ޚަބަރު

ޕާކިސްތާނުގެ ސަބަބުން ސައުތު އޭޝިޔާ ސަރަހައްދީ ހަނގުރާމައަކާއި ދިމާލަށް

ދިޔަވަރު
ޕާކިސްތާނުގެ ސަބަބުން ސައުތު އޭޝިޔާ ސަރަހައްދީ ހަނގުރާމައަކާއި ދިމާލަށް

ޕާކިސްތާނުގެ ސަބަބުން ސައުތު އޭޝިޔާ ސަރަހައްދު، ސަރަހައްދީ ހަނގުރާމައަކާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. ޕާކިސްތާނު ބަޔަކު ވަނީ އިންޑިޔާގެ ކަޝްމީރު ސަރަހައްދުގައި ފަތުރުވެރިންނަށް އަމާޒު ކޮށް އެއްވެސް އެދެވޭ ސަބަބެއް ނެތި ޓެރަރިސްޓް ހަމަލާއެއް ދީ، އިންޑިޔާގެ ބައެއް ކަމުގައިވާ ކަޝްމީރުގެ 26 މީހަކު މަރާލާފައެވެ. މި ހަމަލާގައި މުސްލިމެއްގެ ފުރާނަވެސް ވަނީ ގޮސްފައެވެ.

TRF ކިޔާ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. ޓީއާރުއެފް އަކީ އދ. އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ "ލަޝްކަރު ޓައިބާ"ގެ ގޮތްޕެކެވެ. މި ޖަމާއަތާއި ޕާކިސްތާނުގެ މިލިޓަރީ އިންޓެލިޖެންސް އާއި ނުރަސްމީ ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ދުނިޔެއިން ކުރެެއެވެ.

އިންޑިޔާއިން ދެކެނީ މި ހަމަލާގައި ޕާކިސްތާނުގެ ދައުރު އޮތް ކަމަށެވެ. އަދި ހަމަލާގައި ބައިވެރިވި ދެމީހެއް އެއީ ޕާކިސްތާނުގެ ދެ ރައްޔިތުންކަންވެސް އިންޑިޔާއިން ވަނީ ކަށަވަރު ކޮށްފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިންޑިޔާއިން ޕާކިސްތާނަށް ފެން ފޯރު ކޮށްދިނުމުގެ އެއްބަސްވުން ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިޝާރާތެއް އިންޑިޔާއިން ވަނީ ކޮށްފައެވެ. އަދި އިންޑިޔާގައި ތިބި ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓުން ވަނީ އިންޑިޔާއިން ބާލާފައެވެ.

މި ހަމަލާ ދިން ޓެރަރިސްޓް ޖަމާއަތުން ބުނެފައިވަނީ ހަމަލާ ދީފައި ވަނީ، ކަޝްމީރުގައި، ކަޝްމީރު ރައްޔިތުން ނޫން އެހެން ފަރާތްތައް ވަޒަންވެރިވާތީކަމަށެވެ. ކަޝްމީރަކީ އިންޑިޔާގެ ސަރަހައްދަކަށް ވެފައި، އެތާގައި އިންޑިޔާގެ ކޮންމެ ރައްޔިތެއް ދިރިއުޅުމުގެ ހައްޤު އޮވެއެވެ. އިންޑިޔާގައި އިންޑިޔާ ރައްޔިތުން ދިރިއުޅުމާއި މެދު ހިތްހަމަ ނުޖެހިގެން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން އެ ޤައުމަށް ހަމަލާ ދިނުމަކީ އެއީ ވަރަށްވެސް ތާކުންތާކު ނުޖެހޭ ކަމެކެވެ. ހިތްހަމަ ނުޖެހޭ ބަޔަކު ތަނެއްގައި ދިރިއުޅޭ ކަމަށްޓަކައި، ނަފްރަތުވެ ހަމަލާ ދިނުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ޕާކިސްތާނުގެ ސަބަބުން އިންޑިޔާގެ ކަޝްމީރުގައި ދިރިއުޅޭ މުސްލިމުން ވެފައިވަނީ އެ ދެޤައުމު ދެމެދުގައި އޮތް ޒަމާންވީ ދެކޮޅުވެރި ކަމުގެ އަނިޔާ ލިބޭ ފަރާތަށެވެ. އިންޑިޔާގެ ކަޝްމީރުގެ ރައްޔިތުންގެ މެދުގައި އިންޑިޔާގެ ސަރުކާރާއި މެދު ނަފްރަތު އުފައްދައި، މިފަދަ ޓެރަރިސްޓް ހަމަލާތައް ޕާކިސްތާނު ޓެރަރިސްޓް ޖަމާއަތްތައް ލައްވައި، ދިނުންފަދަ ކަންކަން ހިންގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ހަމަ ނުޖެހުމުގައި، ހަނގުރާމައިގެ މައިދާނަކީ ކަޝްމީރު ކަމުގައި ޕާކިސްތާނުން ވަނީ ހަދާފައެވެ. މުސްލިމުން އެތާގައި ދިރި އުޅޭތީ އޭގެ ނާޖާއިޒް ފައިދާ ޕާކިސްތާނުން ނަގައި، އިންޑިޔާގެ އޮތް ސަރުކާރާއި، އިންޑިޔާގެ ކަޝްމީރު މުސްލިމުން އިންޑިޔާއާއި ދެކޮޅުކޮށް ސަރަހައްދީ ނުތަނަވަސްކަން ޕާކިސްތާނުން ވަނީ މީގެ ކުރިންވެސް އުފައްދާފައެވެ.