް ނުހޯދޭ ކަމެއްވެސް މުނައްވަރަށް މިހާތަނަށް އެނގިފައިވާކަމަކަށް ނުވެއެވެ.
ދިވެހި އަންހެންކުއްޖަކު ގަސްތުގައި އިމާރާތުގެ މަތިން ވައްޓާލާ, ފުލުހުން ދޮގާއި މަކަރުހަދާ, އަދި މައްސަލައަށް ނުފޫޒު ފޯރުވި ވަޒީރުން މަގާމުން ވަކިނުކޮށް, އިތުބާރު ގެއްލިފައިވާ ސިޔާސީ މީހުން ހިމަނައިގެން, ތެދުވެރި ތަހުގީގެއް ނުހިންގޭނެކަމަށް ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ. އެގޮތުން މުނައްވަރުފަދަ ބޭފުޅަކު މިފަދަ މުހިންމު ކޮމިޝަނެއްގައި ނުހިމަނާ, މިފަދަ ކޮމިޝަނެއްގަައި ހިމެނުން އައުލަވެގެންވާ, ރައްޔިތުން އިތުބާރުކުރާ އެތައް ބަޔަކު މުޖުތަމައުގައި އެބަ ތިއްބެވެ.
މީގެ 4 ދުވަސްކުރިން ފެށިގެން ކުރިޔަށްދާ މުޒާހިރާގައި ޔުމްނުގެ އާއިލާގެ ފަރާތުން މިސަރުކާރަށް މިހާރުވަނީ 9 ޑިމާންޑެއް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު 3 ޑިމާންޑަކީ , ޔުމްނު އިމާރާތެއްގެ މަތިން ވައްޓާލި ހާދިސާ އޮއްބާލުމަށް ފުލުހުންނަށް ނުފޫޒު ފޯރުވާފައިވާ, މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަމީން އިސްތިއުފާ ދިނުމާއި, ތަހުގީގު އޮޅުވާލާ ވަކިބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ހޯމް މިނިސްޓަރ އަލީ އިހުސާން އިސްތިއުފާ ދިނުމުގެ އިތުރުން މި ހާދިސާގައި ޝާމިލްވާ އެންމެންގެ މައްޗަށް ފިޔަވަޅު އަޅަން ފަސްޖެހި, އަދި ފުލުހުންގެ ބޭއިންސާފު ދިފާއުކޮށް ވާހަކަ ދައްކަވާފައިވާތީ މުއިއްޒު މާފަށް އެދުމަށެވެ.
އެހެންނަމަވެސް މިއިން އެއްވެސް ޑިމާންޑަކަށް ބޯ ލެނބުމުގެ ބަދަލުގައި, ގުރުބާންކުރި ކަންބަޅިއަކަށް ސީޕީ ޝުޖާއު ހަދާ, އޭގެފަހުން ރިޔާސީ ކޮމިޝަނެއް އުފައްދާ, މުއިއްޒު ގެންދަނީ ޔުމްނު އުސް އިމާރާތުން ވައްޓާލި ހާދިސާގެ ހަގީގަތް އޮޅުވާލުމުގެ މޭސްތިރިން ހިމާޔަތް ކުރަމުންނެވެ.
މިއީ މި ހާދިސާގެ ހަގީގަތް އޮޅުވާލުމަށް, މަކަރުވެރިކަމާއި ހީލަތްތެރިކަމާއެކު މުއިއްޒު ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި މެނުވީ ސިފައެއް ނުކުރެވޭނެއެވެ.