ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު އެ ފަންނަ ނަލަ ޓާމިނަލްގެ އަޅާފައި ހުރީ ބިންގާ އެކަނި ކަމަށާއި، އެ މަޝްރޫއު ނިމޭއިރު ވާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ދައުރުގެ ފަހު ހިތާބުގެ ގޮތުގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުހާތަބު ކުރައްވަމުންނެވެ. އެއާޕޯޓު ޓާމިނަލް ޕްރޮޖެކްޓުގެ ބިންގާ އެކަނި އޮތް ހާލަތުން މިއަދު ފެންނަ އެހުރި ގޮތަށް ޓާމިނަލް ގެނައުމަށް މި ސަރުކާރުން ޑިޒައިންނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނައި ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، އަޅާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ބިންގާ. ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިންނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނައިން. މަޝްރޫއު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެގެނެވުނު ބަދަލުތަކާއެކު، ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީގީ ސިފަ ހުޅުލޭގެ މަލައިން އެހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލްއަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މިފަހުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރެއްގައި އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމެޖެއްސި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވެފައި ވަނިކޮށެވެ.
އެ ވާހަކައަށް ރައްދު ދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެ ފައިސާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމަނިކުފާނުގެ ވެރިކަމުގައި ނިންމުނީ އާ ރަންވޭ އެކަންޏެވެ. އާ ވީއައިޕީ ޓާމިނަލް ނިންމާ، އިންޓަނޭޝަނަލް ޓާމިނަލްގެ ބޮޑުބައި ނިންމާފައިވަނީ މި ސަރުކާރުންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރަން ފެށި މައި ދެ އެއާޕޯޓުގެ މަޝްރޫއަށް ވެސް ރައީސް ސޯލިހުގެ ހިތާބުގައި އަލިއަޅުވައި ލެއްވި އެވެ.
"ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަގުވާމީ އެއަރޕޯޓުގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން . އައްޑޫގެ އިގުތިސޯދީ ތަރައްގީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ އަމަލީ މަޝްރޫއު އެދަނީ ކުރިއަށް. ހަމައެއާއެކު އައްޑޫގެ މުސްތަގުބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފިން. އިޤްތިސޯދީ އިތުރު ފުރުސަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފިން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ސިފަކުރާ ގޮތުގައި މި ތިން މަޝްރޫއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް މަތިވެ ރާއްޖޭގެ އިގުތިސޯދަށް އިންގިލާބެއް އަންނާނެ އެވެ.