ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ގައުމު އިސްކޮށް އެންމެން އެކަތިގަނޑަކަށް ވާންޖެހެ ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 55 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ "ޖުމްހޫރި ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން،" ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން އެބަ ޖެހޭ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.
މި ގޮތުގައި ކުރިޔަށް ދިޔުމަށް ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވެވި އެވެ. އަދި ރާއްޖޭގައި ޖުމްހޫރީ ވެރިކަން މިހާތަނަށް ގެނައުމަށް މަސައްކަތް ކުރެއްވި ރައީސުންނާއި ވަޒީރުންނާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އެންމެހާ ބޭފުޅުންނަށް އެ މަނިކުފާނު މި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ޝުކުރު އަދާކުރެއްވި އެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު 54 ޕަސެންޓު ވޯޓުން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ. ހުވާކުރެއްވުމާއި މަގާމާ ހަވާލުވެވަޑައިގަތުމުގެ ދަރުބާރު އޮންނާނީ ޖުމްހޫރީ މައިދާނުގަ އެވެ.