ޓައިވާނުގެ ރައީސް ވިލިއަމް ލާއި މެއި 2024 ގައި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަނަވަރީގައި މަޤާމާ ހަވާލުވުމަށްފަހު، ބެއިޖިންގ ވަނީ ކަންބޮޑުވުމުގެ ހާލަތަކަށް ގޮސްފައެވެ. ފާއިތުވި ހަފްތާތަކުގައި މިކަން އިތުރަށް ގޯސްވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ލާއި މަޤާމާ ހަވާލުވި ފުރަތަމަ ދުވަސްތަކުގައި ބެއިޖިންގ އާއި ކުރިމަތިލުމުން ދުރުހެލިވިއެވެ. އެހެންނަމަވެސް، ފަހުން އޭނާގެ ބަހުރުވަ ބަދަލުވިއެވެ. މާރިޗް 13 ގައި ވިލިއަމް ލާއި ދެއްކި ވާހަކަގައި ޗައިނާއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް 17 ފިޔަވަޅެއް ހުށަހެޅިއެވެ. މީގެ ޖަވާބުގައި ބެއިޖިންގއިން ލާއި އާއި އޭނާގެ ޕްލޭން ފާޑުކިޔައި 18 ރަސްމީ ބަޔާން ޓައިވާނާއި ދެކޮޅަށް ނެރުނެވެ.
މިކަމާއި ގުޅިގެން، ޗައިނާގެ ސިފައިންވަނީ ޓައިވާނަށް ބިރު ދެއްކުމަށް އެ ޤައުމު ވަށައިގެން ސިމިއުލޭޓެޑް ހަނގުރާމައިގެ މަޝްޤުތައް ހިންގައި، ޓައިވާންގެ މުހިންމު ސަރަހައްދުތަކާއި ކަނޑުގެ މަގުތައް ބްލޮކޭޑްކުރުމުގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، ޓައިވާންގެ ވަށައިގެން ޗައިނާގެ ކޯސްޓް ގާރޑުން ވެސް ދަތުރުކުރަމުން ދިޔައެވެ.
ޓައިވާނުގެ ރައީސްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޓައިވާނުގެ ޕާލަމަންޓްގައި އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީއަށް އަޣުލަބިއްޔަތު ނެތުމެވެ. މިކަމުގެ ސަބަބުން އެތެރޭގެ ސިޔާސީ ނުތަނަވަސްކަން އިތުރުވެ، ޗައިނާ-ޓައިވާން މައްސަލަތަކުގައި ޓައިވާން ހަރުދަނާކަމާއެކު ކުރިއަށްދިއުމަށް ވަރަށް ބޮޑު ހުރަހަކަށް ވެފައިވެއެވެ.
ވިލިއަމް ލާއި ވަނީ އޭޕްރިލް މަހު އެމެރިކާއާއެކު ޓްރޭޑް މަޝްވަރާތައް ފަށައި، ދެ ޤައުމުގެ ދެމެދުގައި ޓެރިފް ނުނަގާ ވިޔަފާރިކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅާފައެވެ. އަދި "ޓައިވާން ޕްލަސް ޔޫއެސް" ފްރޭމްވޯކެއް ޤާއިމްކުރުމަށް އޭނާ ގޮވާލާފައިވެއެވެ.
ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަންގައި ޗައިނާއަށް ދެކޮޅު ހަރުކަށި ސިޔާސަތުތައް ގެންގުޅޭ އިސްވެރިން ގިނަކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ޔުކްރެއިންގެ ހާދިސާއިން ދައްކުވައިދޭ ގޮތުގައި، ޓްރަމްޕް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކުގައި އެމެރިކާގެ ސިފައިންނާއި ފައިސާ ހޭދަނުކުރަން އިސްކަން ދޭކަން އެނގެއެވެ.
ޗައިނާގެ އިޤްތިޞާދީ ހާލަތު ވަނީ މިހާރުވެސް ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ޓްރަމްޕްގެ ސަރުކާރުން ޗައިނާގެ މައްޗަށް 145% ޓެރިފް އިތުރުކޮށްފައިވުމާއެކު، މި ވަގުތަކީ ބެއިޖިންގއަށް ޓައިވާނާއި އެމެރިކާއާއި ސީދާ ހަނގުރާމައަކަށް ދިއުމަށް އެންމެ އެކަށީގެންވާ ވަގުތެއްނޫންކަން އެނގެއެވެ. މި ސަބަބާއި ހެދި، ޗައިނާއިން ޓައިވާނަށް ސީދާ ހަމަލާއެއް ދިނުމަށްވުރެ، ވަގުތު ހޯދުމަށް މަސައްކަތްކުރާނެކަން މި ޗައިނާއާއި-ޓައިވާނުގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރެއެވެ.
ނަމަވެސް ދެ ޤައުމު ދެމެދު މުވާސަލާތީ ގުޅުންތައް ކުޑަވަމުން ދާއިރު، އަދި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް ޗައިނާ އިސްކަން ނުދީ، ބިރު ދެއްކުން އިސްކުރާ ކުރުމުން، މިފަދަ ކުޑަ ކަމެއް ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު ހަމަ އެބައޮތެވެ.