ޚަބަރު

މުލީ އެއަރޕޯޓު މެއި 1 ގައި ހުޅުވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު!

ދިޔަވަރު
މުލީ އެއަރޕޯޓު މެއި 1 ގައި ހުޅުވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު!

މިއަދު ހުޅުވުމަށް ހަމަޖެހިފައިވި މުލީ އެއާޕޯޓުގެ ހުޅުވުން މުއްދަތެއް ނެތި ފަސްކޮށްފިއެވެ. މި މަޢުލޫމާތު ކަށަވަރުކުރަމުން މުލީ ކައުންސިލުގެ ރައީސް ޝަމްއޫން ރަމީޒު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއާޕޯޓު ހުޅުވުމަށް ކައުންސިލުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައި ކަމަށާއި، އިވެންޓު ކެންސަލްކުރި ކަމުގެ ޚަބަރު ރައީސް އޮފީހުން އަންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

"މިއަދު އެއާޕޯޓު ހުޅުވަން އޮތީ. ކައުންސިލުގެ ހުރިހާ އިންތިޒާމެއް ހުރީ ހަމަޖައްސާފައި. އިވެންޓު ކެންސަލް ކަމަށް އެންގީ ރޭ ދަންވަރު" ޝަމްއޫން ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އޭނާއަށް ބުނެފައިވާ ކަމަށް ޝަމްއޫން އިތުރަށް ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް 10 ގައި ރައީސް މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވިދާޅުވެފައިވަނީ ދެން އެންމެ އަވަހަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރަކީ މުލީ އެއާޕޯޓު ހުޅުވުމަށް ކުރައްވާ ދަތުރު ކަމަށެވެ. އެދުވަހު މުއިއްޒު ވިދާޅުވީ އެންމެ ބޭނުންވަނީ އޭޕްރިލް މަހު އެއާޕޯޓު ހުޅުވުމަށް ކަމަށާއި، އެކަން އެގޮތަށް ނުވެއްޖެނަމަ މެއި 1 ގައި އެއާޕޯޓު ހުޅުވާނެ ކަމަށެވެ.

"'މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، މޭ މަހުގެ 1 ގައި، ނޫނީ އެޕްރީލް 30 ގައި، އޭގެ ކުރީ ދުވަހު އިނގޭތޯ. އެޕްރީލް 30 ގައި. އެއީ، އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، މި މަސް ނިމުމުގެ ކުރީގައި ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ، ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން" ރައީސް ވިދާޅުވެފައިވެއެވެ.

މުލީ އެއާޕޯޓަށް މިދިޔަ އޭޕްރިލް 25 ގައި ޓެސްޓު ފްލައިޓެއް ވަނީ ޖައްސާފައެވެ. ނަމަވެސް، ހުރިހާ ކަމެއް ތައްޔާރުވެފައި އޮއްވައި މުލީ އެއާޕޯޓު ހުޅުވުން ފަސްކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އަމީން މަގާމުން ވަކިކުރުމަށް ގޮވާލައި މާލޭގައި އިހުތިޖާޖު ކުރަމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ. މާލޭގެ އުސް އިމާރާތަކުން ހައްވާ ޔުމްނާ ރަޝީދު (21) ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް، ޓެކްސީ ޑްރައިވަރުންނާއި ޢާންމުން ވަނީ އޭނާ ވަކިކުރުމަށް ގޮވާލައި ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ބައިވެރިވަމުންނެވެ.

ރައީސް ޔާމިންގެ ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ގިނަ ވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. އަދި އެއަށްފަހުވެސް މުއިއްޒު ގެނަދަވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވައުދުތައް ވުމަށް އެ ވައުދުތަކަށް ޚިޔާނާތްތެރި ވެވަޑައިގަންނަވަމުންނެވެ.