ކިތަންމެ ބޮޑު ފާފައެއް ނަވެސް މުޖުތަމަޢުގެ ގިނަ ބައަކު އެކަމެއް ކުރަން ފަށައިފިނަމަ އެއީ ޢާންމުކަމަކަށްވެ އެއީ ފާފައެއް ކަމަށް އޮންނާނީ ބަލައި ނުގަނެވިފައެވެ. އަމުދުން ވަކީން ޚާއްސަކޮށް ދޮގަކީ އެފަދަ އެއްޗެކެވެ. އަދި އެއީ މާބޮޑުކަމަށްނުވެ, އެހެންނަމަވެސް އެ ބަލިމަޑުކަން ތިމާގެ ތަބީއަތުގައި ހަރުލާ, އެއީ ތިމާމެންގެ ދިރިއުޅުމުގެ އާދައެއްކަމުގައި ވެދެއެވެ. އެއާއި ނުލާ ދިރި ނޫޅެވޭ ހާލަަތަށް ދެއެވެ. އަދި އޭގެ އެއްމެ ނުރައްކާތެރި ހާލަތަކީ, އެ ހާލަތުގައި ތެދު ދޮގަށް ހެދުމާއި ދޮގު ތެދަށް ހެދުން އެއީ ދާދި ފަސޭހަކަމަށް ވެދާކަމެވެ.
ދޮގުހެދުމަށްވެސް ވެގެން މިއުޅެނީ އެފަދަ ގޮތެކެވެ. ކަމުގެ އަޞްލަށް ބަލައިފިނަމަ ދޮގުހެދުމަކީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ. އެކަން ނުދަންނަ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް ދޮގުހެދުން ޢާންމުކަމަކަށްވަމުން އައިސް މިއަދު ދޮގުނުހަދަނީ ކާކުހެއްޔެވެ؟ ދޮގުހަދަން ޖެހިލުންވަނީ ކިތައް މީހުންހެއްޔެވެ؟
ދޮގުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެއް ކަމަށް ބަޔާންކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "އެންމެ ބޮޑެތި ފިތުނަތައް އުފެދިފައިވަނީ ދޮގު ހެދުމުގެ ސަބަބުންނެވެ. އަދި ދޮގު ހެދުމުގެ ހުރި ނުބައިކަން ބޮޑުކަން ނިކަން ދެކިބަލާށެވެ. ރަސޫލް ﷺ ގެ އަރިއަހުގައި ދޮގުހެދުމުން އެހެދީ ދޮގެއްކަން ބަޔާންކުރައްވަވައި 7 އުޑުމަތިން ވަގުތުން ވަޙިބާވާލައްވާފައި އެބަހުއްޓެވެ."
ދޮގުހަދަނީ ޚުދު ތިމާގެ ފިރިމީހާ ނަމަވެސް ނުވަތަ އަނބިމީހާ ނަމަވެސް ތަޝައްރަފް ފުދިފައިވާ ދަރިއަކު ނަމަވެސް, އަދި އެއީ ގައުމުގެ ވަލިއްޔުލްއަމްރު ކަމުގައިވި ނަމަވެސް, ދޮގު ހަދާކަން ޔަޤީން ވުމުން ދުރުވެވެން އޮތް މިންވަރަށް އެމީހަކާއި ދުރުހެލިވާންވާނެއެވެ. ރައްޓެއްސަކު ނަމަ އެކުގައި ނޫޅެ ދުރުހެލިވާންވާނެއެވެ. ބައިވެރިޔާ ދޮގުހެދުން ހުއްޓާނުލިނަމަ އޭނާއާއިއެކު ދިރިއުޅެން މަސައްކަތްކުރުމަށްވުރެ ފައިދާހުރި ގޮތަކީ އޭނާއާއި ވަކިވުމެވެ. ގައުމުގެ ވަލިއްޔުލްއަމުރަކީ މުތުލަގަށް ދޮގުހަދާ މީހެއްކަމަށްވާނަ, އޭނާއާއި ވީވަރަކުން ދުރުހެލިވެވޭތޯ މަސައްކަތް ކުރާންވާނެއެވެ.
އެއީ އޭނާގެ ކިބައިން އުފެދިދާނެ ފިތުނައިން ޢާއިލާއާއި ރައްޓެހިން, ނުވަތަ ގައުމުގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައެވެ. އެކަމަށް ސަމާލުކަން ނުދިނުމުން ބޮޑެތި މައްސަލަތައް ކުރިމަތިވެ ރަޙިމުގެ ގުޅުން ކެނޑެން މެދުވެރިވެފައިވަނީ ކިތައް ޢާއިލާތަކަށް ހެއްޔެވެ؟ ނުވަތަ އުފެދޭ ފިތުނަ ފަސާދާގައި ހަލާކުވެ ނެތިގެން ގޮސްފައިވަނީ ކިތައް މުޖުތަމަަޢުތޯއެވެ.
ބައެއް މީހުންނަށް ހީވަނީ ވައްކަން ކުރުމުން އަތްކަނޑަން އޮވެފައި ދޮގު ހެދުމުން ދޫބުރިކޮށްލަން ނެތުމުން ދޮގުހެދުމަކީ އެއްވެސް ފާފައެއް ނޫން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ދޮގު ހެދުމަށްވެސް ބޮޑެތި އަދަބުތައް ވެސް އެބަހުއްޓެވެ. ހައްދު ޖެހުންވެސް އެބައޮތެވެ. ހެދި ދޮގުގެ ސަބަބުން ޢާންމުވި ފިތުނައިގެ ބަދަލު ހޯދުންވެސް އެބައޮތެވެ. ދޮގު ހެދުމަކީ ނުވަތަ ދޮގު ބުނުމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.
ދޮގު ހަދާކަން އެނގިއްޖެނަމަ އެކަން ނުކޮށް ހުއްޓައިލުމަށް ނަޞޭހަތްތެރިވާށް ވާނެއެވެ! ދެވަނަ ފަހަރަށް ދޮގު ހަދައިފިނަމަ ވެސް އެކަމުގެ ހުރި ނުބައިކަން ވިސްނައިދޭށް ވާނެއެވެ! ޤަބޫލުނުކޮށް 3 ވަނަ ފަހަރު ދޮގުހަދައިފިނަމަ އެމީހަކާއި އޮތީ ހަމަ ގުޅުން ކަނޑައިލުން އެއީ ލާޒިމްވެގެންވާ ކަމެކެވެ.
ސަބަބަކީ ދޮގު ހެދުމަކީ ފިތުނައިގެ ފެށުން ކަމުގައިވާތީއެވެ. އެ ފިތުނައިގެ ހުޅުކޮޅު ބޮޑުވެ މުޅި ޢާއިލާއެކުގައި, ނުވަތަ ގައުމުތައް "އަނދާ ހުލިވެފައި" އެބަހުއްޓެވެ. މުޅި މުޖުތަމައު ވެސް އެކުގައި "އަނދާފައި" އެބަހުއްޓެވެ. މާނައަކީ ޢާއިލާތަކުގައި, ނުވަތަ މުޖުތަމައުގައި ނުވަތަ މުޅި ގައުމުގައި ފިތުނަ ފަސާދަ އުފެދި ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅި, ގައުމުތައް އަހުލީ ހަނގުރާމަތަކުގެ ތެރެއަށް ޢަރަގުވެގެން ގޮސްފައިވެސް އެބަހުއްޓެވެ. މުޅި މުޖުތަމައު ފަސާދަވެ ބޮޑެތި ތަޅާފޮޅުމާއި ހަނގުރާމަތައް ހިނގާފައި އެބަހުއްޓެވެ.
އެެއްވެސް ޝައްކެއް ނެތް ގޮތުގައި, ކަންކަމަށް ކެތްތެރިވެ އެކުގައި އުޅެން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ޙަޔާތުގެ ބައިވެރިޔާއާއިއެކުގައެވެ. ޙަޔާތުގެ ބައިވެރިޔާ ނަމަވެސް ދޮގުހެދުން ހުއްޓާނުލައިފިނަމަ އެކުގައި ދިރިއުޅެން މަސައްކަތް ކުރުމެއްނެތެވެ. އޮތީ އެމީހަކާއި އަވަހަށް ދުރުހެލިވުމެވެ.
އެއްވެސް މީހަކީ ދޮގު ހަދާ މީހަކުކަން އެނގިއްޖެނަމަ އެކަން ހުއްޓުވޭތޯ މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެމީހާ ދޮގުހެދުން ހުއްޓާނުލައިފިނަމަ އެމީހަކު ލައްވައި އިތުރަށް ދޮގު ނުހައްދުވައި ވީހައި އަވަހަކަށް އެމީހަކާއި ދުރުހެލިވާންވީ އެމީހެއްގެ ކިބައިން ލިބިދާނެ ފައިދާއަކަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވީމައެވެ.
ވީމާ ބައެއް އިލްމުވެރިންގެ ނަޒަރުގައި ދޮގުހެދުމަކީ ހަމަ އެންމެ ބޮޑުފާފައެކެވެ. އެކަމަށް ޙައްޤު ޢަޛާބު ﷲ ތަޢާލާ ދެއްވަވާނެއެވެ! ވީމާ ދޮގު ހެދުމުގެ ނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ! އެކުވެރިއަކު ނުވަތަ ޢާއިލާގެ މީހަކު ނަމަވެސް އެނޫން މީހަކު ނަމަވެސް ދޮގުހަދާނަމަ އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުވެސް ނާހާށެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދެން ނުޖެހޭ ޝައްކެއް އުފެދުމަކީވެސް ލިބިގަނެވޭ އަނިޔާއެކެވެ.