އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އަށް ގުޅައި، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތި ލާފައިވާ އަންހެނެއްގެ ނަން ބުނުމަށްފަހު، އޭނާ އެމަގާމަށް ނަގަން ޖެހޭ ކަމަށާއި، މިކަމުގައި "އިތުރު ގޮތެއް ނެތް" ކަމަށް ބުނެ ސާޖިދާ އަމުރު ކުރުމަށް ފަހު، ފޯނު ކަންފަތް މައްޗަށް ކަނޑާލީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް ހާމަ ކުރައްވައިފިއެވެ. ޝާމިލް މިވާހަކަ ވަނީ އެ ކޮމިޝަންގެ ބައެއް މެމްބަރުންނަށް ކަން ހިނގި ގޮތަށް ކިޔައި ދީފައެވެ.
ޝާމިލް އަކީ ރައީސް މުއިއްޒުގެ މައްސަލަތައް ހިންދާލުމަށް މުއިއްޒުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ހުރި ފަރާތެކެވެ. އަދި ސާޖިދާއާއި މުއިއްޒަށް، ޝާމިލް އަށް ގުޅައި ބޭނުން އެއްޗެއް ބުނެވެނީ އެއްވެސް ވަރެއްގެ ނަޒާހަތްތެރި ކަމެއް ނެތް ފަރާތަކަށް ވުމުންނެވެ. އާދަމް ޝާމިލް އަކީ އިންތިހާއަށް ކޮރަޕްޓް ފަރާތެކެވެ. އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅުއްވައިވާއިރުވެސް، ލަދެއް ހަޔާތެއް ނެތި އަދިވެސް އިންނެވީ އެ ކޮމިޝަނުގައެވެ. ކުޑަމިނުން ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލާފައެއްވެސް ނުވެއެވެ.
ނަޒާހަތްތެރި ކޮމިޝަނެއް އޮންނަ ތަނެއް ނަމަ، ވެރިންގެ އަނިޔާ އާއި ދެކޮޅަށް އިންސާފު ހޯދުމަށް އެފަދަ ކޮމިޝަން ތަކުން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައި ގަންނާނެއެވެ. އަދި އިންސާފު ގާއިމު ކުރުމަށް ތެދުވާ ފަރާތްތަކާއި މެދު، ބާރުގެ ބޭނުންކޮށް ފިޔަވަޅު އަޅާނަމަ ރައްޔިތުން އެކަމާއި ދެކޮޅަށް އިހްތިޖާޖް ކުރާނެއެވެ. އަދި ނޫސްވެރިން ވެސް އެމީހެއްގެ ދިފާޢުގައި ނިކުންނާނެއެވެ.
ޑިމޮކްރަސީއެއް ހަރުދަނާ ވުމަކީ މިފަދަ މުއައްސަސާތައް ގުޑާ ނުލެވޭވަރަށް ވަރުގަދަ ވުމެވެ. ވެރިންނަށް ގުޅެން ނުކެރޭ ވަރުގެ ޝަހުސިއްޔަތުތައް މަގާމުތަކާއި ހަވާލުވެ، ރައްޔިތުންނަށް އިހްލާސްތެރިވާން ދަސްވުމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އިންސާފު ގާއިމު ކުރުމަށް މަސައްކަތް ކުރަން އަދިވެސް ފަށަންވީއެވެ. އެއީ އެނާގެ ޤާނޫނީ ވާޖިބެވެ. ސާޖިދާ ބުނާ މީހަކަށް ވަޒީފާދީ، މައްސަލަތައް ސާޖިދާ ބުނާހާ ގޮތަކަށް ނިންމުމަކީ ޤާނޫނީ ގޮތުން ޝާމިލު ކުރަމުންދާ ބޮޑު ކުށެކެވެ.