ޚަބަރު

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ޓޫރިސްޓުންނަށް ހަމަލާދީ 26 މީހަކު މަރާލައިފި

ދިޔަވަރު
އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ޓޫރިސްޓުންނަށް ހަމަލާދީ 26 މީހަކު މަރާލައިފި

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި އަންގާރަ ދުވަހު ޓޫރިސްޓުންގެ ގްރޫޕަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީ 26 މީހުން މަރާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާއެއް ކަމަށް ބެލެވެއެވެ.

މި "ޓެރަރިސްޓް ހަމަލާ" ދީފައި ވަނީ ޕަހަލްގާމް ރިސޯޓު ސަރަހައްދާ ކައިރީގައިވާ ބައިސަރަން ކިޔާ ތަނެއްގައި ތިބި ފަތުރުވެރިންނަށް އަމާޒުކޮށް ކޮށްގެންނެވެ. މަރުވި މީހުންގެ ތެރޭގައި 25 އިންޑިއާ ރައްޔިތުންނާއި އެއް ނޭޕާލް ރައްޔިތަކު ހިމެނެއެވެ. އަދި 17 މީހުން ޒަޚަމްވެފައިވެއެވެ.

"ކަޝްމީރު ރެސިސްޓަންސް" ނަމަކަށް ކިޔާ ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ ނަގައިފިއެވެ. އެ ޖަމާޢަތުން ބުނީ ކަޝްމީރަށް 85،000 އަށްވުރެ ގިނަ "ބޭރުމީހުން" ވައްދައި، އާބާދީގެ އޮނިގަނޑަށް ބަދަލު ގެނައުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

ނަމަވެސް ކަޝްމީރަކީ އިންޑިޔާގެ ބަޔެކެވެ. އިންޑިޔާގެ ކޮންމެ މީހަކަށް އެ ސަރަހައްދުގައި އުޅުމުގެ މިނިވަންކަން އެޤައުމުގެ ޤާނޫނު އަސާސީ އިން ލިބިދީފައިވާއިރު، އަވަށްޓެރި ޕާކިސްތާނުން ދަނީ އިންޑިޔާގެ އެ ސަރަހައްދުގައި އުޅޭ ފަރާތްތައް މެދުވެރިކޮށް ކަޝްމީރުގައި ހަމަ ނުޖެހުން އުފައްދައި ޓެރަރިސްޓް ހަމަލާތަކުގެ ހާއްޔަކަށް ހަދާފައެވެ. ކަޝްމީރުގެ މައްޗަށް ޕާކިސްތާނުން ނޫފުޒު ފޯރުވަމުން ދިޔަ ނަމަވެސް، ދެ ޤައުމުގެ ބޯޑަރު ކަޝްމީރުގައި ހިމެނުން ފިޔަވައި އިތުރު އެއްވެސް ހައްޤެއް ޕާކިސްތާނަކަށް ލިބިފައި ނުވެއެވެ. ނަމަވެސް އިންޑިޔާގެ ކަޝްމީރުގެ ސަރަހައްދުގައި ހަމަ ނުޖެހުން އުފެއްދައި، އެއީ ޕާކިސްތާނުގެ ތަނެއް ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރައި ސަރަހައްދުގެ ހަމަ ނުޖެހުން ޕާކިސްތާނުން ދަނީ ހިންގަމުންނެވެ.

އިންޑިއާގެ ސަލާމަތީ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މި ހަމަލާއަކީ ކަޝްމީރު މައްސަލަ ބޮޑުކޮށް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް އުފައްދަން ޕާކިސްތާނުން ހިންގާފައިވާ ހަމަލާއެއް ކަމަށް ލަފާ ކުރެއެވެ.