ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ ޒާހިރު ނެރުއްވި ނޫސް ބަޔާނުން ރާއްޖޭގެ ޒުވާނުންގެ މެދުގައި ޕާޓީ ކުރުމުގެ ޓްރެންޑު އާންމުވެފައިވަނީ މިހާރުގެ ސަރުކާރު އައުމަށްފަހުގައި ކަމަށް ދޭހަވެއެވެ.
އެންޑީއޭއިން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން މި އައި ޕާޓީ ކުރުމުގެ އާ ގޮތް [ޓްރެންޑު] ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ" ކަމަށެވެ.
ލުބްނާ ޒާހިރު ސީދާ މިސަރުކާރުގެ ނަން ގަނެގެން ވާހަކަފުޅު ދައްކަވާފައިނުވިނަމަވެސް، "މިފަހަކުން" އަދި "މިފަހަކުން މަޝްހޫރުވެގެން މި އައި" ފަދަ ބަސްތައް ބޭނުންކުރައްވާފައިވުމުން މިހާރުގެ ސަރުކާރު ވުޖޫދަށް އައިފަހުން މިފަދަ ޕާޓީތައް އިތުރުވެފައިވާކަމަށް ދޭހަވެއެވެ.
މާލޭގެ ޖަންގްޝަން ފެން ނަގައިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ރަލާއި ކެނަބިސްއެވެ. އެއަށްފަހު ހެރޮއިނެވެ. ނަމަވެސް، ޕާޓީ ޑްރަގްސްގެ ގޮތުގައި ބެލެވޭ އެމްފެޓަމައިންސް، މެތައެމްފެޓަމައިންސް އަދި އެމްޑީއެމްއޭ ފަދަ މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
އެންޑީއޭއިން އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ޕާޓީ ޑްރަގްސް ބޭނުންކުރަން ފަށަނީ އެއީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށާއި، "ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ނަމަވެސް މިއީ ފުރާނަ ގެއްލިދިޔުމުގެ ފުރުސަތު އޮތް ނުރައްކާތެރި މަސްތުވާތަކެތި" ކަމަށެވެ.
ޕާޓީ ޑްރަގްސް ތަކުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގޮސްގެން އުޅޭއިރު، ރައީސް އޮފީހުގެ އިސްވެރިން ދަނީ މިނިސްޓަރ އަމީންގެ ގޭގައި ޑްރަގް ޕާޓީތައް ބާއްވަމުންނެވެ.