މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެލޭޝިއާގައިވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އިންވެސްޓްމަންޓް ފޯރަމްގައި މުއިއްޒުވަނީ ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރު ހާމަކޮށްފައެވެ. އަދި މެލޭޝިއާގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމަށް މުއިއްޒުވަނީ ދައުވަތު ދެއްވާފައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެއްކަމަކީ މުއިއްޒު ރާއްޖެއިން ބޭރަށްކުރާ ކޮންމެ ދަތުރުފުޅެއްގައިވެސް, ބޮޑު ޚަރަދެއްކޮށްގެން, އެގައުމެއްގައި ރާއްޖެއަށް ޚާއްސަ އިންވެސްޓްމަންޓް ފޯރަމެއް ބާއްވަމުން އަންނަ ކަމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖެނުރައީމަހު މުއިއްޒު ޗައިނާއަށް ވަޑައިގެން އެގައުމުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. 2024 ވަނަ އަހަރު ފެބްރުއަރީމަހު ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. އެއަށްފަހު މެލޭޝިއާއަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގައިވެސް އިންވެސްޓްމަންޓް ފޯރަމެއް ބައްވާފައިވާއިރު, މޮޅެތި ވާހަކަ ދެއްކުން ފިޔަވާ ހާސިލްކުރެވުނު ކަމެއް މިއިންވެސްޓްމަންޓް ފޯރަމުންވެސް ފެންނާކަށް ނެތެވެ.
މުއިއްޒުގެ ސަރުކާރުން ބޮޑެތި ޚަރަދު ކޮށް, ދައުލަތުގެ ފައިސާ އެކި ނަންނަމުގައި ތަޅާ ބުރުވަމުންދާއިރު, ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ, ޑޮލަރުގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި, އާންމު ރައްޔިތުން މާލީ ހާލަތު ވަނީ މިއިން ޒަމާނަކު ދަށަށް ނުދާ ދަރަޖައަށް ދަށަށް ގޮސްފައެވެ.
އެހެންނަމަވެސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ގައުމެއްގައި, ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން އިންވެސްޓްމަންޓް ފޯރަމެއް ދަނީ ބާއްވަމުންނެވެ. މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވީއިރު ރާއްޖެއަށް ގެނެވުނު އިންވެސްޓަރެއް އަދި ފެންނާކަށް ނެތް އިރު, އެމްއެމްއޭއާއި ގައުމީ ބޭންކަށް ސިޔާސީ ނުފޫޒު ފޯރުވާ, ޝަރުއީ ދާއިރާއަށް މުއިއްޒު އަތް ބާނާ ހިންގަވަމުން ގެންދަވާ ހުތުރު އަމަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި, ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.