ޚަބަރު

ޕްރެސް ބާއްވަންވީ ރެކޯޑް ގާއިމް ކުރަންތަ؟ ތިމާގެ ޖާހަތު މަތިވެރިކުރުން ނޫން އެހެން އެއްވެސް މަގަސަދެއް ނެތީތަ؟

ދިޔަވަރު
ޕްރެސް ބާއްވަންވީ ރެކޯޑް ގާއިމް ކުރަންތަ؟ ތިމާގެ ޖާހަތު މަތިވެރިކުރުން ނޫން އެހެން އެއްވެސް މަގަސަދެއް ނެތީތަ؟

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީން އެމަނިކުފާނު ގިނަ ބަޔަކަށް ސިފަ ވެގެން ގޮސްފައިވަނީ މަޑުމައިތި, ހިތްތިރި އަދި ދީންވެރިވެސް ބޭފުޅެއްގެ ގޮތުގައެވެ. އަދި އަމުދުން, މުއިއްޒުގެ ނިތްކުރީގައި އިންނަ ލަށްގަޑު ފެނި, ގިނަބަޔަކަށް މުއިއްޒު ސިފަ ކުރެވިފައިވަނީ ދީންވެރި ޒާހިދު ބޭފުޅެއްގެ ގޮތުގައެވެ.

އެހެންނަމަވެސް, މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ ދޮޅު އަހަރުވެގެންދާއިރު, މިއަދު ގިނަ ބަޔަކަށް ކުރީން ހީކުރެވުނު ހީކުރެވުުންތައް, ބިލާހަކަށް ވެގެން ހިގައްޖެއެވެ. މުއިއްޒުގެ ހަގީގީ ސިފަ އެތައް ގޮތަކުން ރައްޔިތުންނަށް ކަޝްފުވެގެން ހިގައްޖެއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އެތަކެއް ވައުދުތަކެއް ވެވަޑައިގެން, ރައީސް ޔާމިންގެ ނަމާއި ފޮޓޯ ވިއްކަވައިގެންނެވެ. އަދި ނުވިތާކަށް ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރައްޔިތުންނަށް ދައްކައިގެންނެވެ. ވެރިކަން ހަމަ ލިބުމާއެކު, ސިފަ ބަދަލު ކޮށްލެއްވީއެވެ. ރައީސް ޔާމިންގެ މައްޗަށް ކުރެވެމުންދަނީ ނުހައްގު ދައުވާތައްކަމަށް ވިދާޅުވަމުން ގެންދެވި މުއިއްޒުއަށް ރައީސް ޔާމިންގެ މައްސަލަ ވެގެންދިޔައީ ހަމައެކަނި ޖުޑީޝަރީއާއި ގުޅުން އޮތް މައްސަލައަކަށެވެ. އަދި އެވަރުންވެސް ފުދުނީއެއް ނޫނެވެ. ރައީސް ޔާމިންގެ ދިފާއުގައި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ސިޔާސީ ވަޒީފާތައް ދީގެން, ހެއްކަށް ނުފޫޒު ފޯރުވާ, މައްސަލައަށް ސިޔާސީ ނުފޫޒުވެސް ސީދާ މުއިއްޒު ފޯރުވީއެވެ. އެހެންނަމަވެސް ވިދާޅުވީ އެއީ ދެނަހުރިކަމެއް ނޫންކަމަށެވެ.

އެއަށްފަހު, ދެން ވިދާޅުވީ ޖުޑީޝަރީއަށް ނުފުޒު ނުފޯރުވާ ކަމަށާއި, ޖުޑިޝަރީގެ ޚަބަރުތައް އިވެނީވެސް, ފެންނަނީވެސް މީޑިއާއިން ކަމަށެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމް ގެއްލުވާލުމަށް މަޖިލީހަށް ބިލެއްވެސް ހުށަހެޅުނުއިރު އެކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ސުޕްރިމް ކޯޓުގެ 3 ފަނޑިޔާރަކު ނުހައްގުން މަގާމުން ވަކިކުރާއިރުވެސް, އެއިންކަމެއް ހިނގާ ނުހިނގާ ގޮތްވެސް އެނގި ނުލައްވާ ކަމަށެވެ. މުލިއާގެއަށް މެމްބަރުން ގެންދަވައިގެން އެމެމްބަރުންނާއި ބައްދަލުކޮށް ސުޕްރިމްކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަޝްވަރާ މުއިއްޒު އިސްވެ އިންނަވާ ކުރެއްވިއިރުވެސް, އެކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މުތުލަގަށް މުއިއްޒު މިބީދައިން ދޮގު ހެއްދެވުމަށްފަހު ވިދާޅުވީ އެކަންކަން ތެދުކުރުމަށް ޚަތިމްގަ އަތްލާ ހުވާވެސް ކުރައްވަފާނެކަމަށެވެ.

އެވަރުންވެސް ފުދުނީއެއް ނޫނެވެ. ނޫސްވެރިންނަށް ޖަވާބު ދެއްވަން 14 ގަޑިއިރު ހުންނެވުމަށްފަހު, އެކަން މުއިއްޒު އިއުލާން ކުރެއްވީ ހެއްދެވި ރެކޯޑެއްގެ ގޮތުގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު, ގައުމެއްގެ ރައީސަކު އެންމެ ގިނައިރު, ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ކޮޅަށް ހުންނެވި ރައީސަކީ މުއިއްޒުކަމަށް ސިޔާސީ މަގާމްތަކަށް އިސްކޮށްފައިތިބި މުވައްޒަފުންލައްވާ މުއިއްޒު ގެންދަވަނީ މެސެޖް ކުރައްވަމުންނެވެ.

ނޫސްވެރިންނަށް ފިއްލަވާ 500 ދުވަހު ހުންނެވުމަށްފަހު, ނޫސްވެރިންނާއި މުއިއްޒު ކުރިމަތި ލެއްވީ އަމިއްލަ ޖާހަތު މަތިވެރިކޮށް ރެކޯޑް ހެއްދެވުމުގެ ބޭނުމުގައެވެ. ދައުލަތުގެ މައުލޫމާތު ނުސްވެރިންނާ ހިއްސާ ކުރެއްވުމަކީ ގާނޫނީ ޒިންމާއެއްކަމުގައި މުއިއްޒުއަކަށް ސިފައެއް ނުކުރެއްވެއެވެ. އެއީ ރައީސެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންވާކަމެއްގެ ގޮތުގައެއް މުއިއްޒުއަށް ގަބޫލެއް ނުކުރެއްވެއެވެ. އެކަން މުއިއްޒުއަށް ސިފަވަނީ މެޑަލް ޖައްސަވާ ސްޓަންޓެއް ހައްދަވާލެއްވުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.

މުއިއްޒުގެ މުޅި ރިޔާސީ ދައުރުގައިވެސް, ދައްކަވަމުން ގެންދަވަނީ, އަމިއްލައަށް މަޝްހޫރުވުމާއި, ސްޓަންޓް ހެއްދެވުމާއި, އަމިއްލަ ޖާހަތު މަތިވެރިކުރުމަށް ހުރި ޝައުގުވެރިކަމެވެ. ވިއްސާރަވެ މާލޭގައި ފެންބޮޑުވެއްޖެ ނަމަ ގަންބޫޓުގައި މުއިއްޒު މަގުމައްޗަށް ނިކުންނަވަނީ މީޑިއާ ކުރޫންނާ އެކީއެވެ. ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ ހަގީގީ މަގްސަދަކަށް ވެގެންދަނީ, މަޝްހޫރުކަން ހޯއްދެވުމާއި ސިޔާސީ މަންފާ ހާސިލްކުރުން އެކަންޏެވެ. މީޑިއާތަކުން އެކަން އިސްތިހާރު ކުރެއްވުމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, ރައީސެއްގެ ހަމައެކަނި މަގްސަދަކީ އަމިއްލަ ޖާހަތު މަތިވެރިކުރުމާއި, ރެކޯޑް ހެއްދެވުމާއި, ކުރާ ކޮންމެ ކަމަކުން ސިޔާސީ މަންފާ ހާސިލްކުރުން ކަމުގައި ވެއްޖެނަމަ, ފޯކަސް ހުންނާނީ ގެއްލިފައެވެ. ގައުމެއް ނުހިންގޭނެއެވެ. ގައުމުގެ ހާލަތު ދާނީ ގޯސްވަމުންނެވެ. މިހަގީގަތް މިގައުމުގައި މިދަނީ ވަރަށްވެސް ފުރިހަމަޔަށް ތަމްސީލު ވަމުންނެވެ. ރައްޔިތުން ބިކަވެއްޖެއެވެ. ދައުލަތުގެ ވެރީން ދައުލަތުގެ ފައިސާގައި ދުނިޔޭގެ އެތަން މިތަނުގައި އުދުހެނީއެވެ. އަޅާލާނެ މީހަކު ނެތެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވީއެވެ. އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ދިޔައީއެވެ. ރައީސް މީހާ ހުންނެވީ ވާނުވާގައި ރެކޯޑް ހައްދަވާށެވެ.