ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯނި ފެނިއްޖެއެވެ. އެނގިފައިވާ ގޮތުގައި މި ދޯނި ފެނުނީ ގއ. ވިލިގިލީ ބޭރުން އިންޖީނު ހުއްޓިފައިވަނިކޮށެވެ. އަދި ދޯނި ފެނިފައިވަނީ, ދޯނި އޮޔާ ދަމުން ދަނިކޮށް އެހެން ދޯންޏަކަށް ފެނި ރިޕޯޓު ކުރުމުންނެވެ.
އެ ދޯނި ފެނިފައިވަނީ ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ކަމަށާ، ދޯނި އޮތީ އިންޖީނު ހުއްޓިފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
އެ ދޯނި ގެއްލެމުގެ ކުރިން ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 ގައި ކަމަށާ، އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.
މިދޯނި ހޯދަމުންދާތާ ދެ ދުވަސްފަހު ދޯނި ފެނުނުއިރު, ދޯނި ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މި ޑްރޯންތައް ހުރީ ގްރައުންޑް ވެފައެވެ.
އެހެންނަމަވެސް ނުއަގުގައި ޑްރޯންތައް ގަތުމަށްފަހު މުއިއްޒު ވިދާޅުވެފައިވަނީ, މި ޑްރޯންތަކުގެ ބޭނުންކޮށްގެން 24 ގަޑިއިރު ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބެލެހެއްޓެމުންދާނެ ކަމުގައެވެ.
މިއީ އިގްތިސާދީ ދަތި ދަނޑިވަޅެއްގައި, މަޖިލިސް އިންތިޚާބަށް ރިޝްވަތުގެ ފައިސާ ހޯދުމަށް ގަނެފައިވާ ޑްރޯންތަކެއްކަން ފަހުން ވަނީ އެނގިފައި ވެއެވެ.