މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރިޔާސީ ކޮމިޝަން އުފެއްދީ އާއިލާއާ މަޝްވަރާކޮށްފައި ނޫން ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެ ކަމަށް އިތުބާރު ނުކުރާ ކަމަށެވެ.
ނަމަވެސް ޔުމްނުއަށް އިންސާފު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މުއުމިން ބުންޏެވެ.
ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ފަރުވާ އަށް މެލޭޝިއާގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ޔުމްނުގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިއްޔެ ކުރި ސާޖަރީ ވަރަށް ކާމިޔާބު ކަމަށް އާއިލާ އިން ބުނެ އެވެ.
ޔުމްނުގެ އާއިލާ އިން ބުނީ މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއް ދެން އޭނާ ކުރަން ނުޖެހޭނެ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުމްނުއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.