އަބުދުއްރަހީމްގެ ދޮށީ ދަރިކަލުން ފައިސަލްއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އޭނާއަކީ ސިޔާސީ މަސައްކަތައް އާ ބޭފުޅެއްވެސް ނުމެ ނޫންމެއެވެ. ޕީޕީއެމް ޕީއެންސީގެ މަސައްކަތްތަކުގައިވެސް އޭނާއަށްވުރެ ވަކި ހީވާގި ސިޔާސީ އެކްޓިވިސްޓެއް ނުހުންނާނެއެވެ. އެހެންނަމަވެސް ތެދުފުޅެކެވެ. އޭނާއަކީ ވަޒީރުކަމަށް އާ ބޭފުޅެކެވެ. އެހެންނަމަވެސް އެހާލަތުގައި މުއިއްޒުގެ ކެބިނެޓުގައި ހުންނެވީ އޭނާ ގިނިކަންޏާއެއް ނޫނެވެ. ވަޒީރުކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ވަޒީރުން މުއިއްޒުގެ ކެބިނެޓުގައި ވަރަށްވެސް މަދެވެ. އެހެންކަމަށްވާނަމަ ހަގީގަތުގައި ފައިސަލްއަކީ އަބުދުއްރަހީމްގެ ދަރިއަކަށް ވީތީ އަމާޒު ކުރެވެން އޮތް ވަކި ފާޑުކިއުމެެއް ނެތެވެ.
އަމުދުން އަބުދުއްރަހީމް މިސަރުކާރު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތްތަކާއި ވީ ގުރުބާނީއަށް ބަލާއިރު, އަދި ފައިސަލްވެސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކޮށްދިން މަސައްކަތަށް ބަލާއިރު, ވަޒީރުކަން ފައިސަލްއަށްވުރެ ވަކި ހައްގުކަން ބޮޑު އެހެން ބޭފުޅެއް ކޮބައިތޯއެވެ. އަދި, ދިވެހި ރައްޔިތުން އެ ދެބޭފުޅެއްގެ އިސްތިއުފާއަށް ގޮވަމުންދާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރކަމުގެ މަގާމްގައި ހުންނެވި އަލީ އިހުސާންއަށްވުރެ, މުއިއްޒު ވެރިކަމަށް ގެނައުމަށް ފައިސަލްއާއި އޭނާގެ ބައްޕަ އަބުދުއްރަހީމް ކުރި މަސައްކަތް މާބޮޑުވެފައި ތަފާތުވެސްމެއެވެ. އުޑާއި ބިމާހާ ބޮޑަށް ތަފާތެވެ.
އެހެންނަމަވެސް ތެދުފުޅެކެވެ. ގަބޫލުކުރާންޖެހޭ ހަގީގަތްތަކެއް އެބަހުއްޓެވެ. އަބުދުއްރަހީމްއަކީ މާލޭ ރަސްމަތިފުށު ބޭފުޅެއް ނޫނެވެ. އޭނާގެ ދަރިފުޅު ފައިސަލްއަކީވެސް އެއްވެސް ފަޅިއަކުން މާލޭ ރަސްމަތިފުށާއި ނުވަތަ ބޮޑު ވިޔަފާރިވެރި އާއިލާއަކާއި ގުޅުން އޮތް ބޭފުޅެއް ނޫނެވެ. އަބުދުއްރަހީމްއަކީ މުއްސަދި މަހުޖަނެއްވެސް ނުމެ ނޫންމެއެވެ. ހެޕީ މާރކެޓްފަދަ, އޭނާގެ މިލިއަން ޑޮލަރުގެ ވިޔަފާރިއެއް ނެތެވެ. އަބުދުއްރަހީމަކީ މާލޭގައި ގެދޮރުހުރި, ހަތަރުކަށިމަތި މާލޭ މީހެއް ނޫނެނެެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ އަބުދުއްރަހީމްއަކީ ލ. އަތޮޅުން އައި "ކެނަ" އެކެވެ. ފަސްކުޅަނދު މަދު ރާއްޖެތެރޭ މީހެކެވެ. ފައިސަލްއަކީ އޭނާގެ ދިރިއެވެ.
އޭގެ ބަދަލުގައި, މިއަދު ރާއްޖޭގެ މުޅި ރައްޔިތު ނިކުމެ އިސްތިއުފާއަށް ގޮވަމުންދާ ޓްރާންސްޕޯޓު އަމީންއާއި, ހެޕީ މާރކެޓް ނައީމްގެ ދަރި ކައިވެނި ބައްލަވައިގެން އުޅުއްވާ ހޯމް މިނިސްޓަރ އަލީ އިހުސާން ތަފާތެވެ. މިބޭބޭފުޅުންނަކީ މާލޭގައި ގެދޮރުހުރި, މުއްސަނދިންގެ ދަރީންނެވެ. އުޅެވޭނެ ގޮތް ހުރި ތަނަވަސް މީހުންނެވެ. އަބުރެއް އިއްޒަތެއް ނެތެއްކަމަކު, މިބޭބޭފުޅުންގެ ބުރުސޫރަ މުއިއްޒުއަށް ފެންނަމުންދަނީ "އެމެރިކާ ނޫޓު"ގެ ސިފައިގައެވެ.
އަބުދުއްރަހީމްގެ ދަރީގެ ލަފުގަ ހިފާ, އޭނާއަކީ ތަންދޮރު ނުދަންނަ މީހެއްގެ ގޮތުގައި މުޅި ދުނިޔެއަށް ބޭޒާރުކޮށް, މުއިއްޒު އޭނާ މަގުމަތި ކޮށްލީ, ދައުލަތުގެ ވަޒީރުކަން އޭނާ, ޒުވާން ޖޯޝުގައި ނުހަނު ފުރިހަމަޔަށް އަދާކުރަމުން ދަނިކޮށެވެ. ފައިސަލްގެ މިނިސްޓަރުކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތި ދިޔައީ ކުރިއަށެވެ. ކުރީން އެ ސިނާއަތަށް ނުހޯދުނު އެތައް ކުރިއެރުމެއް ފައިސަލްގެ ވަޒީރު ކަމުގައި ހޯދާފައި އެބަހުއްޓެވެ. 2 މިލިއަން ފަތުވެރިންވެސް ފުރަތަމަ ފަހަރަށް ރާއްޖެ އައީވެސް ހަމަ ފައިސަލްގެ ވަޒީރުކަމުގައެވެ.
އެހެންނަމަވެސް, ޓްރާންސްޕޯޓު އަމީންއާއި އަލީ އިހުސާންގެ ވަޒީރުކަމުގައި އެ ދެދާއިރާގެ ކުރިއެރުމަށް މި ދެބޭފުޅުންނަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިފައިވާ ނުވާތާގަ, މި ދެވަޒީރުންގެ އަމަލުތަކުގެ ސަބަބުން މުޅި ސަރުކާރު ބޮލާފޮށާ އެޅުނީއެވެ. މުއިއްޒުއަށް އާންމު ރައްޔިތުންގެ ނަފްރަތާއި ނުރުހުން ނޫން އެހެން އެއްޗެއް ނުލިބުނެވެ. އަދި ނުވިތާކަށް މިއީ ސިޔާސީގޮތުންވެސް އުރަތްޕެއް ހުރިބަޔަކަށްވެސް ނުމެވޭމެއެވެ.
އެހެންނަމަވެސް, މުއިއްޒު ވެރިކަމަށް ގެނައުމަށް އަބުދުއްރަހީމްއާއި ދަރިފުޅު ފައިސަލް ކުރި މަސައްކަތުގެ އަގެއް ބުރަދަނެއް ނެތިފަ, މުޅި ގައުމަށް ބޭޒާރުވެ ފަޟީހަތްވެފައިތިބި ދެ ވަޒީރެއްގެ މުހިންމުކަން ބޮޑުވެ, އެ ދެވަޒީރުންގެ ހިމާޔަތުގައި މުއިއްޒު ޒުވާނުން ތަޅާ ރޯނާގަންނުވާލަމުން މިދަނީ މުއިއްޒުގެ ކަނޑުކޮސް ކަމުންނޫން އެހެން ދެން ކޮން ސަބަބެއް އޮވެގެންތޯ ކިޔުންތެރިން ވަޒަން ކޮށްލައްވާށެވެ.!