- 14 މަސްދުވަހު ނޫސްވެރިންނާ ބައްދަލު ނުކުރެއްވި ސަބަބު: "ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީއްސުރެ 14 މަސްދުވަސް ވަންދެން މީޑިއާތަކާ ބައްދަލުކުރައްވާފައި ނުވާއިރު، މިއީ ވެރިކަމުގެ ޓްރާންސްޕޭރެންސީއާ ޖަވާބުދާރީވުމާ ޚިލާފު ކަމެއް ނޫންތޯ؟ އަދި މި ދިގު މުއްދަތުގައި ނޫސްވެރިންނާ ބައްދަލު ނުކުރެއްވި ވަކި ސަބަބެއް އެބައޮތްތޯ؟"
- ކޮރަޕްޝަންގެ ތުހުމަތުތައް "އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާ ގުޅިގެން ހުޅުމާލޭގެ ގޯތި ވަގަށް ނުވަތަ އެ ނޫންވެސް ގޮތަކަށް ނާޖާއިޒު ފައިދާ ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާއި، ދައުލަތުގެ އެސްއޯއީތަކުން ކޮރަޕްޝަންގެ ފައިސާ ނެންގެވި ކަމުގެ ތުހުމަތުތަކަށް ވިދާޅުވާނީ ކޮން އެއްޗެއްތޯ؟"
- ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ޑަބަލް ސްޓޭންޑަރޑް "މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންތައް ހުއްޓުވާލެއްވި ނަމަވެސް، ސިޔާސީ މަގާމުތަކަށް ބޮޑެތި މުސާރަތަކާއެކު މީހުން ނެންގެވުމާއި، އިސް އޮފިޝަލުން ފަސްޓް ކްލާސްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުން ކުޑަނުކުރެއްވީ ކީއްވެތޯ؟ މިއީ ޑަބަލް ސްޓޭންޑަރޑެއް ނޫންތޯ؟"
- ވަޒީފާތަކުން ވަކިކުރުމާއި ފްލެޓްތައް އޭގެ ހައްގުވެރިންގެ ކިބައިން ނިގުޅައިގަތުން "އެތައް ސަތޭކަ ގިނަމުވައްޒަފުން ނުހައްގަުން ވަޒީފާއިން ވަކިކުރެއްވީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެކަމަށް އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުތަކާއި ޚިލާފަށް. އަދި ކުރީ ސަރުކާރުން ދިން ފްލެޓްތައް އޭގެ ހައްގުވެރިންގެ ކިބައިން ނިގުޅައިގަތީވެސް އަމިއްލަފުޅަށް އެކަން ނުކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުތަކާއި ޚިލާފަށް. އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދު އުވާ, އެތައް ބައެއްގެ ހައްގުތަަކަށް އިހުމާލެވެވަޑައިގަތީ ކީއްވެތޯ؟"
- ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން "ކެމްޕެއިންގައި ޝަރުޢީ ދާއިރާއަށް އަތްނުބާނުއްވާނެ ކަމަށް ވައުދުވެވަޑައިގަތް ނަމަވެސް، މިހާރު ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ހިންގަވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިއީ ވައުދުފުޅާ ޚިލާފުވެވަޑައިގަތުން ނޫންތޯ؟"
- ކެމްޕެއިން ވައުދުތަކާ ޚިލާފުވުން "ވެރިކަމަށް ވަޑައިގަންނަވަން ކުރިން ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި ފޮރުއްވާނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން މިކަން ނުކުރެއްވި ސަބަބަކީ ކޮބައިތޯ؟"
- އިގްތިޞާދީ ހާލަތު ގޯސްވުން "ގައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތް މި ހާލަތުގައި، ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ބޮޑެތި އިސްރާފުތަކުގެ ޒިންމާ ނަންގަވާނެތޯ؟ މި އިސްރާފުތައް ކުރައްވާ ސަބަބަކީ ކޮބައިތޯ؟"
- ޓްރާންސްޕޭރެންސީގެ މައްސަލަ "ސަރުކާރުގެ މުހިންމު ނިންމުންތަކާއި ޕޮލިސީތަކާ ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގައި ގެންގުޅުއްވާ އުސޫލަކީ ކޮބައިތޯ؟ އަދި މިކަމުގައި ވެސް ނޫސްވެރިންނާ ބައްދަލު ނުކުރެއްވުމަކީ ޓްރާންސްޕޭރެންސީ ކުޑަވުމެއް ނޫންތޯ؟"
- ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް "ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް މަތިވެފައިވާ ވާއިރު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ނެންގެވި ފިޔަވަޅުތަކަކީ ކޮބައިތޯ؟ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެކިމީހުންނާ ދޭތެރޭ އެކި ގޮތަށް އަމަލު ކުރައްވަނީ ކީއްވެތޯ؟ އެީ މުއިއްޒު ބްލެކްމެއިލްވެފަ ހުރީމަތޯ؟"
- ރައްޔިތުންގެ އިތުބާރު ހޯއްދެވުން "ވެރިކަމަށް ވަޑައިގަތީއްސުރެ ކުރެއްވި ވައުދުތަކާ ޚިލާފު ޢަމަލުތައް ހިންގަވާ ކަމަށް ރައްޔިތުން ތުހުމަތު ކުރާއިރު، ރައްޔިތުންގެ އިތުބާރު އަލުން ހޯއްދެވުމަށް ކުރައްވާނެ މަސައްކަތަކީ ކޮބައިތޯ؟"
14 މަސްދުވަހު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވުމަށްފަހު, މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު މުއިއްޒު ޖަވާބުދާރީ ކުރުވާ, ނޫސްވެރިން ޖަވާބު ހޯއްދަވަން ޖެހޭ މުހިންމު 10 ސުވާލު!