ޚަބަރު

ނޫސްވެރިންނަށް ފިއްލަވައިގެން 14 މަސްދުވަހު އުޅުއްވުމަށްފަހު, ޕްރެޝަރަށް ކެތް ނުވެގެން މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ދިޔަވަރު
ނޫސްވެރިންނަށް ފިއްލަވައިގެން 14 މަސްދުވަހު އުޅުއްވުމަށްފަހު, ޕްރެޝަރަށް ކެތް ނުވެގެން މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހެނދުނު 10 ޖަހާއިރު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރީންނާއި ބައްދަލުކުރެއްވުން މިއަދު ހެނދުނު 10 ޖަހާއިރު، އޮންނާނެ ކަމަށެވެ.

މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, ފާއިތުވި އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.

މުއިއްޒު ފާއިތުވި 14 މަސްދުވަހު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ.

ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވާއިރު, ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ހަގީގީ އަސްލަކީ މުއިއްޒެ ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށްފައިވާ ބޮޑެތި އިސްރާފްތަކެވެ.

މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކޮށް ފިއްލަވައިގެން އުޅުއްވާއިރު, ޚުދު މުއިއްޒުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައެވެ. އޭގެ ތެރޭގައި, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާއި ގުޅިގެން ހުޅުމާލޭގެ ގޯތި ވަގަށް ގާތް ފަރާޔްތަކަށް ދިނުމާއި, ދައުލަތުގެ އެސްއޯއީތަކުން އެމްޑީން މެދުވެރިކޮށް ކޮރަޕްޝަންގެ ފައިސާ ސީދާ މުއިއްޒު ނެންގެވުންވެސް ހިމެނެއެވެ. އަދި މުއިއްޒުވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ނުހައްގުން ވަޒީފާއިން ވަކިކޮށް, އެތައް ސަތޭކަ ބަޔަކަށް ކުރީ ސަރުކާރުން ދިން ފެލްޓްތައްވެސް ނުހައްގުން ނިގުޅައިގެންފައެވެ.

އޭގެ އިތުރުންވެސް, ރިޔާސީ އިންތިޚާބުގައި, ޝަރުއީ ދާއިރާއަށް އަތް ނުބާނުއްވާނެކަމަށް ވިދާޅުވި މުއިއްޒު މިހާރު ދަނީ ޖޭއެސްސީ މެދުވެރިކޮށް ސުޕްރިމްކޯޓުގެ ފަނޑިޔާރުން ނުހައްގުން ސަސްޕެންޑްކޮށް, މިއިން ޒަމާނަކު ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރާފައި ނުވާ މިންވަރަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރުވެސް ދައްކަމުންނެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.

މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.