މުއިއްޒު ލައްވައި ޕްރެޒެންޓޭޝަން ދިނުވުމަކީ ހަލީލު މުއިއްޒަށް ދިން ލަނޑެކެވެ. ދަށް ކޮލިޓީގެ، %99 ދޮގު ހުރި މި ޕްރެޒެންޓޭޝަން ދެ ގަޑިއިރަށް ދެމިގެން ދިޔައެވެ. މިއިން ހާމަވީ ބަސްމޮށުންތެރިކަމުގެ ކޮލިޓީއެއް ނެތްކަމާއި، ރައްޔިތުންނަށް ޖަވާބުދާރީ ނުވުމަށް މުއިއްޒު ބޭނުންވާ މިންވަރެވެ. ދުނިޔޭގެ އެއްވެސް ރައީސްއަކު އެއްވެސް އިރަކު މިކަހަލަ ކޮސް ކަމެއް ނުކުރެއެވެ. 2 ގަޑި އިރުގެ ދިގު ޕްރެޒެންޓޭޝަނަކަށް ވަގުތު އިސްރާފު ކުރުމަށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރާ އެއްވެސް ރައީސް އަކަށް ވަގުތެއް ނުލިބޭނެއެވެ.
މިކަމުގެ މަކަރުވެރި މަގުސަދަކީ ނޫސް ކޮންފެރަންސްގެ ނެރޭޓިވް ސެޓް ކުރުން ކަމުގައި ވީ ނަމަވެސް، އެކަން ހާސިލެއް ނުވެއެވެ. ބައެއް ނޫސްވެރިން ވަނީ ރަނގަޅު ސުވާލުތައް ކޮށް، ރައްޔިތުންނާއި ގުޅުންހުރި ކަންކަން ފާހަގަކޮށް އެ ސުވާލުތައް މުއިއްޒު އާއި ކުރިމަތި ކޮށްފައެވެ. މުއިއްޒު ބޭނުންވީ އެސުވާލުތައް ކުރުމަށް އޮތް ފުރުޞަތު ހަނިކޮށް، އޭނާ ދިން ދޯހަޅި ޕްރެޒެންޓޭޝަން އާއި މެދު ސުވާލު ކުރުމުގައި ސުވާލު ކުރުމުގެ ވަގުތު ދުއްވާލައި، ރައްޔިތުންނަށް ޖަވާބު ދާރީ ނުވެ ފިލުމަށެވެ. ބައެއް ނޫސްވެރިންނަށް ވަނީ ޕްރެޒެންޓޭޝަން އާއި ގުޅޭ ގޮތުން ސުވާލު ކުރުމަށް ކުރިއާލައި ރައީސް އޮފީހުން އަންގާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އެއްގެ ދައުރަކީ ޖަވާބުދާރީ ވުމެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި 2 ގަޑި އިރުގެ ޕްރެޒެންޓޭޝަނެއް ދިނުމުން ރައްޔިތުންނަށް ލެކްޗަރު ދޭން މުގުރި ނަގައި، ތިމަންނާ ހަދާހާ ދޮގަކީ ހަމަ ތެދޭ ބުނެ ކަރު ބުޑުން އަޑު ފެލެން ހުރި ސަރުދާރަކާއި މުއިއްޒު އާއި މާ ބޮޑު ތަފާތެއް މިއަދަކު ނެތެވެ. ދަށު ކޮލިޓީގެ ވާހަކަ އާއި ދޮގާއި، މިއަދު ދިން ލެކްޗަރުން ރައްޔިތުން އިތުރަށް މުއިއްޒުދެކެ ފޫހިވެއްޖެއެވެ..
ރައްޔިތުންނަށް ނުލިބޭ އާސަންދައާއި، ބޭހާއި، ތަކެތި އަގު ބޮޑުވުމާއި، ސަރުކާރުން އިތުރުވެފައިވާ ކޮރަޕްޝަނާއި، ބޭއިންސާފާއި، ގިނަވެފައިވާ ސިޔާސީ ވަޒީފާތަކުން ޤައުމަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭ އެއްވެސް ކަމެއްގައި ރައްޔިތުންނަށް ހެޔޮ ގޮތެއް ނެތްކަން ސާފުކޮށް މި ޕްރެސް ކޮންފެރެންސްއިން އެނގިގެން ދިޔައެވެ. އިޤްތިޞާދީ ރިފޯމް އެޖެންޑާ އެއް ނެތްކަން އެނގިގެން ދިޔައެވެ.
މުއިއްޒު ދެމި ހުންނާނީ ދޮގު ހެދުމާއި، ގޭސްލައިޓް ކުރުމާއި، ރައްޔިތުންނަށް އޮޅުވާލުމުގައި ކަން ސާފުވެގެން ދިޔައެވެ. ކޮރަޕްޝަން ނެގުމަށް ތުރުކީއިން ބަރު ހަތިޔާރު ގަތުން ފަދަ ކަންކަން އިތުރަށް ކުރިއަށް ދިއުން ނޫންކަމެއް މުއިއްޒު ނުކުރާނެ ކަން އެނގުނެވެ.