ސިޔާސީ ޕާޓީއެއް އުފައްދަން ޖެހިލުންވާތީ، އިސްލާމް ދީނުގެ ރީތިނަން ބޭނުންކޮށްގެން އުފައްދާފައިވާ ސިޔާސީ ޖަމިއްޔާ ސަލަފަށް މުއިއްޒުގެ ދޮގާއި ކޮރަޕްޝަނާއި، ވައްކަމާއި އަނިޔާވެރިކަން ރަނގަޅެވެ. އެއިން އެއްވެސް ކަމަކަށް ޗުޕްއޭވެސް ދުވަހަކުވެސް ބުނެ ނުލައެވެ. ސަލަފު އޮތީ މުއިއްޒުގެ އަނިޔާވެރިކަމުގައި ފިރުމަދޭށެވެ. ސަލަފު ޖަމިއްޔާގެ ރައީސް އަކީ ސާޖިދާގެ ބޭބެއެކެވެ. ދިވެހިންގެ މައްޗަށް ފާވެފައިވާ މި ހިތްދަތި އަނދިރި ކަމުގައި ސަލަފު ކުޅެމުން ދަނީ މުއިއްޒަށް ވުރެ ނުބައި ދައުރެކެވެ.
އެ ދައުރަކީ ކަނޑައެޅިގެން އިސްލާމް ދީން ނަހީ ކުރައްވާފައިވާ ދޮގު ހެދުމާއި، ވައްކަމާއި، ކޮރަޕްޝަނާއި، މީހުންނަށް އަނިޔާވެރިވެ، ނިކަމެތިކަން ވެރިކޮށް، ޤައުމުގެ ކޯޓުތަކަށް އަތްބާނައި، ނާއިންސާފު ޤައުމުގެ މައްޗަށް ހިންގަމުންދާއިރު، އަދި މިކަން ޝައްކެއް ނެތް މިންވަރަށް މުޅި ޤައުމަށް ފާޅުވެ، އެނގެމުންދާއިރުވެސް، މާތް ﷲ ނަހީ ކުރައްވާފައިވާ ބޮޑުވެގެންވާ މި ހުރިހާ ފާފައާއި މުންކަރާތްތަކަށް ސަލަފުގެ ވެރިން ތާޢީދުކޮށް، އެކަންކަމާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނުމެވެ.
“ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި މައުޟޫޢުގައި އަދަދު ނޫހުގައި ލިޔެފައިވާ އާރޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތި” ކަމަށް ލިޔެފައިވަނީ ހަގީގަތަށެވެ. ނަމަވެސް އެއީ ރޯ ބުހުތާނު ދޮގު ކަމަށް ބުނެ ބަޔާން ނެރެފައިވަނީ އަދަދު ނޫހާއި މެދު ސަލަފު ޖަމްއިއްޔާއިން ގެންގުޅޭ އަދާވާތްތެރި ކަމެއްގެ ސަބަބުންނެވެ. އެ އަދާވާތްތެރި ކަމަކީ މުއިއްޒުގެ އަނިޔާވެރިކަމާއި ވައްކަމާއި ދެކޮޅަށް އަދަދު ނޫހުން ބަސްބުނާ ބުނުމެވެ.
އަން ނިސާ ސޫރަތުގައި 135 އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
- އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އަދުލު ވެރިކަން ގާއިމު ކުރާބަޔަކުކަމުގައި ކަލޭމެންވާށެވެ! އަދި ﷲ އަށް ހެކިދޭ އެކަލާނގެ ހެކިވެރިންކަމުގައި ކަލޭމެންވާށެވެ. ކަލޭމެންގެ އަމިއްލަ ނަފުސު ތަކުގެމައްޗަށް ނަމަވެސް ނުވަތަ މައިންބަފައިންގެ މައްޗަށް ނަމަވެސް އަދި ގާތްތިމާގެ މީހުންގެމައްޗަށް ނަމަވެސް މެއެވެ. (އަދުލު ވެރިވުން ހުއްޓެވެ. އަދި އެހެކިދެވޭ މީހާއީ) މުއްސަންޖަކުކަމުގައިވިޔަސް ނުވަތަ ފަގީރު އަކުކަމުގައި ވިޔަސް ﷲ ތަޢާލާ އެދެމީހުންނަށް އައުލާ ވެގެންވެއެވެ.
ވެރިކަމުގައި ހުރި މުއިއްޒު އަނބިކަބަލުންނާއި ސަލަފު ޖަމިއްޔާ އާއި އޮތް ގުޅުމުގެ ސަބަބުން ކަމުގައިވިއަސް، ނުވަތަ އާސަންދަ ނުދެވި ރައްޔިތުން ބަލި ހާލުގައި ތިބެން ޖެހުނު ނަމަވެސް، ސަލަފުގެ ވެރިން ހިންގާ އެކި ހަރަކާތްތަކަށް ސަރުކާރު ކުންފުނިތަކުން ސްޕޮންސާ ދެމުންދާތީ ކަމުގައި ވިއަސް، ނޫނީ އެމީހުންގެ ވެރިންނާއި އާއިލާގެ ފަރާތްތަކަށް ވަޒީފާއި ދީފައި ވިއަސް، ރައްޔިތުންގެ މައްޗަށް މިވަރަށް ވަމުންދާ އަނިޔާ ދިފާޢުކޮށް، އަދި އެ އަނިޔާއާއި ވާހަކަ ދައްކާ އަދަދު ނޫސް ފަދަ ފަރާތްތަކާއި މެދު މިވަރުގެ އަދާވާތްތެރި ކަމެއް ބެއްވުމުން މި މީހުންގެ ފެންވަރު ރައްޔިތުންނަށް ހާމަވެގެން ދެއެވެ.
ސަލަފުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި، އަދަދު ނޫހުން ލިޔެފައިވާ ވާހަކަ ދޮގު ކޮށްފައިވާއިރު، އެއީ ދޮގެއް ކަން ޝައްކެއް ނެތް މިންވަރަށް ސަލަފަށް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ސަލަފުގެ ހުރިހާ ވެރިންނެއް އެމީހުންނާއި މުއިއްޒު އާއި ދެމެދު ހިނގާ މުއާމަލާތްތަކެއް ޖަމިއްޔާގެ އިސް މެމްބަރުންނަށް ކިޔާ ދިނުމެއް ނޯވެއެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް މި ޖަމިއްޔާގެ ގަވާއިދަކުވެސް ލިޔެފައި ނުވެއެވެ.
ސަލަފު ޖަމިއްޔާ އަކީ ތެދުވެރި ބައެއް ނަމަ، އެ ޖަމިއްޔާގެ ބަޔާނުގެ އޮންނާނީ، ރަސްމީ ހައިސިއްޔަތުން އެފަދަ ކަމެއް މުއިއްޒު އެ ޖަމިއްޔާ އާއި މަޝްވަރާ ނުކުރާ ވާހަކައެވެ. އަދަދު ނޫހާއި މެދު ސަލަފު ޖަމިއްޔާއިން ދޮގު ހެދިކަމަށް ކޮށްފައިވާ ތުހުމަތަކީ އިސްލާމީ ޖަމާއަތަކުން އެއްވެސް އަސާސެއް ނެތި ކުރާނެ ތުހުމަތެއް ނޫނެވެ.
މުއިއްޒު ދެކެ ކިތަންމެ ރުހުނަސް، މުއިއްޒުގެ ފަރާތުން ލިބޭ ދުނިޔެވީ މަންފާތައް ކިތަންމެ ގިނަވިއަސް، ތެދު ބަސް ބުނާ ފަރާތްތަކާއި މެދު ތިހާ ނަފްރަތުވެ ނުރުހި ނުގަންނާށެވެ.
އެއްވެސް ހެއްކެއް އެއްވެސް އަސާސެއް ނެތި، އަދަދުން ލިޔުނު ލިޔުމަކީ ދޮގެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތި އެއީ ދޮގެއް ކަމަށް ސަލަފުން ބުނި އިރު، އަލް-އިސްރާ ސޫރަތުގެ 36 ވަނަ އާޔަތް ސަލަފުގެ މި ބަޔާން ނެރުނު މީހުންނަށް ހަދާން އާ ކޮށްދެމެވެ. އެ އާޔަތުގެ މާނާގައިވެއެވެ.
އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. ގިޔާމަތް ދުވަހުންނެވެ.
މުއިއްޒުގެ ދޮގާއި، ވައްކަމާއި، އަނިޔާ ދިފާއު ކުރުމުގެ އިތުރަށް ސަލަފުން މި ކަނޑައްތު ކުރީ އިތުރު ނުބައި ހަރުފަތެކެވެ. އެއީ ސަރުކާރާއި ދެކޮޅަށް ތެދު ބުނާ ފަރާތްތަކާއި ޖެހިގަނެ، އެ ފަރާތްތަކުގެ ތެދުބަސް ހިމޭންކޮށް، ހަޤީގަތް އޮޅުވާލުމަށް ސަލަފުން މަސައްކަތް ފެށި ފެށުމެކެވެ.