ޚަބަރު

އުތުރު ތިލަފަޅު އެއްބަސްވުމުގައި މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނެތް: މުއިއްޒު

ދިޔަވަރު
އުތުރު ތިލަފަޅު އެއްބަސްވުމުގައި މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނެތް: މުއިއްޒު

ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑިޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން, މިހާރުގެ ރައީސް ޑރ. މުއިއްޒުވެސް ހިމެނޭގޮތުން, އެންމެ ބޮޑަށް ކުރި ތުހުމަތަކީ އިންޑިއާއާއެކު އެމްޑިޕީގެ ސަރުކާރުން ހެދި އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ތުހުމަތެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ އެއްބަސްވުންތައް ހާމަކުރަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ލަސްވަނީ ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ޕީއެންސީން އިދިކޮޅުގައި އޮވެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މިދިޔަ ސަރުކާރުތަކުން، ބޭރު ގައުމުތަކާއެކު، ހާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށްވެސް ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސް އޮފިޝަލުން މީގެ ކުރިން އެކި ޖަލްސާތަކާއި ހިނގާލުންތަކުގައި ބުނެފައިވެ އެވެ.

އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މި ސަރުކާރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަންވެސް ފެށި އެވެ.

އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން އުވާލާފައިވާއިރު، ދެން ހުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ އެއްބަސްވުންތައް އުވާލާފައެއްވެސް ނުވެ އެވެ.

އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ.

ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ. އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރުން މިހާތަނަށް ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާ، އިންޑިއާ، އަދި ތުރުކީ އާއެކު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ.