މާލޭގެ އުސް އިމާރާތަކުން ވައްޓާލި ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް މާލޭގެ މަގުތަކުގައި މުޒާހިރާ ކުރަމުންދާ ޒުވާނުންނަކީ ގައުމު ޚަރާބުކޮށް, ސަލާމަތްކަން ނަގާލާ, މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ބައެއްގެ ގޮތުގައި މިއަދުގެ ހުކުރު ޚުޡުބާގައި ސިފަ ކޮށްފިއެވެ.
"ތިޔަބައި މީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.!" މިމައުޟޫއަށް މިއަދު ގެނެސްދިން ހުކުރު ޚުޠުބާގައި ވިދާޅުވީ އެންމެ ނުބައި މީހަކީ އެމީހެއްގެ ގައުމު ޚަރާބުކޮށް އަމާންކަން ނަގާލާ, މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ މީހާކަމުގައެވެ. އަދި ޚުޠުބާގައި ވިދާޅުވީ ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމުގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމުގައެވެ. އަދި ހަރުކަށިކަމާއި ނަފްރަތުން މީސްތަކުން ދީނާ ދުރުކުރުވާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލިކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާމަގު ގެއްލިފައިވާ ބަޔަކަށްވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައި މީހުން ޙިކުމަތްތެރިކަމާ މެދުމިނުގައި ހިފަހައްޓާށެވެ!
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ސިޔާސީކޮށް, މާލޭގައި މިހާރު ހިގަމުންދާ މުޒާހިރާތަކަށް މޭރުންވާ ގޮތަށް މިއަދުގެ ޚުޠުބާ އަމާޒުކޮށްފައިވާއިރު, ރޭ ފުލުހުން ވަނީ ޒުވާނުންގެ މުޒާހިރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. އަދި މި މުޒާހިރާ ރޫޅާލިއިރު, މުއިއްޒުގެ އަމުރަށް ފުލުހުންވަނީ މުޒާހިރާގެ ބައިވެރިންގެ ގައިގައި ތަޅާ ރޯނާ ގަންނުވާލާ, ބައެއް ޒުވާނުން ހައްޔަރުވެސް ކޮށްފައެވެ.
އެހެންނަމަވެސް ޒުވާނުން ބުނެފައިވަނީ މިރޭވެސް މުޒާހިރާ ކުރިޔަށްދާނެ ކަމަށާއި, މިސަރުކާރުން ދެ ވަޒީރުން ކަމުގައިވާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރ އިހުސާން އިސްތިއުފާ ނުދެނީސް މުޒާހިރާތައް ހުއްޓާ ނުލާނެ ކަމުގައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ހުޠުބާތައް ސިޔާސީކޮށް, ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ވަނީ އާންމު ވެފައެވެ.