ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ، ތިމަންނާއަކީ މި އެކުލަވާލާ މުއިއްޒުގެ ސަރުކާރުގެ އިސް ބައެއް ކަމުގައެވެ. ނަޝީދު އުއްމީދު ކޮށްގެން ހުރީ ކެބިނެޓުން ބައެއް އެމަނިކުފާނުގެ ޕާޓީގެ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ. މަސައްކަތް ވެސް ކުރެއްވީ އެމަގުންނެވެ. އަމިއްލަ ފުޅަށް، ފޮރިން މިނިސްޓަރުކަން ނަޝީދަށް ދިނުމަށް ވެސް އެދިފައިވެއެވެ. ނަމަވެސް، ކާނަލް ނާޒިމް ޕާޓީގެ މެމްބަރުންނަށް މުއިއްޒުގެ ސަރުކާރުން ލިބުނުވަރުގެ ޖާގައެއްވެސް ޑިމޮކްރެޓްސްއަށް ނުލިބުނެވެ. މުއިއްޒުގެ ކެބިނެޓުގެ ތަފްސީލް މީޑިޔާއަށް މިހާރު ހާމަވެފައިވާއިރު، ރައީސް ނަޝީދު އެދިވަޑައިގެން ގޮތަށް، އެންމެ ފަރާތަކަށްވެސް މުއިއްޒުގެ ކެބިނެޓުން ޖާގައެއް ނުދެއްވިއެވެ.
މުއިއްޒުވެސް ވަނީ ރައީސް ނަޝީދާއި، އެ ޕާޓީގެ މެމްބަރުން، އޭނާ ހޮވުމަށް ބުރަ މަސައްކަތް ކޮށްފައިވާކަން ފާހަގަ ކޮށް ޝުކުރުވެސް އަދާކޮށްފައެވެ. ނަމަވެސް މުއިއްޒު ސިޔާސީ މަގާމުތަކަށް ނަގަމުން ދަނީ ސީދާ އޭނާއަށް ވަފާތެރި މީހުންނެވެ. ރައީސް ޔާމީނުގެ މީހުންވެސް ވަނީ ބާކީ ކޮށްލާފައެވެ. ރައީސް ޔާމީނުގެ މީހުންގެ ތެރެއިން މުއިއްޒަށް ބައިއަތު ހިފާ ބަޔަކަށް ނޫނީ މަގާމުތަކެއް ނުދެއެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ ބަޔަކަށް ސިޔާސީ ގޮތުން، އެކަށީގެންވާ ވަރުގެ އެއްވެސް މަގާމެއް ދިނުމަކީ ވަރަށް ނާދިރު ކަމެއްކަމުގައި މުއީއްޒުގެ ގާތް ބޭފުޅުން ވިދާޅުވެއެވެ.
ނަޝީދު އެމްޑީޕީގެ ވެރިކަން ގެއްލުވާލަން ކުރި މަސައްކަތުން ބާކީވެ އެކަނިވެރިވެގެން މި ދަނީ ނަޝީދެވެ. ވީ ކާމިޔާބެއް ނެތެވެ. ބޮޑު ޕާޓީއަކުން ނުކުމެ އުފައްދާ އެއްވެސް ކުޑަ ޕާޓިއެއް މިހާތަނަށް ކުރިއަރައިގެން ގޮސްފައެއްވެސް ނެތެވެ. ޕީޕީއެމް އަކުން ނުވަތަ ޕީއެންސީ އަކުން، ނަޝީދު ޕާޓީ ބަޔަކަށް ދުވަހަކުވެސް ހެވެއް ނޭދޭނެއެވެ. އަދި ޕީޕީއެމް ޕީއެންސީ ތެރެއިން ނަޝީދަށް ސިޔާސީ ކުރިމަގެއް ކޮށައިދޭނެ އެއްވެސް ފަރާތެއް ނުހުންނާނެއެވެ. ނަޝީދުގެ ސިޔާސީ ހަޔާތް ފެންނަނީ ކުރިއަށް އޮތްތާގައި އިތުރަށް ބަލިކަށިވެގެންދާ މަންޒަރެވެ.