ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފުއަށް ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސް މަގާމެއް ހަމަޖައްސައިފިއެވެ.
ފެނަކައިން ވަޒީފާ ދޭން ނިންމުމާއެކުު ހަނީފް މިހާރު ވަނީ އޭނާ ހުރި މަގާމުން އިސްތިއުފާ ދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުކަމުން މިހާރު އިސްތިއުފާ ދީފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހަނީފް ހުންނެވިއިރު، މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހަދައިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައިގަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހަނީފް ހާޒިރު ކުރި އެވެ. އެއީ ފަނޑިޔާރުންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމި ކޮމިޓީއަށާއި މައްސަލައިގެ ތަހުގީގަށެވެ.
މައްސަލައިގެ ތަހުގީގުގައި ހަނީފް ދިން ބަޔާނުގައި ތިން ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމުނު ނަމަވެސް، އަދި އެ މައްސަލައިގައި ޖަވާބުދާރީ ވާން ފަނޑިޔާރުންނަކަށް ނާންގަ އެވެ.
ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމާފައި ވަނީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރަލްދާ އާއި މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހު އެވެ. ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ. އޭގެފަހުން އެ ކޮމިޓީގެ ބައްދަލުވުމެއް އަދި ބާއްވައިފައެއް ނުވެ އެވެ.
މުއިއްޒު ގެންދަވަނީ, ސުޕްރިމް ކޯޓަށް ނުފޫޒު ފޯރުވުމަށް އެ ކޯޓުގެ ބެންޗު ސަރުކާރުގެ ގޮނޑިކޮއްކޮ ބެންޗަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ރިޝަވަތުގެ ފައިސާ ދިނުމުގެ އިތުރުން ސަރުކާރާއި ކުންފުނިތަކުން އިސް މަގާމްތައްވެސް މުއިއްޒު ގެންދަވަނީ ހުށަހަޅުއްވަމުންނެވެ.