ދެކުނު ޗައިނާ ކަނޑުގައި ހިމެނޭ ސެންޑީ ކޭ ނަމަކަށް ކިޔާ ފިލިޕީންސްގެ ފަރެއްގެ މައްޗަށް ޗައިނާއިން ބާރު ހިންގަން ފަށައިފިކަމަށް ޚަބަރު ލިބެއެވެ. މި ފަރަކީ ފިލިޕީންސްގެ އެންމެ މުހިންމު އެއް ސިފައިންގެ މަރުކަޒާ ވަރަށް ކައިރީގައި އޮންނަ ފަރެކެވެ.
ޗައިނާގެ ސަރުކާރުގެ ހަބަރު ޗެނަލް ކަމުގައިވާ ސީސީޓީވީއިން ހޮނިހިރު ދުވަހު ގެނެސްދިން ޚަބަރެއްގައި ބުނެފައިވަނީ ޗައިނާގެ ކޯސްޓްގާޑުން މި މަހު ތެރޭގައި އެ ފަރުގެ "ކަނޑުގެ ސަރަހައްދު ކޮންޓްރޯލްކޮށް ޗައިނާގެ އިހްތިޞާސުގެ ތެރެއަށް އެތަން ވައްދައިފި" ކަމަށެވެ. އަދި ޗައިނާގެ ދިދަ ނަގައި އެތަނުގެ މައްޗަށް ޗައިނާގެ ބާރު ހިންގާ ކަމަށް އިޢުލާންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މި ފަރަކީ 200 އަކަ މީޓަރުގެ ކުޑަ ފަރެއް ނަމަވެސް، މިއީ ޗައިނާއަށް ވަރަށް ބޮޑު އިސްޓްރެޓެޖިކް މުހިންމުކަމެއް އޮތް ފަރެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މި ފަރުގެ 12 ނޯޓިކަލް މޭލުގެ ސަރަހައްދު ނިސްބަތް ވަނީ ފިލިޕީންސް އަށެވެ. މިއީ އެހެން ޤައުމެއްގެ ފަރެކެވެ. މިއީ ސްޕްރަޓީ އައިލެންޑްސް ތެރޭގައި ހިމެނޭ މުހިންމު ފަރެކެވެ.
ޗައިނާއިން ދަނީ ޗައިނާ އަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ތެރެއިން ބާރު ލިބިފައިވާ ސަރަހައްދުން ބޭރުގައި ވާ ކަނޑު ފަޅާއި، ރަށްތައްވެސް އެއީ ޗައިނާގެ ބައެއް ކަމަށް ހަދައި، ސަރަހައްދުގެ ޤައުމުތަކުގެ ބިންތަކާއި، ކަނޑުގެ ސަރަހައްދުތަކާއި ރަށްތައް ދުނިޔޭގެ ޤަނޫނުތަކާއި ހިލާފަށް ބާރުގެ ބޭނުން ކޮށްގެން ފޭރެމުންނެވެ.
ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ މިއީ "ތެދެއް ނަމަ ވަރަށް ކަންބޮޑުވާ" ކަމެއް ކަމަށެވެ. ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޖޭމްސް ހިއުވިޓް ވިދާޅުވީ "މިފަދަ ޢަމަލުތަކުން މުޅި ސަރަހައްދުގެ އިސްތިޤްލާލަށް ނުރައްކާވެ، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެ" މަސްލަހަތު ގެއްލެމުންދާ ކަމަށެވެ.
ޗައިނާއިން މި ފިޔަވަޅު އަޅާފައިވަނީ ފިލިޕީންސްއާއި އެމެރިކާ ގުޅިގެން ކުރިއަށްގެންދަން ރާވާފައިވާ ސިފައިންގެ ތަމްރީނުތަކެއް ފެށުމުގެ ކުރިންނެވެ. މި ތަމްރީނުތަކުގައި ޖަޒީރާތައް ހިފުމާއި ސަލާމަތްކުރުމުގެ ޑްރިލްތައް ހިމެނެއެވެ.
ޗައިނާއަކީ އެހެން ޤައުމުތަކުގެ މިނިވަންކަމަށް އިހްތިރާމު ނުކުރާ، އެމީހުންގެ ޤައުމުގެ ސަރަހައްދު ބޮޑު ކުރުމަށް އަވަށްޓެރި ހުރިހާ ޤައުމަކަށް އެމީހުންގެ ނުރައްކާތެރިކަން ކުރިމަތި ކުރުވާފައިވާ ބައެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން ދިޔައީ، ޖަރުމަން ބޮޑު ކުރުމުގެ ޤައުމީ ފިކުރުގައި އެހެން ޤައުމުތަކަށް އަރައިގަތުމުންނެވެ.
މި ޙާދިސާ ހިނގާފައިވަނީ އެމެރިކާއާއި ޗައިނާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ހިނގަމުންދާ ވަގުތެއްގައެވެ.