އެއްވެސް ޝައްކެއް ނެތްގޮތުގައި ދިވެހި ގައުމު މިއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައެވެ. ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް, ގައުމު މިއޮތީ އިނދަ ޖެހިފައެވެ. އިގްތިސާދު ފުނޑިއްޖެއެވެ. ރައްޔިތުން ބިކަވެ ނިކަމެތި ވެއްޖެއެވެ. އަނގަޔާއި އަތާ ދިމާވާ ރައްޔިތަކު ނެތެވެ. އިންސާފު ގެއްލިއްޖެއެވެ. ޒުވާނުން މަގުމަތިވެއްޖެއެވެ. އަނިޔާލިބޭ މީހާއަށް އިންސާފު ހޯދޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އިސް އިމާރާތްތަކުން ޅަ ޒުވާން ކުދިން ވައްޓާ މަރަމުން ދަނީއެވެ. ކަންބޮޑުވާނެ ވަޒީރެއް ވެރިއެއް ގައުމުގަ ނެތެވެ. ވައްކަމާއި ރިޝްވަތާއި ލޫޓުވުން ދައުލަތުގެ މަތީ ފަންތީގައި އާންމު ވެއްޖެއެވެ. ގައުމުގެ ވަލިއްޔުލްއަމުރަށް ދާންދެން މުށްޖަހާ ކަނީއެވެ. އާދައިގެ ނިކަމެތި މީހާއަށް ހައްގު ހޯދޭނެ އެއްވެސް ހަމައެއް ނެތެވެ. ބޮޑުންނަށް މޮޅު ގޮތެވެ. ނިކަމެތި މީހާއަށް ދެރަ ގޮތެވެ. އޮތީ ކަނޑުގެ ގާނޫނެވެ. ބޮޑު މަސް ކުޑަމަސް ކާލުމެވެ.
މިއީ މިގައުމުގެ މިއަދުގެ ހާލަތެވެ. މުއިއްޒު ވެރިކަމާއި ހަވާލުވިތާ ދޮޅު އަހަރު ވެގެންދާއިރު ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ, މިވެރިކަން ބަދަލު ކޮށްދިނުމަށެވެ. އަމިއްލަ އެދުމުން ފޯވެފައިވާ, މުތުލަގަށް ދޮގު ހަދާ މަކަރުވެރި ހީލަތްތެރިއެއްގެ މުށުތެރެއިން ގައުމު މިންޖު ކޮށްދިނުމަށެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ގައުމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށްވެސް ނާޒުކު ދަނޑިވަޅެކެވެ. ޒުވާނުން އެތިބީ އެހެން ގޮތެއް ފެނޭތޯ މަގުތަކަށް ނިކުމެއެވެ. އަޑު އުފުލަމުންދަނީ މިގައުމުގެ ވެރީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ދިނުމަށެވެ. އިންސާފު ގާއިމް ކޮށްދިނުމަށެވެ. މުއިއްޒު މާފަށް އެދުމަށެވެ. ދޮގުހަދާ އޮޅުވާލަމުންދާ ވަޒީރުން މަގާމުން ވަކިކޮށް ދިނުމަށެވެ.
އެހެންނަމަވެސް މުއިއްޒު ގެންދަވަނީ ޒުވާނުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ. ހުންނެވީ ހަތަރެސްފައި ބަނދެލެވިގެންނެވެ. ވަޒީރުންގެ ދަށުވެފައެވެ. ކުންފުނިތަކުގެ އެމްޑީންގެ އަޅަކަށް ވެފައެވެ. އެއީ ޚުދު މުއިއްޒުއަކީ އެ ފަރާތްތަކުގެ ވައްކަމާއި ކޮރަޕްޝަންގެ ބައިވެރިއަކަށް ވާތީއެވެ.
މިހުރިހާ ސަބަބުތަކާއިހެދި, މުއިއްޒުގެ ވެރިކަން ގާނޫނީ އިމުތެ ތެރެއިން ނިމުމަކަށް ގެނައުން މިވަނީ ވާޖިބު ވެފައެވެ. މި އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަނާއި ފަސާދަ މުލުން ލުހެލެވޭނީ މިވެރިކަން ބަދަލުކޮށްގެންކަން މިއީ ޒުވާނުން މިއަދު ދައްކަމުންދާ ވާހަކައެވެ. ދެމުންދާ މެސެޖަކީ މިއީއެވެ. އަދި ޒުވާނުންގެ ހަގީގީ ޑިމާންޑަކީވެސް މިއީއެވެ.
އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ އެއް ހަގީގަތަކީ, އެތައް ސަތޭކަ ޒުވާނުންނެއް ކޮންމެ ރެއަކުވެސް މަގުތަކަށް ނިކުމެ ލެޔާއި ދާ އޮހޮރިވައިގެން އަޑު އުފުލަމުންދާއިރު, މުއިއްޒުއެކޭ އެއްފަދައިން މިރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންވެސް ކަހާތަން ހުރުވާވެސް ނުލާ ތިއްބެވިކަމެވެ. ޒުވާނުންގެ ހައްގުގައި ބަސްވިދާޅުވާން އެ ލީޑަރުން ފަހަތުފަޔަށް ބުރަވެފައި ތިއްބެވިތަނެވެ.
އޭގެ ތެރޭގައި, ފާއިތުވި ހުރިހާ އިންތިޚާބެއްގައި ކަހަލަ ގޮތަކަށް ވާދަކުރެއްވި, މަހުޖަނު ގާސިމް އިބުރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ. އަދުލު އިންސާފާއި ހަމަހަމަކަމަށް ގޮވާލާ, ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށްދެއްވިކަމަށް ވަކާލާތު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ޒުވާނުންގެ ހައްގުތައް މިސަރުކާރުން ނިގުޅައިގަތްތަން ފެނިވަޑައެއް ނުގަންނަވައެވެ. ކޮންމެ އިންތިޚާބެއްގައި ވާދަކޮށް, އަދުލު އިންސާފު ގާއިމް ކޮށްދޭނެކަމަށް ވައުދުވެ, ނާއިންސާފާއި, ޚިޔާނާތާއި ރިޝްވަތުގެ ވަބާއިން ގައުމުން ފޮހެލާނެކަމަށް ގަދަބަސް ވިދާޅުވާ އުމަރު ނަސީރަށްވެސް ޒުވާނުން އަޑެއް ނީވެއެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފާރިސް މައުމޫންވެސް އެ ހުންނެވީ ކަހާތަން ހިރުވާވެސް ނުލައެވެ. އެމްއެންޕީގެ ރައީސް ކާނަލް ނާޒިމަށްވެސް ޒުވާނުންގެ އަޑެއް ނީވެއެވެ.
އެހެންނަމަވެސް މި ބޭބޭފުޅުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރުމުގެ ހުވަފެން އަދިވެސް ބައްލަވަމުން ގެންދަވާ ލީޑަރުންނެވެ. ޒުވާން އަންހެން ކުއްޖަކު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ފުރާޅެއްގެ މައްޗަށް ވައްޓާލާ, އެ ކުއްޖާއަށް އިންސާފު ނުލިބިގެން އާއިލާއިން މަގުތަކަށް ނިކުމެ އިންސާފަށް ސަލާމް ޖަހަމުންދާއިރުވެސް, މި ދެންނެވި ލީޑަރުން އެ ތިއްބެވީ, މިސަރުކާރުން ލިބިދާނެ މަންފާއެއްގެ ދަހިވެތިކަމުގައި ދުލުގައި އޮތްބަސްވެސް ބުނަން ނުކެރިފައި ހެއްޔެވެ. މުއިއްޒުއަށް ގަންނާންވީ ކޮން ބިރެއްތޯއެވެ.
މިރާއްޖޭގެ ސިޔާސީ ލީޑަރުން ގަބޫލުކުރާންވީ އެއް ހަގީގަތެއް އެބައޮތެވެ. ޒުވާނުންގެ އިހުސާސްތަކަށް މިއަދު އިހުމާލު ވުމަށްފަހު, 2028ގެ ހުވަފެން ނުބެއްލެވުމެވެ. ސަބަބަކީ 2028 އަންނައިރު ރާއްޖޭގެ ވޯޓުލާ އާބާދީގެ %50ގެ ގޮތުގައި އޮންނާނީ ޖެން-ޒީ ކަމަށްވާތީއެވެ. އެއީ ވަރަށްވެސް ޒުވާން އާބާދީއެކެވެ. މިއަދު އެޒުވާނުންގެ އަޑު ނާހާ, ހާލުގެ ދުލުން ޒުވާނުން ކުރަމުންދާ އާދޭސްތަކަށް މި ސިޔާސީ ލީޑަރުން ބީރު ކަންފަތެއް ދިނުމަށްފަހު, ގައުމަށް ޚިދުމަތް ކޮށްދޭ ހިތުންކަމަށް ވިދާޅުވެ ވޯޓު ހޯދާން ޖެހުމުން ދެ މޫނުގެ އަހުލުވެރީންނަށް ވަވަޑައެއް ނުގެންނެވޭނެއެވެ.
އެދުވަހަކުން, ގައުމާއި ރައްޔިތުންނާއި ޒުވާނުންނަށް މިއަދު އިހުމާލުވާ ލީޑަރުންގެމައްޗަށް ޒުވާނުން ހުކުމް އިއްވާނެއެވެ.