ޚަބަރު

މުއިއްޒުއަށް ގައުމު ނުހިންގުނު: މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވާ މި ހުޟޫޟަތްތެރި ދަނޑިވަޅަކީ, ނައިބު ރައީސް ސެމްބެ ހަށި ފޮޅާލާ, ޖެން-ޒީގެ ފަޅިއަށް ޖެހިވަޑައިގަންނަވަނީ ދަނޑިވަޅު!

ދިޔަވަރު
މުއިއްޒުއަށް ގައުމު ނުހިންގުނު: މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވާ މި ހުޟޫޟަތްތެރި ދަނޑިވަޅަކީ, ނައިބު ރައީސް ސެމްބެ ހަށި ފޮޅާލާ, ޖެން-ޒީގެ ފަޅިއަށް ޖެހިވަޑައިގަންނަވަނީ ދަނޑިވަޅު!

އެއްވެސް ޝައްކެއް ނެތްގޮތުގައި ދިވެހި ގައުމު މިއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައެވެ. ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް, ގައުމު މިއޮތީ އިނދަ ޖެހިފައެވެ. އިގްތިސާދު ފުނޑިއްޖެއެވެ. ރައްޔިތުން ބިކަވެ ނިކަމެތި ވެއްޖެއެވެ. އަނގަޔާއި އަތާ ދިމާވާ ރައްޔިތަކު ނެތެވެ. އިންސާފު ގެއްލިއްޖެއެވެ. ޒުވާނުން މަގުމަތިވެއްޖެއެވެ. އަނިޔާލިބޭ މީހާއަށް އިންސާފު ހޯދޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އިސް އިމާރާތްތަކުން ޅަ ޒުވާން ކުދިން ވައްޓާ މަރަމުން ދަނީއެވެ. ކަންބޮޑުވާނެ ވަޒީރެއް ވެރިއެއް ގައުމުގަ ނެތެވެ. ވައްކަމާއި ރިޝްވަތާއި ލޫޓުވުން ދައުލަތުގެ މަތީ ފަންތީގައި އާންމު ވެއްޖެއެވެ. ގައުމުގެ ވަލިއްޔުލްއަމުރަށް ދާންދެން މުށްޖަހާ ކަނީއެވެ. އާދައިގެ ނިކަމެތި މީހާއަށް ހައްގު ހޯދޭނެ އެއްވެސް ހަމައެއް ނެތެވެ. ބޮޑުންނަށް މޮޅު ގޮތެވެ. ނިކަމެތި މީހާއަށް ދެރަ ގޮތެވެ. އޮތީ ކަނޑުގެ ގާނޫނެވެ. ބޮޑު މަސް ކުޑަމަސް ކާލުމެވެ.

މިއީ މިގައުމުގެ މިއަދުގެ ހާލަތެވެ. މުއިއްޒު ވެރިކަމާއި ހަވާލުވިތާ ދޮޅު އަހަރު ވެގެންދާއިރު ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ, މިވެރިކަން ބަދަލު ކޮށްދިނުމަށެވެ. އަމިއްލަ އެދުމުން ފޯވެފައިވާ, މުތުލަގަށް ދޮގު ހަދާ މަކަރުވެރި ހީލަތްތެރިއެއްގެ މުށުތެރެއިން ގައުމު މިންޖު ކޮށްދިނުމަށެވެ.

އާދޭހެވެ! ގައުމަށް ކުރިމަތިވެފައި މިވަނީ ވަރަށްވެސް ހުޟޫޟަތްތެރި ދަނޑިވަޅެކެވެ. ޒުވާނުން އެތިބީ އެހެން ގޮތެއް ފެނޭތޯ މަގުތަކަށް ނިކުމެއެވެ. އަޑު އުފުލަމުންދަނީ މިގައުމުގެ ވެރީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ދިނުމަށެވެ. އިންސާފު ގާއިމް ކޮށްދިނުމަށެވެ. މުއިއްޒު މާފަށް އެދުމަށެވެ. ދޮގުހަދާ އޮޅުވާލަމުންދާ ވަޒީރުން މަގާމުން ވަކިކޮށް ދިނުމަށެވެ.

އެހެންނަމަވެސް މުއިއްޒު އެ ހުންނެވީ ހަތަރެސްފައި ބަނދެލެވިގެންނެވެ. ވަޒީރުންގެ ދަށުވެފައެވެ. ކުންފުނިތަކުގެ އެމްޑީންގެ އަޅަކަށް ވެފައެވެ. އެއީ ޚުދު މުއިއްޒުއަކީ އެ ފަރާތްތަކުގެ ވައްކަމާއި ކޮރަޕްޝަންގެ ބައިވެރިއަކަށް ވާތީއެވެ.

މިހުރިހާ ސަބަބުތަކާއިހެދި, މުއިއްޒުގެ ވެރިކަން ގާނޫނީ އިމުތެ ތެރެއިން ނިމުމަކަށް ގެނައުން މިވަނީ ވާޖިބު ވެފައެވެ. ގާނޫނީ އިމުގެ ތެރެއިން މުއިއްޒު ވެރިކަމުން ދުރުކޮށް, ވެރިކަމާއި ދެން ހަވާލު ވެވޭނީ ނާއިބުރައީސްއަށެވެ. އެ މަގާމުގައި މިއަދު ހުންނެވީ ނައިބު ރައީސް ސެމްބެއެވެ. މުއިއްޒު އެ ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށެވެ. އެއީވެސް, އެގައުމުގެ އިސްލާމިކް ޔުނިވަރސިޓީއަށް ދޮގު މައުލޫމާތު ދީގެން ހޯއްދެވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފަކާއި ހަވާލުވެވަޑައިގަންނަވާށެވެ.

މުއިއްޒު ގައުމުން ބޭރަށް ވަޑައިގެންނެވުމާއެކު, ވަގުތީ ގޮތުން ގައުމުގެ ހިންގުމާއި ހަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސްއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ނައިބު ރައީސް ސެމްބެ ގައުމަށްޓަކާ ހަށިފޮޅާލަން ލިބޭ ރަނުގެ ފުރުސަތެވެ. އަރުވަންވީ ޖެން-ޒީގެ ފަޅިއަށެވެ. މިހާރު މާލޭގެ މަގުތަކުގައި ކުރާ މުޒާހިރާތަކަށް ފުރުސަތުދީ, ބޮޑު ބަދަލަކަށް ނައިބު ރައީސް ފުރުސަތު ދެއްވަންވީއެވެ. ރައްޔިތުންގެ ފަޅިއަށް އަރުއްވާ ރައްޔިތުން ހާލުގެ ދުލުން ކުރަމުންދާ އާދޭހުގެ އަޑު ނައިބު ރައީސް އައްސަވާ, ގައުމުގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވަންވީއެވެ. ވެރިކަމުގެ ހުވާ ކުރައްވަން ތައްޔާރުވެވަޑައިގަންނަވަންވީއެވެ.

ގައުމަށް މިނިވަންކަން ހޯއްދަވާދެއްވި ބަތަލެއްގެ ގޮތުގައި ނައިބު ރައީސް ސެމްބެގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ގައުމަށް ކުރިމަތިވެފައިވާ މި ގިލަންވެރިކަމުން ގައުމު މިންޖުވެ, ގައުމާއިގެން އަމާން ބަނދަރަކަށް ދަރުކުރެވެން އޮތީ ސެމްބެގެ ލީޑަރޝިޕްގައެވެ. މުއިއްޒުގެ ނާގާބިލްކާމާއި, މަކަރުވެރިކަމާއި ހީލަތްތެރިކަމުން ރައްޔިތުންނަށް މިންޖުވެގެން އޮތް ހަމައެކަނި މަގަކީ މިއަދު އެއީއެވެ.