މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދުގެ މެންދުރަށް ތާވަލުކޮށްފި އެވެ.
ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މެންދުުރުފަހު 1:00 ގަ އެވެ. އެ ކޮމިޝަންގެ އޮފީސް ވެސް މިހާރު ވަނީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީ ކުރިން ހިންގި އިމާރާތުގައި ގާއިމްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި, މި ނޫސްވެރިންގެ ބައްދަލުވުން މެންދުރުފަހު 1:00 އަށް ހަމަޖެއްސީ, ރިޔާސީ ކޮމިޝަނަށް މުއިއްޒު އައްޔަން ކޮށްފައިވާ ޑރ. މުނައްވަރަށް މެންދުރު ކުރިޔަށް ނިދާ ހޭނުލެވޭނެތީއެވެ.
އާންމުކޮށް ބާއްވާ ޚައްސާސް މިފަދަ މައްސަލަ ތަކާއި ގުޅުންހުރި ނޫސްވެރިންގެ ބައްދަލުވުންތައް ހެނދުނު 10:00 އަށް ތާވަލްކުރެއެވެ. އެއީ މީޑިއާތަކަށްވެސް މިފަދަ މުހިންމު މައްސަލަތަކުގެ ކަވަރޭޖު ދުވަހުގެ ފެށުމާއެކު ހެދުމަށް ފަސޭހަވާނެކަމަށްވެސް ބެލެވޭތީއެވެ.
އެހެންނަމަވެސް ޑރ. މުވައްވަރަކީ, ރުންކުރު, އަދި މުޅި ދުވާލު ނިދާ, ކަންނެތް މީގެއްގެ ގޮތުގައި ގިނަ ބަޔަކު މޭރުންކުރެއެވެ. އަދި އޭނާއަކީ އާންމުކޮށް ރާބޯ މީހެއްކަމަށްވެސް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އާންމުންގެ މެދުގައި އިތުބާރު ގެއްލިފައިވާ, މުޠުލަގަށް ދޮގުހަދާ ސިޔާސީ މީހަކު މި ކޮމިޝަނަށް މުއިއްޒު އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ މި ކޮމިޝަނަށް އަމާޒު ވެފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ, ޑރ. މުނައްވަރު މި ކޮމިޝަނަށް އައްުޔަންކުރީ މައްސަލާއިގެ ހަގީގަތް އޮޅުވާލާ, މިމައްސަލަ އޮއްބާލުމަށް މަސައްކަތް ކުރަމުންދާ ދެ ވަޒީރުންކަމަށްވާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރ އިހުސާގެ ކުށެއް ނެތްކަން ސާބިތު ކުރުމަށް ކަމުގައެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުން:
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ކޮމިޝަން އުފައްދަން ނެރުއްވި ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.